ސްކޫލު ނިންމާ ދަރިވަރުން ހޭލުންތެރިކުރުމަށް "ނޯ ކެޕް ޖަސްޓް ފެކްޓްސް" ގެ ނަމުގައި ކެމްޕެއިނެއް ފަށައިފި
ސްކޫލު ނިންމާ ދަރިވަރުން ހޭލުންތެރިކުރުމަށް "ނޯ ކެޕް ޖަސްޓް ފެކްޓްސް" ގެ ނަމުގައި އެމްއެންޔޫގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޑިގްރީ ދަރިވަރުން ކެމްޕެއިނެއް ފަށައިފިއެވެ.
މައުލޫމާތު ކަށަވަރުކުރުމުގެ މުހިންމުކަމަށް ހޭލުންތެރިކުރުމަށް އެމްއެންޔޫގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޑިގްރީ ދަރިވަރުން ކުރިއަށްގެންދާ ކެމްޕެއިންގެ ދަށުން އަންނަ ހޯމަ ދުވަހު ފޯރަމެއް ބާއްވަން ތައްޔާރުވެފައިވާ ކަމަށް ގައުމީ ޔުނިވާރސިޓީ، (އެމްއެންޔޫ) އިން ބުނެފިއެވެ.
މި ކެންޕޭނަކީ ސްކޫލުތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުން އަދި އާއްމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އަންނަ ހޯމަ ދުވަހު ބާއްވާ ފޯރަމްއެކެވެ. އަދި މި ފޯރަމްގައި ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ދަސްކޮށްދޭނެ އެވެ.
މީގެއިތުރުން، މައުލޫމާތު ފެތުރުމުގެ ކުރިން އެއީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރަން ބާރުއެޅުމުގެ މަގުސަދުގައި ހިންގާ މި ކެމްޕެއިންގެ ދަށުން ބާއްވާ ފޯރަމްގައި މައުލޫމާތު ދޭނީ އެ ދާއިރާއެއްގެ ތަޖުރިބާކާރުން ކަމުގައި އެމްއެންޔޫއިން ބުނެފައިވެއެވެ.
އެ ޕެނަލިސްޓުންގެ ތެރޭގައި ނޫސްވެރިއަކާއި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މީހަކާއި ޓެކްނޮލޮޖީ ދާއިރާގެ މީހެއް އަދި ގާނޫނީ މަސައްކަތުގެ ތަޖުރިބާކާރެއް ހިމެނޭނެ ކަމަށް ވެއެވެ.
އަދި ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި އެކަމަށް ގެނެވޭނެ ހައްލުތަކަށް މި ފޯރަމްގައި އަލިއަޅުވާލާނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުނެފައިވެއެވެ.
"ވީހާ ވެސް އިންޓަރެކްޓިވްކޮށް މި ފޯރަމް ގެންދާނީ. އޯޑިއަންސްއަށް ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބޭ ގޮތަށް މިކަން ރާވާފައިވަނީ."
އެމްއެންޔޫގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޑިގްރީ ދަރިވަރުން
އެ ހަރަކާތް އިންތިޒާމްކުރާ ދަރިވަރުން ބުނީ އެއް ގަޑިއިރަށް ގެންދަން ނިންމާފައިވާ ފޯރަމްގެ ތެރޭގައި ތެދު މައުލޫމާތާއި ދޮގު މައުލޫމާތު ދެނެގަންނާނެ ޓޫލްތައް ވެސް ކިޔައިދޭނެ ކަމަށެވެ.
އަދި މިއީ, އޭއައި އަދި ޑިޖިޓަލް މީޑިއާ ކުރިއަރަމުން އަންނަ މި ޒަމާނުގައި ކޮންމެހެން ވެސް އެނގެންޖެހޭ މުހިއްމު މައުލޫމާތު ލިބޭނެ ފޯރަމެއް ކަމަށް އިންތިޒާމްކުރާ ދަރިވަރުން ބުނެފައިވެއެވެ.
އެ ފޯރަމްގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް މިހާރު ރަޖިސްޓްރީވާން ވެސް ވަނީ ހުޅުވާލައިފަ އެވެ.
https://docs.google.com/forms/d/e/1FAIpQLSfqlOV3gEi35QhpiWbsXWhsxKKBkcmYnFHv0NNpLFTx6inQ7Q/viewform
އެ ހަރަކާތް އިންތިޒާމްކުރާ ދަރިވަރުން ބުނީ ރަޖިސްޓްރީވެ, އޭގެ ބައިވެރިންގެ މެދުގައި ގުރުއަތުލުން ނަގާނެ ކަމަށެވެ. އަދި އެއްވަނަ ލިބޭ ދަރިވަރަކަށް އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް ދޭން ނިންމާފައިވާ ކަމަށް އެ ދަރިވަރުން މައުލޫމާތު ދީފައިވެއެވެ.