މާފުށި ޖަލުގައި އަންހެން ގައިދީންނަށް ރިހެބިިލިޓޭޝަން ސެޝަންތަކެއް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ދެވަނަ ފޭސްގެ ދެ ބެޗް، މާފުށީ ޖަލުގެ އަންހެން ޤައިދީންނަށް ފަށައިފިއެވެ.
ކަރެކްޝަންއިން ބުނީ، މާފުށީ ޖަލުގައި ތިން މަސް ދުވަހަށް ކުރިއަށްދާ މި ސެޝަންގައި ޖުމްލަކޮށް 12 ގައިދީން ބައިވެރިވެފައިވާކަމަށެވެ.
ފްރޭމްވޯކްގެ ދެވަނަ ފޭސްގައި ކުރިއަށްދާނީ “ސައިކޮލޮޖީ ޕްރޮގްރާމް”ތަށް ކަމަށާއި މި ފޭސްގެ މަގްސަދަކީ ޤައިދީންނަކީ ނަފްސާނީ ގޮތުން ވަރުގަދަ ބައެއް ކަމުގައި ހަދައި، އެމީހުން ކުށުގެ ވެށިން ސަލާމަތްކޮށް، އަމިއްލަ ނަފްސަށް އިތުބާރުކުރާ ފަރުދުންތަކެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރެދިނުން ކަމަށް ކަރެކްޝަންއިން ބުނެފައިވެއެވެ.
ކުރިއަށްދާ ސެޝަންތަކުގެ ތެރެއިން - ފޮޓޯ: ކަރެކްޝަންސް
ކަރެކްޝަންއިން ބުނީ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.