ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަން އުޅޭ ކަމަަަށް އެމްޑީޕީން ތުހުމަތުކޮށްފި
ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހާމަނުކުރާތީ، އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން ބުނީ މިކަމާއި ގުޅިގެން މަޝްވަރާކުރުމަށް މި މަހުގެ 12 ވަނަ ދުވަހު މި ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައި ކަމަށެވެ. އަދި ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުންފަދަ، އެކިއެކި ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ވެރިން ދަނީ ދައްކަވަމުން ކަމަށް އެ ޕާޓިީން ބުންޏެވެ. އެހެން ނަމަވެސް، އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރުވެސް، އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިނުވާ ކަމަށާއި އަދި އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް ނުވަތަ ހިޔާލަށް ހުޅުވައިލައިފައިވެސް ނުވާ ކަން އެ ޕާޓީން ފާހަގަ ކުރިއެވެ.
އެހެންކަމުން، ބަދަލުތަކެއް ގެންނަން އުޅޭކަން އެނގުނު ނަމަވެސް ، އެއީ ކޮން ބަދަލުތަކެއްކަން މިހައިތަނަށް ސާފުވެފައިނުވާކަމަށާއި މި ކަމުގެ ސަބަބުން، އެ ޕާޓީން އަދި އެހެނިހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ގަސްތުކުރާ ފަރާތްތަކަށްވެސް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވެގެން ދާނެ ކަމަށް އެމްޑީޕީން ބުންޏެވެ. ސިޓީތަކުގައި އެކުލެވޭ ދާރިރާތައް ކަނޑައަޅައިފައި ނުވުމުގެ ސަބަބުން، އެ ތަންތަނުގައި ޕްރައިމަރީ ބާއްވާފަހުން އަންނަ ބަދަލާއެކު އަލުން ކެންޑިޑޭޓުން ކަނޑައަޅަންޖެހުން ނުވަތަ ޕްރައިމަރީ ބާއްވަންޖެހިދާނެ ހާލަތު ދިމާވުންފަދަ އެތަކެއް ގޮންޖެހުންތަކެއް އެ ޕާޓީއަށް ދަނީ ކުރިމަތި ވަމުންދާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
މީގެއިތުރުން އެ ޕާޓީން މިކަމާއި ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ޕާޓީން އިލެކްޝަން ކޮމިޝަނާ ކުރެއްވި ބައްދަލުވުމުގައި މި ކަންކަމުގެ ކަންބޮޑުވުން ހިއްސާކުރުމުން، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރާވަމުންދާ ބަދަލުތަކަކީ ކޮބައިކަން އެ ކޮމިޝަނަށް ވެސް އަންގައިފައިނުވާކަމަށް ކޮމިޝަނުން ބުނެފައި ވާކަމަށެވެ. އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލާމެދު އެ ކޮމިޝަނުގެ އެއްވެސް މަޝްވަރާއެއް ހޯދައިފައި ނުވާކަމަށްވެސް ބުނެފައިވެއެެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން، އިންތިހާބީ ދާއިރާތަކާއި، ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، އަދި ކެންޑިޑޭޓުންގެ ޝަރުތުތައް ފަދަ، ލާމަރުކަޒީ ނިޒާމުގެ އަސާސީ ސިފަތަކާއި އުސޫލުތަކަށް އެންމެ ފަހު ވަގުތު ބަދަލު ގެނެސް، މި އިންތިހާބަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ރާވައިފައިވާކަމެއް ކަމަށް އެމްޑީޕީން ވަނީ ސަރުކާރަށް ތުހުމަތު ކޮށްފައެވެ.
އަދި އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަ ކަމުގައިވާނަމަ، އެކަން އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކަށް ދުލާރައި އެންގުމާއެކު، ރައްޔިތުންނަށް އަވަހަށް ހާމަކުރުމަށް ސަރުކާރަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.