Advertisement

ޣައްޒާ މަސްރަޙް: ލިބުނީ ރަނގަޅު ހަށިތަކެއް ނޫން ! – ޣައްޒާގައި އިސްރާއީލު ސިފައިން ގާއިމުވެތިބި ސުލްހަ ނުގެނެވޭނެ !

02 Nov 2025 | 03:22
ޣައްޒާގައި ޓެންޓްތައް ގާއިމުކޮށްފައިވާ އެއް ސަރަހައްދު - އޭޕީ ފޮޓޯ: އަބްދުލްކަރީމް ހަނާ

ޣައްޒާ މަސްރަޙްގައި މިއަދު މިއޮތީ މައިގަނޑު ދެ ވާހަކައެކެވެ. އެއް ވާހަކައަކީ އިއްޔެ ހަމާސް އިން ފޮނުވި ދެ ހަށިގަނޑަކީ އަސީރުންނަށް ނިސްބަތްވާ ހަށިތަކެއް ނޫންކަމަށް އިސްރާއީލުން ބުނި ބުނުމާއި ޣައްޒާގެ އެތެރޭގެ ސުލްޙަ މަސަލަސް ގާއިމުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކައެވެ.

ފުރަތަމަ ވާހަކައަށް ޖެހިލާއިރު ނަތަންޔާހޫގެ އޮފީހުން ރޭގެ މެންދަމުގެ ވަގުތެއްގައި ބުނެފައިވަނީ އިއްޔެ ހަމާސް އިން ހަވާލުކުރި ދެ ހަށިގަނޑަކީ ނުވަތަ ހަށިތަކުގެ ބައިތަކަކީ އެއްވެސް އަސީރަކަށް ނިސްބަތްވާ ހަށިތަކެއް ނޫން ކަމަށެވެ.

Advertisement

ބަދުގައި ބޮލަކަށް 15 ހަށިގަނޑުގެ މަގުން ޖުމުލަ 30 ހަށިގަނޑެއް އިސްރާއީލުން ޣައްޒާއަށް ފޮނުވާފައިވާއިރު އިސްރާއީލުން މިކަމާ އަނެއްކާވެސް ބޮޑާ ހޭކުމާއެކު ހަމަލައެއް ދީފާނެކަމާއިމެދު އުފެދޭ ސުވާލު ބޮޑެވެ.

ޣައްޒާގެ ޞިއްޙީ ނިޒާމު އެކުގައިހެން ފެއިލުވެފައިވާއިރު އަދި ޣައްޒާގެ ބޮޑު އިންސައްތައެއްގެ އިމާރާތްތަކާއި މުޅި ޣައްޒާގެ ލޭންޑްސްކޭޕްގެ ބޮޑު ބައެއް ހަލާކުވެފައިވާއިރު ގާކުނޑިތަކާއި ވެލިތަކުގެ ދަށުން އަސީރުންގެ ހަށިތައް ހޯދުމަކީ ބޮޑު ގޮންޖެހުމެއް ކަމުގައި ހަމާސް އިން އަންނަނީ ބުނަމުންނެވެ. ހަމަ އެހެންމެ ހަށިތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ޑީއެންއޭ ތަހުލީލު ކުރުމުގެ ގާބިލުކަން ޣައްޒާ ޞިއްޙީ ނިޒާމުގައި ނެތްކަންވެސް ހަމާސް އިން އަންނަނީ ފާހަގަކުރަމުންނެވެ.

ޣައްޒާ މަސްރަޙުން ދެވަނައަށް މިވަގުތަށް އޮތް އެންމެ ބޮޑު ވާހަކައަކީ ޣައްޒާގެ އެތެރޭގެ ސުލްޙަ މަސަލަސް ގާއިމުކުރުމަށް އޮތް ގޮންޖެހުމުގެ ވާހަކައެވެ.

ބަހްރޭނުގައި މިހާރު ކުރިއަށްދާ މެނަމާ ޑައިލޮގު ސެކިއުރިޓީ ސަމިޓުގައި އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ފާހަގަކުރެއްވީ އިސްރާއީލުގެ ފައުޖުތައް ޣައްޒާގެ 53 އިންސައްތައިގާ ގާއިމުވެ ތިބެގެން ސުލްޙަ ގާއިމުކުރުން ދަތިވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްވެ ހުރެ އެކުލަވައިލި، މައިގަނޑު 20 ނުކުތާގެ ސުލްހައިގެ މަގުޗާޓުގައި ފާހަގަކުރާ އަދި އެންމެ ބޮޑަށް ބާރުއަޅާ އެއް ކަމަކީ މިސްރާއި އުރުދުން ލީޑުކުރާ ބައިނަލްއަގުވާމީ ސުލްހައިގެ ފައުޖެއް ޣައްޒާގެ ތެރޭގައި އެކުލަވައިލުމުގެ ވާހަކައެވެ. އެ ފައުޖަށް އަސްކަރީ އޮފިޝަލުން ފޮނުވަން ގިނަ ޤައުމުތަކަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނައިރު އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ އެއް ޤައުމަކީ މުސްލިމު އާބާދީ އެންމެ ބޮޑު އިންޑޮނޭޝިޔާއެވެ. އެހެން ނަމަވެސް އިންޑޮނޭޝިޔާއިންވެސް ބުނަނީ އދ ސަލާމަތީ ކަންތައްތަކާ ބެހޭ މަޖިލީހުން އެކަމަށް އުސޫލު އެކުލަވައިލުމުން ނޫނީ އެކަން އަދި ނުވާނެ ކަމަށެވެ.

10 އޮކްޓޯބަރުން ފެށިގެން ހަމަލަތައް ހުއްޓާލާފައިއެވަނީ ސުލްހައިގެ މަގުޗާޓުގެ ފުރަތަމަ މަރްޙަލާއަށް އިސްރާއީލާއި ޣައްޒާއިން އެއްބަސްވެގެންނެވެ. ފުރަތަމަ މަރްޙަލާގައި އޮތީ މައިގަނޑު ގޮތެއް އަސީރުންނާއި ހައްޔަރީން ބަދަލުކުރުމެވެ. އެ މަރްޙަލާ ބާރު ސްޕީޑެއްގައި ކުރިން ދިޔަނަމަވެސް ގޮންޖެހުންތަކާ ހެދި އަދި 11 އަސީރެއްގެ ހަށިގަނޑު އަދި ހަމާސް އަށް އިސްރާއީލާ ހަވާލު ނުކުރެވެއެވެ.

މަގުޗާޓުގެ ދެވަނަ މަރްޙަލާގެ މަޝްވަރާތައް މާދަމާ ތުރުކީގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު ދެވަނަ މަރްޙަލާގައި ހަމާސް އިން ހަތިޔާރާއި ޢައްޒާގެ އިދާރީ ބާރު ދޫކޮށްލުން އަދި އިސްރާއީލު ސިފައިން ޣައްޒާގެ ވަކި އިމަކަށް ފަހަތަށް ޖެހުން ހިމެނެއެވެ.  

Advertisement

ކޮމެންޓް