ޣައްޒާ މަސްރަޙް: ދެ ފަރާތުންވެސް ފުރާނަ ނެތް ހަށި ބަދަލުކޮށްފި – އެއްކޮޅުން ތިނެއް – އަނެއްކޮޅުން 30
ޣައްޒާ މަސްރަޙަށް ބަލައިލާއިރު ސުލްހައިގެ މަގުޗާޓުގެ ފުރަތަމަ މަރުޙަލާ އަނެއްކާވެސް ފިރުކިލި މަންޒަރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މިވަނީ ފެނިގެންގޮސްފައެވެ.
އެގޮތުން ރާއްޖޭ ގަޑިން ބަލަނީނަމަ އިއްޔެ މެންދުރުން އަނބުރާ 03:00 ހާއިރު ހަމާސް އިން މިވަނީ އިސްރާއީލަށް ނިސްބަތްވާ ތިން އަސީރެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައެއް ބައިބައި ރެޑްކްރޮސް އާއި ހަވާލުކޮށްފައެވެ. ރެޑްކްރޮސް އިން ވަނީ އެ ހަށިތައް އިސްރާއީލަށް ގެންގޮސްފައެވެ.
ހަމައެއާއެކު އިސްރާއީލުން ވަނީ ހަނގުރާމައިގެ މުއްދަތުގައި އިސްރާއީލުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައިހުރި ފަލަޞްޠީނަށް ނިސްބަތްވާ ފުރާނަ ނެތް ހަށިތަކުގެ ތެރެއިން 30 ފަރާތެއްގެ ހަށިގަނޑު ރެޑްކްރޮސް މެދުވެރިކޮށް ޣައްޒާއަށް ފޮނުވާފައެވެ.
އިއްޔެގެ މި ބަދަލުކުރުމާއެކު ސުލްހައިގެ މަގުޗާޓު މަޑުމަޑުން ނަމަވެސް ކުރިއަށްދާކަމުގެ ތަސައްލީއެއް ލިބިފައިވާއިރު މި ފެށޭ ހަފުތާގެ ހޯމަ ދުވަހު ސުލްހައިގެ މަގުޗާޓުގެ ދެވަނަ މަރުޙަލާގެ މަޝްވަރާތައް ތުރުކީގެ އިސްތާންބުލްގައި ކުރިއަށްގެންދަން މިހާރު ވަނީ ނިންމާފައެވެ.
ސުލްހައިގެ މަގުޗާޓުގެ ފުރަތަމަ މަރްޙަލާ އިއްޔެ އަނެއްކާވެސް މަޑު ދުވެއްޔެއްގައި ކުރިއަށްދާން ފަށާފައިވާއިރު ހަމާސް އިން އަދި 11 އަސީރެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައިބައި އިސްރާއީލާއި ހަވާލުކުރަން ޖެހެއެވެ. އެ ހަށިތައް، ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޣައްޒާގެ ގާކުނޑިތަކާއި ފަސްތަކުގެ ދަށުން ހޯދުމުގެ މަސައްކަތް ހަމާސް އިން އަންނަނީ ކުރަމުންނެވެ.