ޣައްޒާ މަސްރަޙް: ސުލްހަ ބަލަހައްޓާ ފައުޖުގައި ތުރުކީ ހިމަނަން އިސްރާއީލުން ސާފު އިންކާރު ކުރަނީ – ސަބަބަކަށްވަނީ ނަތަންޔާހޫއާ ދިމާއަށް އުރްދުޣާން ގޮވި ގޮވުންތައް !
ޣައްޒާ މަސްރަޙަށް ބަލައިލާއިރު ސުލްހައިގެ މަގުޗާޓުގެ ފުރަތަމަ މަރުޙަލާގެ އަމަލީ މަސައްކަތްތައް އެ ދަނީ ކުރިއަށެވެ. އިސްރާއީލަށް ނިސްބަތްވާ ހަށިތައް ގާކުނޑިތަކާއި ވެލިތަކުގެ އަޑީންވެސް ހޯދައިގެން ހަމާސް އިން އެ ދަނީ އިސްރާއީލަށް ފޮނުވަމުންނެވެ. އަދި އެ ހަށިތައް ލިބޭ ނިސްބަތުން އިސްރާއީލުންވެސް އެދަނީ އިސްރާއީލުން މަރާފައިވާ ފަލަޞްޠީނުގެ ރައްޔިތުންގެ ހަށިތައް އަނބުރާ ފޮނުވަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްވެ އެކުލަވާލާފައިވާ 20 ޕޮއިންޓުގެ މަގުޗާޓުގެ ފުރަތަމަ މަރުޙަލާ މާ ބޮޑު މައްސަލައެއްނެތި ކުރިއަށްދާއިރު އެ މަގުޗާޓުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެމުން އެދަނީ ޣައްޒާގެ އެތެރޭގެ ސުލްހަ ބަލަހައްޓާނެ ބައިނަލްއަގުވާމީ ފައުޖު އެކުލަވާލުމުގެ މަސައްކަތަށެވެ.
ޓްރަމްޕްގެ އެ މަގުޗާޓުގައި ބުނަނީ އަރަބި އަދި މުސްލިމް ޤައުމުތައް ހިމެނޭހެން އެކުލަވާލެވޭ ފައުޖަކުން ޣައްޒާގެ ސުލްހަ ބެލެހެއްޓުމާއި ޣައްޒާގައި ސުލްހަ ބަލަހައްޓާނެ ޢައްޒާގެ ހާއްޞަ ފައުޖެއް ތަމްރީނުކުރުން ބައިނަލްއަގުވާމީ ފައުޖުން ކުރަންވާނެ ކަމަށެވެ.
އެ ފައުޖަށް މުސްލިމް ބައެއް ބޮޑެތި ގައުމުތަކުން މިވަނީ ޝައުގުވެރިކަންވެސް ފާޅުކޮށްފައެވެ. އޭގެ ތެރެއިން އެއް ގައުމަކީ ތުރުކީ އެވެ.
އެހެންނަމަވެސް ތުރުކީ އެ ފައުޖުގައި ހިމަނަން އިސްރާއީލުން މިދަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.
ހަންގޭރީގައި މިވަގުތު ހުރި އިސްރާއީލުގެ ހާރިޖީ ވަޒީރު މީޑިއާއަށް މައުލޫމާތުދެމުން ބުނެފައިވަނީ އެ ފައުޖުގައި ތުރުކީ ހިމަނަން އިސްރާއީލުން ސީދާ ދެކޮޅު ކަމަށާއި އެކަން އެމެރިކާއަށްވެސް އަންގާފައިވާނެ ކަމަށެވެ.
"އެ ފައުޖުގައި ހިމަނާ ގައުމުތަކަކީ އެންމެ ކުޑަމިނުން އިސްރާއީލަށް އިންސާފުވެރި ވިސްނުން ގެންގުޅޭ ގައުމުތަކަކަށް ވާންވާނެ" އޭނާ ބުނެފައިވެއެވެ.
މުރާސިލުން ދެކޭގޮތުގައި އެ ފައުޖުގައި ތުރުކީ ނުހިމަނަން އިސްރާއީލުން އެވަރަކުން އެ ބޭނުންވަނީ ހަނގުރާމައިގެ ތެރޭގައި ތުރުކީގެ ރައީސް އުރުދުޣާން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް މުހާތަބުކޮށް ދައްކާފައިހުރި ވާހަކަތަކުގެ ސަބަބުންނެވެ.
އޭގެ ތެރެއިން އެންމެ ބޮޑު އެއް ވާހަކައަކީ ނަތަންޔާހޫއާއި ހިޓްލަރާ އެއްވަރު ކުރި ކުރުމެވެ. ޕަބްލިކް ސްޕީޗެއްގައި އުރުދުޣާން ވިދާޅުވެފައިވަނީ ނަތަންޔާހޫ އެ ހިންގަނީ ފާޅުކަންބޮޑު އިންސާނީ ގަތުލުއާންމެއް ކަމަށެވެ. އަދި ނަތަންޔާހޫ އަކީ ހިޓްލަރުފަދަ ފަރާތެއްގެ ގޮތުގައިވެސް އުރްދުޣާން ސިފަކުރެއްވިއެވެ.