ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދަނީ އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭގޮތަށް: ރައީސް މުޢިއްޒު
ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ ގޮތަށް ކަމަށާއި، އެގޮތަށް ކުރިއަށް ވަޑައިގަތުމުގައި އެއްވެސް ކަންބޮޑުވުމެއް އަދުގެ ސަރުކާރަށް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ބިލެތްފައްސަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ފުރިހަމައަށް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރަށް އެބައޮތް ކަމުގައި ވިދާޅުވެ ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވިދާޅުވީ، އަދުގެ ސަރުކާރުން ގެންދަވަނީ، އިޤްތިޞާދީ ކަންކަން ރަނގަޅުކުރައްވަމުން، އެތެރެއާއި ބޭރުގެ ދަރަނި ޚަލާސްކުރައްވަމުން، އެކުވެރި ދަޢުލަތްތަކާ މަޝްވަރާކުރައްވައިގެން ބައެއް ދަރަނިތަކަށް ލުއި ގޮތްތައް ހޯއްދަވައި، އެ ލުއިފަސޭހަކަންވެސް ރައްޔިތުންނަށް ހޯއްދަވައިދެއްވަމުންކަމުގައެވެ.
ރޭވުންތެރިކަމާއެކު ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކާމިޔާބު ވަމުން ދާކަމަށާ، އެގޮތުން 2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ޚަލާސްކުރެއްވުމުގައިވެސް ކަންބޮޑުވުމެއް ނެތްކަމުގައި ރައީސް ވިދާޅުވިއެވެ. މި ހުރިހާ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށް ފުރިހަމަ ތަރައްޤީ ހާސިލުކޮށްދެއްވުމަށް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މާލީ ރިޒާވްގެ ޓްރެޖެކްޓަރީވެސް ހުރީ ރަނގަޅު މިޞްރާބަކަށް ކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ކުރުވި މަސައްކަތްތަކަށް ދައްކަންޖެހޭ ފައިސާ ޚަލާސްކުރެއްވުމަށް ކަނޑައެޅުއްވި މުއްދަތުގެ ތެރޭގައި އެކަންވެސް ފުރިހަމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
ހަމަމިއާއެކު، ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމު ކަމުގައި ޤަބޫލުފުޅުނުކުރައްވާ ކަމަށާ، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ އަޑު އައްސަވައިގެން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ނަތީޖާ ފެނިވަޑައިގަންނަވާކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ފުރިހަމަގޮތުގައި ހިއްޕެވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. މި އުސޫލުން ގިނަ ބަދަލުތަކެއް ގެންނަވާ ކަމަށާ، އެ ހުރިހާ ބަދަލަކީވެސް ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށް ގެނެވޭ ބަދަލުތަކެއްކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.