ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ ވ. ރަކީދުއަށް
ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ވ. ރަކީދުއަށް ކަމަށް މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ 24 ގަޑިއިރުތެރޭގައި ވާރޭ (މިލިމީޓަރ) ރެކޯޑު ކުރެވިފައިވާ ރަށްތަކުގެ އަދާހަމައިގައެވެ.
އެގޮތުން 13 އޮކްޓޯބަރުގެ 08:00 އިން މިއަދުގެ 08:00 އަށް ބަލާއިރު ވ. ރަކީދުއަށް 124.7 މިލިމީޓަރުގެ ވާރޭ ރެކޯޑުކުރެވިފައިވާކަމަށް ބުނެފައިވެއެވެ.
އެ އަދާހަމައިން ދައްކާގޮތުގައި ދެވަނަ އަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ކާޑެއްދުއަށެވެ. އެއީ 122.8 މިލިމީޓަރުގެ ވާރޭ އެވެ.
އެ ޢަދަދުތަކުގެ ގިނަކަން އަންދާޒާކޮށްލެވެނީ އިއްޔެ މާލެއަށް ވާރޭ ރެކޯޑު ކުރެވިފައިވާ ޢަދަދަށް ބަލައިލުމުންނެވެ. އެ އަދާހަމައިން އެނގޭގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއަށް ރެކޯޑު ކުރެވިފައިވަނީ 9.1 މިލިމީޓަރުގެ ވާރެއެވެ.
މެޓުން ބުނެފައިވާގޮތުގައި ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ އަންނަ ހުކުރު ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ.