ޞިއްޙީގޮތުން ހަދަންޖެހޭ ޓެސްޓުތައް ރަށުގެ ނިސްބަތުން ނުހެދޭނެ އެއްވެސް ރަށެއް 2026 ނިމޭއިރު ނޯންނާނެ: ރައީސް މުޢިއްޒު
ޞިއްޙަތާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތަށް، އެރަށެއްގެ ނިސްބަތުން، އެރަށެއްގައި ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް، 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަކުރާރުކުރައްވައިފިއެވެ.
ރައީސް، ދިވެހި ރައްޔިތުންނަށް މިފަދައިން ޔަޤީންކަން ތަކުރާރުކޮށް ދެއްވާފައި ވަނީ ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި، އެ އަތޮޅު ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ޞިއްޙީ ދާއިރާއަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވައިގެން ތަރައްޤީކުރައްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިންސާނީ ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންވެސް ޞިއްޙީ ދާއިރާއަށް އިސްކަންދެއްވައިގެން، މިހާރުވެސް ކުރިއެރުންތައް ހޯއްދަވައިދެއްވަމުން ގެންދަވާކަމުގައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި، ދެ އަހަރު ދުވަހުގެ ތެރޭގައި ޞިއްޙީ ލެބޯޓްރީތައް ގާއިމުކޮށް ނިންމެވުމުގެ އަމާޒާ އެއްގޮތަށް، ށ. ނޫމަރާގައިވެސް ލެބޯޓްރީ ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެއިތުރުންވެސް، ރަށުގެ ތަރައްޤީއަށް އެކި ދާއިރާތަކުން ބޭނުންވާ މުހިންމު މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވައި، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ށ. ނޫމަރާގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމަށް ރިޢާޔަތްކުރައްވައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދޯނިއެހެލާނެ ސަރަޙައްދަކާއި، މޫދަށް އެރޭނެ ސަރަޙައްދެއްވެސް ހަމަޖެހިގެންދާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަމިއާއެކު ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ވަރަށް ރަނގަޅަށް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ށ. ނޫމަރާގައި ކުރިއަށްގެންގޮސްދެއްވާނެ ބައެއް މަޝްރޫޢުތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން، ކުޅިވަރުގެ ދާއިރާއިން ޒަމާނީ ފުޓުބޯޅަދަނޑަކާއި، ވޮލީކޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަންދެއްވިއެވެ. އަދި ތަޢުލީމީ ދާއިރާއިން ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
މީގެ އިތުރުން ށ. ނޫމަރާގެ އިންޖީނުގޭގެ މަސައްކަތް ނިންމައި، ރީލޮކޭޓް ކުރުމުގެ މަސައްކަތްތައްވެސް އަންނަ ރަމަޟާން މަހުގެ ކުރިއަށް ނިންމަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިމަސައްކަތް ނިންމުމަށް ފެނަކައަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ހަމަމިއާއެކު ރައްޔިތުންގެ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް އާރް.ޓީ.އެލް ރޫޓު ދިގުވުމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ހައިސިއްޔަތުން ށ. ނޫމަރާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް، ފެބުރުއަރީ 2024 ގައި، ށ. އަތޮޅުގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި، ށ. ނޫމަރާ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ. ޒުވާނުންނަށް ޚާއްޞަ ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކޮށްދެއްވުމާއި، ފުލުހުންގެ ޚިދުމަތް ދޭތަނެއް ޤާއިމުކުރަން ބޭނުންވާކަމުގައި އެ ބައްދަލުވުމުގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއިރު، އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިފަދަ ގިނަ މަޝްރޫޢުތަކަކަށް ވަނީ ޢަމަލީ ސިފަގެނެސްދެއްވާފައެވެ.
ށ. ނޫމަރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތާއި، ޕޮލިސް ސްޓޭޝަން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމާއި، އައު މިސްކިތް ބިނާކުރުމުގެ މަޝްރޫޢު ފެއްޓެވީވެސް ރައީސްގެ މިދަތުރުފުޅުގައި ހިމެނިގެންނެވެ. ހަމަމިއާއެކު، އެމަނިކުފާނު ވަނީ، ށ. ނޫމަރާ ކައުންސިލް އިދާރާގެ އައު އިމާރާތްވެސް ހުޅުއްވައިދެއްވާފައެވެ.