ޢައްޒާ މަސްރަޙް: ހަތް އަސީރަކު މިނިވަންކޮށްފި
ޣައްޒާ މަސްރަޙުގެ އަވަސް އަދާހަމައަކަށް ބަލައިލާއިރު ހަމާސް ޖަމާޢަތުން އިސްރާއީލުގެ ހަތް އަސީރަކު މިވަނީ މިނިވަން ކޮށްފައެވެ.
ރާއްޖޭ ގަޑިން ބަލަނީނަމަ ހެނދުނު 10:17 ހާއިރު ހަމާސް އިން ވަނީ އެ ހަތް އަސީރުން ރެޑް ކްރޮސް އާއި ހަވާލުކޮށްފައެވެ. އަސީރުން އިސްރާއީލަށް ގެންދިޔުމުގެ މެދުވެރިޔަކީ ރެޑް ކްރޮސް އެވެ.
- އެއްމާބަނޑު ދެމީހުން ކަމުގައިވާ އުމުރުން 28 އަހަރުގެ ގާލީ އަދި ޒިވް ބަރްމަން
- އުމުރުން 48 އަހަރުގެ އޯމްރީ މިރަން
- އުމުރުން 22 އަހަރުގެ މަޓަން އެންގްރެސްޓް (މިއީ އިސްރާއީލުގެ ޓޭންކަރެއްގެ ތެރެއިން އަތުލައިގަތް އިސްރާއީލުގެ އަސްކަރީ ފައުޖުގެ މެންބަރެއް)
- އުމުރުން 25 އަހަރުގެ އީތަން މޯރ
- އުމުރުން 24 އަހަރުގެ އެލޯން އޮހެލް
- އުމުރުން 24 އަހަރުގެ ގިލްބޮއާ ދަލާލް
ޣައްޒާގެ ޚާން ޔޫނިސް އިން ބަސްތަކުގައި އަސީރުން ގޮވައިގެން ރެޑް ކްރޮސް އިން ފެށި ދަތުރުގެ ގާފިލާ މީގެ އިރުކޮޅެއް ކުރިން ރާއްޖޭ ގަޑިން ބަލާނަމަ ކުރިން 11:40 ހާއިރު ވަނީ އިސްރާއީލަށް ފޯރާފައެވެ. އެ އަސީރުންނާ ހަވާލުވެފައިވާކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
އެ އަސީރުންނާ އިސްރާއީލުން މިހާރު ހަވާލުވެފައިވާއިރު މިވަގުތު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަންނަނީ މިސްރަށް ދަތުރުކުރަމުންނެވެ.
ޓްރަމްޕްގެ މި ދަތުރަކީ ޣައްޒާގެ ސުލްހައިގެ ސަމިޓުގައި ބައިވެރިވުމަށް ކުރާ ދަތުރެވެ.
ހަމާސް އިން ހަތް އަސީރަކު ދޫކޮށްލާފައިވާއިރު ދިރި ދުނިޔޭގައި ތިބި 20 އަސީރަކު ހަމާސްގެ ބެލުމުގެ ދަށުގައި ތިބޭނެ ކަމަށް އިސްރާއީލުން ގަބޫލުކުރެއެވެ.
ހަމާސް އަދި އިސްރާއީލުން އެއްބަސްވި ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ފެށި ތިންވަނަ ދުވަހަކަށް މިއަދު އިރު އަރާފައިވާއިރު ހަމަލަ ދިނުން ވަނީ އެކުގައިހެން ހުއްޓާލާފައެވެ.
މި ދެ ދުވަހަކު ކުރިއަށްދާނީ އަސީރުން މިނިވަން ކުރުމާއި އިސްރާއީލު ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ ހައްޔަރީން މިނިވަން ކުރުމެވެ.
ސުލްހައިގެ ސަމިޓު މިސްރުގައި މިއަދުން ފެށިގެން ކުރިއަށްގެންދަން ނިންމާފައިވާއިރު ޓްރަމްޕްގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގެ ބައެއް ލީޑަރުންނާއި ފްރާންސްގެ ރައީސް ބައިވެރިވާނެއެވެ.