މާރާމާރީގެ ދެ މައްސަލައެއްގައި ހަ މީހަކު ހައްޔަރު
މާލެ ސަރަހައްދުގައި ހިންގި މާރާމާރީގެ ދެ މައްސަލައަކާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ހަ މީހުންގެ ތެރެއިން ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ޙުސައިން (22އ) އަދި ލ. މާމެންދޫ / މުރިނގު، ރަޖުވާން ލަޠީފް (24އ) ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުގެ 18:10 އެހައިކަންހާއިރު، ސައިކަލެއްގައި ގޮސް، ބޮޑުތަކުރުފާނު މަގު ފޯސްޓު އޮފީސް ކައިރީ ހުރި މީހަކާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.
ގއ. މާމެންދޫ / މޯރާ، ޠާއިފް ރަފީޤު (26އ) އާއި ގދ. ރަތަފަންދޫ / ސަންރައިސް، އަމްސަލް ޢަބްދުﷲ (25އ) އާއި ލ. ގަން / ތުނޑި. ރޯސްބަޑް، އަޙްމަދު ނީޒާދު (29އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ) ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ގުރޫޕު ހަދާފައި ސައިކަލެއްގައި ގޮސް، މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.
މާރާމާރީގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު ޝަމާލް ޙުސައިން (22އ) އާއި ރަޖުވާން ލަޠީފް (24އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާކަމަށާއި އަނެއް ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ހަތަރު މީހުން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުުހުން ބުނެފައިވެއެވެ.