ޣައްޒާ މަސްރަޙް: ސުލްހައިގެ ދެވަނަ ދުވަހަކަށް އަލިވިލެންދާއިރު އުންމީދީ އަޑުތަކެއް !
ދެ އަހަރަށް ދިގުދެމިގެންގޮސްފައިވާ ހުއްޓުމެއްނެތް ހަމަލަތައް ހުއްޓައިލިތާ ދެވަނަ ދުވަހަށް އަލިވިލެންދާއިރު ފެންނަން އޮތީ އުންމީދީ ވާހަކަތަކެކެވެ.
ޣައްޒާގެ ވަޒަންވެރި ރައްޔިތުން އެ ބައެއްގެ ސަހަރަށް އެބަޔަކު އެނބުރި ދިޔުމުގެ ދަތުރު ހާހުން ގުނާލެވޭ ޢަދަދުތަކުން ކުރިއަށްގެންދާއިރު ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް ގޮވާލައި އިއްޔެވެސް އިސްރާއީލުގައި އެއްވުމެއް ބޭއްވިއެވެ. އިއްޔެގެ އެ އެއްވުމުގެ ތަފާތަކީ އެ އެއްވުމުގައި ސުލްހައިގެ ޑީލްގައި އެމެރިކާ ތަމްސީލު ކުރާ ދެ މީޑީއޭޓަރުން ކަމުގައިވާ އެމެރިކާގެ މުސީރު ސްޓީކް ވިޓްކޯފާއި އެމެރިކާގެ ރައީސް ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނާ ބައިވެރިވެ އިސްރާއީލުގެ އެ ފަރާތްތަކާ މުހާތަބު ކުރި ކުރުމެވެ.
އެ ކްރައުޑާ މުހާތަބު ކުރަމުން ޓްރަމްޕްގެ ދަނބިދަރި ކުޝްނާ ބުނެފައިވަނީ ދިރިތިބި އަސީރުން ހޯމަ ދުވަހު ޢާއިލާތަކާ ހަމައަށް ފޯރާނެ ކަމަށެވެ.
ޢައްޒާ މަސްރަޙުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ ސުލްހައިގެ ދަތުރު ކުރިއަށްދާގޮތް މޮނީޓަރކޮށް ކަންކަން ދަނީ ރަނގަޅަށްކަން ކަށަވަރު ކުރުމަށް އެމެރިކާ ސިފައިންގެ 200 ސިފައިން ހިމެނޭ ފައުޖެއް އިއްޔެ އިސްރާއީލުގައި ކޭމްޕްކުރި ކުރުމެވެ. އެ ފައުޖުގެ މަސްޢޫލިއްޔަތަކީ އިންސާނީ އެހީ ޢައްޒާއަށް އެތެރެވުން ކަށަވަރު ކުރުމާއި ސުލްހައިގެ ދަތުރުގައި ސަލާމަތީ ކަންކަން ކަށަވަރުކުރުންކަމުގައި އެމެރިކާއިން ބުނެފައިވެއެވެ.
"މިކަން ހާސިލުކުރާނީ ޢައްޒާ ބިމުގައި އަހަރެމެންގެ އެންމެ ބޫޓު ކިބައެއްވެސް ނުޖެހި" އެ ފައުޖުގެ ކޮމާންޑަރުގެ ގޮތުގައި ފޮނުވާފައިވާ އެޑްމިރަލް ބްރެޑް ކޫޕަރ އިއްޔެ ބުނެފައިވެއެވެ.
އިއްޔެގެ ލަސް ވަގުތެއްގައި މިސްރުގެ ސަރުކާރުން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާގޮތުގައި ޣައްޒާ މަސްރަޙާއިގުޅޭ ސުލްހައިގެ ސަމިޓެއް ހޯމަ ދުވަހު މިސްރުގައި ފަށާނެއެވެ. އެ ސަމިޓުގެ ކޯ-ޗެއާއަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްކަން ފާހަގަކޮށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންވެސް ސުލްހައިގެ އެ ސަމިޓުގައި ބައިވެރިވާނެކަން މިސްރުން ހާމަކުރިއެވެ.
އެސޯސިއޭޓެޑް ޕްރެސްގެ އިއްޔެގެ ޢަދަދުގައި ރިޕޯޓްކޮށްފައިވާގޮތުގައި ހަމާސް އާއި އިސްރާއީލާއި ދެމެދު ސޮއި ކުރެވުނު ސުލްހައިގެ މަގުޗާޓުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގެ ކޮޕީއެއް އެ ނޫސް އިދާރާއަށް ލިބިފައިވެއެވެ.
ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ އަދާހަމަ، އެއްބަސްވުމުގައި ސޮއެ ކުރެވޭތާ 72 ގަޑިއިރުގެ ތެރޭގައި އިސްރާއީލާ ހިއްސާކުރުމަށް އެ އެއްބަސްވުމުގައި ހަމާސް އަށް ލާޒިމުކުރެއެވެ. އިސްރާއީލުގެ ޖަލުތަކުގައި ފުރާނަ ގެއްލިފައިވާ ހައްޔަރީންގެ މަޢުލޫމާތު ހަމަ އެ މުއްދަތުގައި އާންމު ކުރުމަށްވެސް އެ ޑީލު ލާޒިމުކުރެއެވެ.
އަސީރުން މިނިވަން ކުރުމާއި ހައްޔަރީން މިނިވަންކުރުމުގެ މަރުޙަލާތައް ކުރިއަށްގެންދަން އެއްބަސްވެފައިވަނީ މީޑިއޭޓަރުންނާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްގެ ބެލުމުގެ ދަށުންނެވެ. ހަމާސްގެ ބެލުމުގެ ދަށުގައި ދިރި ދުނިޔޭގައި ތިބި 20 އަސީރުންނާއި އިސްރާއީލު ޖަލުތަކުގައި ތިބި ދެ ހާހެއްހާ ހައްޔަރީން (އުމުރަށް ޖަލަށް ލާފައިވާ 250 ހައްޔަރީން ހިމެނޭހެން) މިނިވަން ކުރުން ހޯމަ ދުވަހު ފަށާނެއެވެ.
މި ހާލަތުގައި ޣައްޒާގެ ހާލަތަށް ބަލައިލާއިރު އދ އިން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަނީ އެކަށީގެންވާ ކާބޯތަކެއްޗާއި އިންސާނީ ޒަރޫރީ އެހީ ޣައްޒާގައި ނެތްކަމުގެ ކަންބޮޑުވުމެވެ. އެހެނަސް އެ އެހީ ޣައްޒާއަށް ވެއްދޭނެ އިތުރު ދޮރުތައް މިއަދު ހުޅުވާލަން އިސްރާއީލުން ނިންމާފައިވާކަން ހާމަކޮށްފައިވެއެވެ.
މާރިޗުގައި އިސްރާއީލުގަ ޣައްޒާ އެކުގައި ހިސޯރުކުރިއިރު އދގެ ވޯލްޑް ފުޑް ޕްރޮގްރާމުން ދިޔައީ ޣައްޒާގައި ކާނާ ބަހާ 400 ޕޮއިންޓެއް އޮޕަރޭޓް ކުރަމުންނެވެ. އެ ޕޮއިންޓްތަކުގެ ތެރެއިން 145 ޕޮއިންޓެއް އަލުން ފަށަން ތައްޔާރުވެފައިވާކަމުގައި ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްވެ ހުރެ އެކުލަވާލާފައިވާ މައިގަނޑު 20 ކަމެއް އެކުލެވޭ ސުލްހައިގެ މަގުޗާޓުގައި އެންމެ ބޮޑަށް ބާރު އަޅާފައިވާ އެއް ކަމަކީ ހަމާސް އިން ހަތިޔާރާއި ބާރު ދޫކޮށްލުމުގެ ވާހަކައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫވެސް އަދިވެސް އަޑަށް ބާރުލާފައި ދައްކާ އެއް ވާހަކައަކީވެސް އެ ވާހަކައެވެ.
އެގޮތުން އިއްޔެވެސް ނަތަންޔާހޫ ބުނެފައިވަނީ ހަމާސް އިން ހަތިޔާރާއި ބާރު ދޫކޮށްނުލާނަމަ ހަމަލަތައް އަލުން ފަށާނެ ކަމަށެވެ.
ޣައްޒާގެ އަމަން އަމާންކަމާބެހޭ ދާއިރާއަށް ބަލައިލާއިރު ސުލްހައިގެ މަގުޗާޓުގައި ބުނަނީ އަރަބި އަދި މުސްލިމް ޤައުމުތައް ހިމެނޭހެން ސުލްހަ ބަލަހައްޓާ ފައުޖުތަކެއް ޣައްޒާގެ އެތެރޭގައި އެކުލަވައިލުމުގެ ވާހަކައެވެ. އެފަދަ ފައުޖެއް އެކުލަވައިލުމަށް މިސްރުގެ ރައީސް އަބްދެލް-ފައްތާހް އެލް-ސީސީ އިއްޔެ އދ ގެ ސެކިއުރިޓީ ކައުންސިލަށް ގޮވާލައްވާފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު، ރާއްޖޭ ގަޑީން ބަލަނީނަމަ އެ ދުވަހުގެ ހެނދުނު 08:30 ހާއިރު ފެށުނު ހަމާސް-އިސްރާއީލުގެ ހަނގުރާމައަށް ދެ އަހަރުވެފައިވާއިރު ހަމަލަބަދަލުކުރުންތަކުގައި ޣައްޒާއިން 67،000 ރައްޔިތަކު ސަހީދުވެފައިވެއެވެ. އެ ޢަދަދުގެ 50 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.