Advertisement

ހަމަލަތައް ހުއްޓާލަން އެއްބަސްވުމާއެކު ދެ ފަރާތުންވެސް އުފާ ފާޅުކުރުން ކުރިއަށް !

09 Oct 2025 | 11:14
ޣައްޒާގައި އުފާ ފާޅުކުރުން ފަތިހުން ފެށިގެން ކުރިއަށް - ފޮޓޯ: ރޮއިޓާސް

ދެ އަހަރު ފުރި ތިންވަނަ އަހަރު ގުނަމުން އަންނަ އިސްރާއީލު-ހަމާސް ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާއަށް ދެ ފަރާތުންވެސް އެއްބަސްވެއްޖެއެވެ.

އެކަން އިއުލާނުކުރީ އެ މަގުޗާޓު އެކުލަވާލި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕެވެ.

Advertisement

ޑޮނާލްޑް ޓްރަމްޕް މިއަދު ބުނެފައިވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ވަރަށް އަވަހަށް މިނިވަން ވެގެންދާނެ ކަމަށާއި އިސްރާއީލުން އެ ޤައުމުގެ ފައުޖުތައް ފަހަތައް ޖައްސަން ފަށާނެ ކަމަށެވެ.

"މިއީ ހަރުދަނާ، ދިގުދެމިގެންދާނެ ސުލްހައިގެ ފެށުމެއް، ދެ ފަރާތާމެދުވެސް ޢަމަލުކުރެވިގެންދާނީ ހަމަހަމަކޮށް" ޓްރަމްޕް ބުނެފައިވެއެވެ.

ފުރަތަމަ މަރުހަލާގައި އެއްބަސްވެފައިވަނީ ހަމާސްގެ ބެލުމުގެ ދަށަށް ގެންދިޔަ އަސީރުންގެ ތެރެއިން މިހާރު ދިރި ދުނިޔޭގައި ތިބި 20 އަސީރުން ދޫކޮށްލުމަށެވެ. ބަދަލުގައި އިސްރާއީލުން ޣައްޒާ ބިމުން ފައިބާން ފެށުމެވެ.

ހަމާސް އިން ބުނީ ކީކޭ

ހަމާސް އިން ފުރަތަމަ މަރުހަލާއާއިމެދު ބުނެފައިވަނީ އެއްބަސްވުމަކަށް އާދެވުނީ ޒިންމާދާރު އަދި ހަރުދަނާ މަޝްވަރާތަކެއް ކުރެވިގެން ކަމަށާއި އެއްބަސްވިކަންކަން ރަނގަޅަށް ތަފާތު ކުރުމެއްނެތި ކުރިއަށްގެންދޭތޯ މެދުވެރިން ރަނގަޅަށް ބަލަންވާނެ ކަމަށެވެ.

މަގުޗާޓުގެ މައި މެދުވެރިޔަކީ އެމެރިކާއެވެ. މަޝްވަރާ މަރުހަލާގައި އެންމެ އިސްކޮށް އެމެރިކާގެ އިތުރުން ހަރަކާތްތެރިވަނީ މިސްރާއި ޤަތަރެވެ.

އިސްރާއީލުން ބުނީ ކީކޭ

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލު ރައްޔިތުން މިނިވަން ކުރުމަށް މި މަގުޗާޓަކީ ހެޔޮ ހިތަކުން ޓްރަމްޕް އެކުލަވާލި މަގުޗާޓެއް ކަމުގައި ގަބޫލުކުރާކަމަށާއި "ޑީލް" އަށް ރުހުން ހޯދުމަށް މިއަދު ސަރުކާރު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ޖަވާބު ނުލިބޭ ބޮޑު ބައެއް ސުވާލު

ޓްރަމްޕްގެ މަގުޗާޓުގައި އެންމެ ބޮޑު އެއް ކަމަކަށް އޮތީ ހަމާސް އިން ހަތިޔާރު ބަހައްޓަންޖެހޭ ކަމަށް ބުނާ ބުނުމެވެ. އަދި ބައިނަލްއަގުވާމީ ބާރުތަކުގެ ބެލުމުގެ ދަށުން ވަގުތީ ގަވަނިންގ ބޮޑީއެއް ޣައްޒާގައި އެކުލަވާލުމުގެ ވާހަކައެވެ. ނަމަވެސް ފުރަތަމަ މަރުހަލާގައި އަދި އެއިން ސުވާލަކަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

އަދާހަމަތަކަށް ރާއްޖޭގެ ގަޑިން ބަލައިލާއިރު

އެއްބަސްވުމަކަށް އާދެވިއްޖެކަމަށް ޓްރަމްޕް އިއުލާނުކުރީ ފަތިހު 04:00 ހާއިރުގައެވެ.

04:02 ހާއިރު އެކަން ނަތަންޔާހޫ ކަށަވަރުކޮށްދިނެވެ. އަދި 04:08ގައި ހަމާސްއިންވެސް އެކަން ކަށަވަރުކޮށްދިނެވެ. ހަމަލަތައް އަލުން ނުފަށާނެކަމުގެ ޔަޤީންކަން ލިބިއްޖެކަމަށް ހަމާސް އިން ބުންޏެވެ.

ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް ރަސްމީކޮށް އާދެވިއްޖެކަން ފަތިހު 04:25ގައި ހަމާސް އިން އިޢުލާނުކުރިއެވެ. ހަމާސް އިން ފަތިހު 04:37 ހާއިރު ބުނެފައިބަނީ މި ހަފްތާ ބަންދު ތެރޭގައި، މިހާރު ދިރި ދުނިޔޭގައި ތިބި 20 އަސީރުން މިނިވަން ކުރާނެ ކަމަށެވެ.

އިސްރާއީލު ޖަލުތަކުން ދޫކޮށްލަން އެދޭ ފަލަޟްޠީނު ހައްޔަރީންގެ ލިސްޓު އިސްރާއީލަށް ދީފައިވާކަމަށް ހެނދުނު 06:07 ހާއިރު ހަމާސް އިން ހާމަކުރިއެވެ.

އިސްރާއީލު އަސްކަރިއްޔާއިން އެ އެއްބަސްވުން ބަލައިގަނެ ހާލަތު ތަކަށް ތައްޔާރުކަން 06:36 ހާއިރު އިޢުލާނުކުރިއެވެ.  

ހަމަލަތައް ހުއްޓާލަން އެއްބަސްވުމާއެކު ދެ ފަރާތުންވެސް އުފާ ފާޅުކުރަން ވަނީ ފަށާފައެވެ. ޣައްޒާގެ ބައެއް ރައްޔިތުން ބުނަނީ ޤަބޫލުކުރަންވެސް ދަތި ކަމަށެވެ. އަނެއްކޮޅުން އަސީރުންގެ ޢާއިލާތަކުން އިސްރާއީލުގައި އުފާ ފާޅުކުރަމުން ގޮވަމުންދަނީ ޓްރަމްޕަށް ނޮބެލް ސުލްހައިގެ އިނާމު ހައްގު ކަމަށެވެ.

Advertisement

ކޮމެންޓް
ހުސްނުބާނު
ދުވަސް ނޫހުން ޚަބަރުތައް ގެނެސްދޭގޮތް ވަރަށް ކަމުދޭ، ޚާއްޞަކޮށް ޣައްޒާ މަސްރަޙުގެ ޚަބަރުތައްވެސް ސުވާލެއް ނު އުފެދޭ ވަރަށް، ވަރަށް ތަފުސީލުކޮށް ގެނެސްދޭތީ ވަރަށް ހިތްހަމަޖެހޭ
09 Oct 2025