ޣައްޒާ މަސްރަޙް: ހުއްޓުމެއްނެތް ހަމަލަތަކަށް ފުރުނު ދެ އަހަރުގެ ޢަދަދުތަކަށް ބަލައިލުމެއް !
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 07 ވަނަ ދުވަހުގެ ހެނދުނު، ރާއްޖޭ ގަޑިން ބަލަނީނަމަ 08:30 ހާއިރު ހަމާސް ޖަމާޢަތުން އިސްރާއީލަށް ދިން ބިރުކުޑަ ހަމަލައާއެކު ފެށުނު އިސްރާއީލު-ހަމާސް ހަނގުރާމައަށް އިއްޔެ ހެނދުނު 08:30 އަށް ދެ އަހަރު ފުރުނީއެވެ.
އެ ދުވަހުން ފެށިގެން ހަމަ އެންމެ ދުވަހެއްވެސް މެދުކެނޑުމެއްނެތި ހުއްޓުމެއްނެތި ދެ އަހަރުވާންދެން އިސްރާއީލުން އެ ދަނީ ޣައްޒާއަށް ހަމަލަތައް ދެމުންނެވެ. އާރާސްތުވެފައި އޮތް ޣައްޒާ މިހާރު އެވަނީ އެ ހަމަލަތަކުގައި ސުންނާފަތިކޮށްލާފައެވެ.
ކުރުކޮށް މި ބަލައިލަނީ މި ދެ އަހަރުގެ ނަމްބަރުތަކަށެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހަމަލަތަކުގައި ސަހީދުވި މީހުންގެ ޢަދަދު ވަނީ 67،000 އަށް އަރާފައެވެ. ޒަޚަމްވި ޢަދަދު އުޅެނީ 170،000 އިން މަތީގައެވެ.
ސަހީދުންގެ ތެރޭގައި 18،430 ކުޑަކުދިން ހިމެނޭއިރު އަންހެނުންގެ ޢަދަދަކީ 9،735 އެވެ. އުމުރުން ދުވަސްވީ މީހުންގެ ޢަދަދަކީ 4،429 އެވެ.
ދެ އަހަރުގެ މުއްދަތުގައި ވިއްސި ވިހާލިވެފައިވާ މީހުންގެ ޢަދަދު ދެ މިލިޔަން ހުރަސްކުރާއިރު އެއީ ޣައްޒާގެ 90 އިންސައްތަ އާބާދީކަން ފާހަގަކޮށްލަންޖެހެއެވެ.
ސަހީދުންގެ އަދަދުން ނިންމާލެވޭކަށް ނެތެވެ. ގާކުނޑިތައް ދަށުގައި ތާށިވެފައިވާ ޢަދަދު 6،000 އަށް ވުރެ މަތީގައި އުޅޭއިރު ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާ ޢަދަދު އުޅެނީ 7،000 އިން މަތީގައެވެ.
ހަމަލަތަކުގައި މަންމަ ނުވަތަ ބައްޕަ ގެއްލުނު ކުޑަކުދިންގެ ޢަދަދު 56،000 ހުރަސްކުރާއިރު އިސްރާއީލުން ހިފާ ހައްޔަރުކުރި މީހުންގެ ޢަދަދު އުޅެނީ 2،600 އިން މަތީގައެވެ.
އިސްރާއީލުން ހަމަލަތައް ވަރުގަދަކޮށް ބިމުގެ މަގުންވެސް ޣައްޒާއަށް އަރައިގެންފައިވާއިރު ބައިނަލްއަގުވާމީ މަސްދަރުތަކުން ބުނާގޮތުން ޣައްޒާ ބިމުގެ 75 އިންސައްތަ މިހާރު ހިފާފައިވަނީ އިސްރާއީލުންނެވެ. ޣައްޒާގައި ފަލަޞްޠީނުގެ ދެ މިލިޔަނެއްހާ ރައްޔިތުން ތިބީ ގާތްގަނޑަކަށް އެ ބިމުގެ 36 އަކަ ކިލޯ މީޓަރު ސަރަހައްދެއްގައެވެ.
މީހުން ދިރިއުޅޭ ގެތަކާއި އިމާރާތްތަކުގެ 92 އިންސައްތަ ބިމާހަމަކޮށްލާފައިވާއިރު 1.5 މިލިޔަން ރައްޔިތުން ތިބީ ވަގުތީ ހިޔާއަށް ބޭނުންވާ ހާލަތުގައެވެ. ދަނޑުގޮވާން ހައްދާ 99 އިންސައްތަ ބިން ވަނީ ހަލާކުކޮށްލާފައެވެ. މުޅި އާބާދީގެ 30 އިންސައްތަ ބަނޑުފުރާނަ މުއްތިކޮށްނުލާ އެތައް ދުވަހެއް ވެއަތު ކުރެއެވެ. ބަނޑަށް ޖެހިފައިވާ ނުވަތަ ބަނޑުހައި ހޫނުކަން އިންތިހާއަށް ތަހަންމަލުކުރާ ޢަދަދުވެސް ފަސް ލައްކަ ހުރަސްކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.