Advertisement

ސައޫދީގައި އާންމު ކުލީގެ އަގު ބޮޑުވާތީ ސަރުކާރުން ކުލީގެ އަގުތަކުގައި ފަސް އަހަރަށް ތަޅު އަޅުވައިފި !

08 Oct 2025 | 06:49
ސައޫދީ އަރަބިއްޔާގެ ރިޔާދު -

ސައޫދީ އަރަބިއްޔާގެ ރިޔާދުގައި އާންމުން ދިރިއުޅެން ދޫކުރާ ގެތަކާއި އެޕާޓްމަންޓްތަކުގެ ކުލީގެ އަގު އިންތިހާއަށް ބޮޑުވަމުން އަންނާތީ ފަސް އަހަރަށް އެ އަގުތަކުގައި ތަޅު އަޅުވަން އެ ގައުމުގެ ސަރުކާރުން ނިންމައި އެކަން ތަންފީޒު ކުރަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިސް ނެންގެވުމުގެ މަތިން ކެބިނެޓުން ފާސްކޮށް އެ ނިންމުން ނިންމާފައިވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުލީގެ އަގުތައް 13 އިންސައްތައަށް އުފުލުމުންނެވެ.

Advertisement

އަލަށް އެކުލަވާލައި އަމަލުކުރަންފެށި ކުލި ކޮންޓްރޯލު ކުރާ "ރެންޓް ފްރީޒް" އުސޫލުގައި ބުނާގޮތުން މި އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ހަދާފައިވާ އެއްވެސް އެގްރީމަންޓެއްގައި ބަޔާންކުރާ ކުލީގެ އަގު ކުރިއަށް އޮތް ފަސް އަހަރަށް ބޮޑުކޮށްގެން ނުވާނެއެވެ. އަދި އަލަށް އެގްރީމަންޓެއް ހަދާނަމަ އެންމެ ފަހުން އެ ތަނެއް ކުއްޔަށް ދިނުމަށް ހަދާފައިވާ އެގްރީމަންޓްގައި ބަޔާންކުރާ އަދަދަށްވުރެވެސް ބޮޑުވެގެން ނުވާނެއެވެ.

މި އުސޫލާ ޚިލާފުވާ ފަރާތްތަކަށް އެ ފަރާތުން އެތަނެއް ކުއްޔަށް ދޭ އަގުން މަހަކަށް ޖެހޭ އަދަދު 12 މަހަށް ޖެހޭ ޖުމުލަ އަދަދުން ޖޫރިމަނާކުރާނެކަން އަންގާފައިވެއެވެ. އަދި އެފަދަ ކަމެއް ކުރާކަން ސަރުކާރަށް ރިޕޯޓްކުރާ އާންމު ފަރާތްތަކަށް އެ ފަރާތެއްގެ ކުލީގެ 20 އިންސައްތައާއި ހަމައަށް އިނާމު ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވެއެވެ.

ސައޫދީ އަރަބިއްޔާގައި އާންމު ކުލި އިންތިހާއަށް އުފުލެމުންދާ މައްސަލަ ބޮޑުވެފައިވާތީ އަންނަ ހުކުރު ދުވަހުގެ ހުކުރު ޚުޠުބާވެސް މި މަޢުލޫގައި ކުރިއަށްގެންދިއުމަށް އަންގާފައިވެއެވެ.

Advertisement

ކޮމެންޓް