Advertisement

އދ. ދިއްދޫ ބަނދަރު ނެރު ފައިކަށި ބަދަލުކުރުމުގެ މަޝްރޫޢު އަންނަ މަހު ފެށޭނެ: ރައީސް މުޢިއްޒު

06 Oct 2025 | 20:25
ރައީސް އދ. ދިއްދޫގައި - ފޮޓޯ: ރައީސް އޮފީސް

އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް، އަންނަ ނޮވެންބަރުމަހު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ.

Advertisement

ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު، ދިއްދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދެވި މި މަޝްވަރާބައްދަލުކުރެއްވުމުގައި، ދިއްދޫ ރައްޔިތުންގެ އާންމު އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސް އާއި ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލާއި ރައްޔިތުން ވަނީ ބަނދަރުގެ ނެރުފައިކަށި މިހާރު ހުރިތަނުގެ ގޮތުން ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތައް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢާއި ބެހޭގޮތުން ރައްޔިތުން ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގިނަ ދުވަސްވެފައިވާ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެދަށުން، ނޮވެންބަރުމަހު މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Advertisement

ކޮމެންޓް