Advertisement

ޣައްޒާ މަސްރަޙް: ސުލްހައިގެ މަޝްވަރާތަކަށް ޤަތަރު ހަމަލައިން ސަލާމަތްވި ޚަލީލް އަލް-ހައްޔާ މިސްރަށް

06 Oct 2025 | 04:23
އިސްރާއީލު ހަމަލަތަކުގައި ޣައްޒާގެ ހާލަތު ފެންނަ މަންޒަރެއް -

ހަމާސް ޖަމާޢަތާއި އިސްރާއީލާއި ދެމެދު ބަދަލުކުރެވެމުން އަންނަ ހަމަލަތަކަށް ނިމުމެއް ގެނެސް ޣައްޒާ މަސްރަޙަށް ފިނިކަމެއް ގެނައުމަށް އެމެރިކާއިން ހުށަހަޅާފައިވާ މަގުޗާޓަށް މަޝްވަރާ ކުރުމަށް ހަމާސްގެ ޓީމު މިސްރަށް ދަތުރުކޮށްފިއެވެ.

މިސްރުގެ ޝާމް އެލް-ޝައިޚްގެ ރެޑް ސީ ރިސޯޓުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާ ބައްދަލުވުންތަކަށް ހަމާސްގެ ފަރާތުން ދަތުރުކުރި ޓީމުގެ އިސް ފަރާތެއްގެ ގޮތުގައި މިސްރަށް ގޮސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަމާސްގެ އިސް ލީޑަރުންތަކަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލައިން ސަލާމަތްވި ޚަލީލް އަލް-ހައްޔާއެވެ.

Advertisement

މަޝްވަރާގެ މި ބައްދަލުވުންތަކުގައި އިސްރާއީލުގެ ފަރާތުން ބައިވެރިވާން ހަމަޖެހިފައިވަނީ އިސްރާއީލުގެ ސްޓްރެޓީޖިކް އެފެއާޒްގެ މިނިސްޓަރު ރޮން ޑާމާ އެވެ. އޭނާ މިއަދު މިސްރަށް ދާނެކަމަށް އިސްރާއީލުން ބުނެއެވެ.

މައިގަނޑު 20 ޕޮއިންޓެއްގެ މައްޗަށް އެކުލެވޭ ސުލްހައިގެ މަގުޗާޓު އެމެރިކާއިން ހުށަހެޅުމުން އިސްރާއީލުންނާއި ހަމާސްއިންވެސް ވަނީ އޭގެ ބައެއް ކަންކަމަށް އެއްބަސްވެފައެވެ.

އޮކްޓޯބަރު 7، 2023 ވަނަ ދުވަހު ހަމާސް އިން ދިން ބިރުކުޑަ ހަމަލައިން ފެށުނު ހަމާސް-އިސްރާއިލު ހަނގުރާމައަށް މާދަމާ ދެ އަހަރު ފުރޭއިރު ސުލްހައިގެ އެއްބަސްވުމަކަށް އާދެވުމާއިމެދު މި މަޝްވަރާތަކުގެ އަލީގައި ގޮތެއް ނިމިގެންދާނެ ކަމަށް އެމެރިކާއިން ބުނެއެވެ. އަދި އަރަބި ޤައުމުތަކުންވެސް އެކަމަށް އުންމީދުކުރާކަން ހާމަކޮށްފައިވެއެވެ.

އެމެރިކާއިން ހުށަހެޅި އެ މަގުޗާޓުގެ އުސް އަލިތަކަށް ބަލައިލާއިރު ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އެންމެހާ އަސީރުން ދޫކޮށްލުމާއި އިސްރާއީލު ޖަލުގައި ތިބި ފަލަޞްޠީނުގެ ހައްޔަރީން ދޫކޮށްލުމާއި ޣައްޒާ ބިމުން އިސްރާއީލު ފައުޖުތައް ފޭބުމާއި ހަމާސް އިން ހަތިޔާރު ބެހެއްޓުން ހިމެނެއެވެ.

Advertisement

ކޮމެންޓް