ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ވުމުގެ ދަތުރުގައި ސަނާއީ ޓަކައީޗީ
ބައިނަލްއަގުވާމީ މަސްރަޙަށް ބަލައިލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ޚަބަރަކީ ޖަޕާނުގެ ބޮޑުވަޒީރު ކަމަށް އެ ޤައުމުގެ ތާރީޚުގައި އަންހެނަކު ހޮވަން އުޅޭކަމުގެ ވާހަކައެވެ.
އެ ފަރާތަކީ ޖަޕާނުގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ލީޑަޝިޕް އިންތިޚާބު އިއްޔެ ކާމިޔާބުކުރެއްވި ސަނާއީ ޓަކައީޗީއެވެ.
އެ ޕާޓީއަކީ ޖަޕާނުގެ އެންމެ ބާރުގަދަ ޕާޓީ ނަމަވެސް ޓަކައީޗީއަށް ބޮޑުވަޒީރުކަން ކަށަވަރުވެގެންދާނީ މި މަހުގެ މެދުތެރޭގައި ބާއްވާ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ކަމުގައިވާ ދަ ނެޝަނަލް ޑައިޓުގައި ނެގޭ ވޯޓުންނެވެ. އެ ވޯޓު މި މަހުގެ މެދުތެރޭގައި ނަގާނެ ކަމަށް ބެލެވޭއިރު އެލްޑީޕީއަށް ސާފު މެޖޯރިޓީއެއް އަދި ނެތެވެ. އެހެންނަމަވެސް މަސްރަޙް ދިރާސާކުރާ ފަރާތްތަކުންނާއި މުރާސިލުން ބުރަވަނީ ޓަކައީޗީ އަށް އެކަން ކާމިޔާބުވާނެ ކަމަށެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ މަގާމު ހުސްވެފައިވަނީ ބޮޑުވަޒީރުގެ މަގާމަށް އޮކްޓޯބަރު 2024 ގައި އިންތިޚާބު ކުރެވިގެންދިޔަ ޝިގެރޫ އިޝީބާ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އިސްތިޢުފާ ދެއްވުމާއި ހަމައިންނެވެ.
އިޝީބާ އިސްތިޢުފާ ދެއްވީ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތީގޭގެ އަގުލަބިއްޔަތު އެލްޑީޕީއަށް ގެއްލުމާއި ޕާޓީގެ އެތެރޭގެ ފިއްތުންތަކުގެ ސަބަބުންނެވެ.