މުޒާހަރާއިން ހައްޔަރުކުރި ހަ މީހެއްގެ ބަންދަށް 15 ދުވަސް
އެމްޑީޕީއިން ރޭގައި ކުރިއަށްގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
އެމްޑީޕީއިން މިއަދު ބުނެފައިވަނީ ހައްޔަރު ކުރި މީހުންގެ ތެރެއިން ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބް އަބްދުﷲ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރް އަބްދުއްލަތީފް އާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް އާއި އަލީ ޖުމާން އާއި އަޒީމް އަލީ އާއި ހަސަން ޝާކިރުގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށެވެ.
މުޒާހަރާއިން ހައްޔަރުކުރި އަނެއް ދެމީހުން ކަމުގައިވާ މުޙައްމަދު ޚަލަފް އިބްރާހިމް ދޫކޮށްލާފައިވާއިރު ހުސެއިން ޒަރީފް 24 ގަޑިއިރުގެ ތެރޭގައި ދޫކޮށްލަން ނިންމިކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ރޭގެ މުޒާހަރާއިން އަށް މީހަކު ހައްޔަރުކުރިއިރު ފުލުހުން ރޭގައި ބުނެފައިވަނީ އެ މުޒާހަރާގައި ފުލުހުންނާއި ދިމާއަށް ގަލާއި ފެންފުޅި އުކި ކަމަށާއި އަދި ފުލުހުންގެ އާލާތްތައްވެސް އަތުލަން މަސައްކަތް ކުރި ކަމަށެވެ.