ފިކުރީ ގޮތުން ދީނާދެކޮޅަށް ކުރެވޭ މަސައްކަތްތަކުން ދީން ރައްކާތެރިކުރެވޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ޖީލަކަށްފަހު ޖީލެއް ބިނާކޮށްގެން: ޚުޠުބާ
ފިކުރީ ގޮތުން ދީނާދެކޮޅަށް ކުރެވޭ މަސައްކަތްތަކުން ދީން ރައްކާތެރިކުރެވޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ޖީލަކަށްފަހު ޖީލެއް ބިނާކޮށްގެންކަމު ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދު އިއްވި ހުކުރު ޚުޠުބާގެ މައުލޫ އަކީ "ދީން ރައްކާތެރިކުރުން" މި މައުލޫއެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި އިންސާނުންނަށް ޓަކައި މާތް ﷲ ޚިޔާރުކުރެއްވި ދީން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، އަހަރެމެންގެ ވާޖިބެއްކަން ހަނދާންކުރާންޖެހެއެވެ. އަންނާން އޮތް ޖީލުތަކަށް މި ދީނުގެ ޞައްޙަ ޢަޤީދާ ފޯރުކޮށްދޭން ޖެހެއެވެ.
"ޣައިރުދީންތަކުގެ މީހުން ކެނޑިނޭޅި މަސައްކަތްކުރަނީ މުސްލިމުން ބައިބައިކޮށް، އިސްލާމް ދީނާ މެދު އެކި ކަހަލަ ޝައްކުތައް އުފައްދައި، މި އުންމަތް ނިކަމެތިކޮށް، މުސްލިމުންގެ ވަޙުދަތު ނަގައިލައި، އިސްލާމްދީނާ މީސްތަކުން ބީރައްޓެހިކުރުމަށް" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި އިސްލާމްކަމަކީ ﷲ تَعَالَىއަށް ފުރިހަމަ ގޮތުގައި ބޯލަނބައި ކިޔަމަންވުމެވެ. އަދި އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ރައްކާތެރިވެ، ކިޔަމަންގަތުމާއި، ނަހީކުރައްވައިފައިވާ ކަންކަމުން ދުރުހެލިވުމެވެ. އަދި ޝިރުކުކުރުމާއި އޭގެ އަހުލުވެރީންގެ ކިބައިން ބަރީއަވުމެވެ .
"އަހަރެމެންގެ ދީނީ ޝަޚުޞިއްޔަތު ދެމެހެއްޓުމަކީ ދީނީ ޝިޢާރެކެވެ. އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ މީހުންނާ އެއްގޮތްވެގެންނެއް ނުވާނެ، އެ މީހުންގެ ދީނީ އިޙުތިފާލުތަކުގައި ބައިވެރިވުމާއި، އެ މީހުންގެ އަޅުކަންތަކުގައި ބައިވެރިވެ އުޅުމަކީ، އިސްލާމީވަންތަކަން ގެއްލި، ދީނީ ޝަޚުޞިއްޔަތު ހަލާކުވެދާނެ ކަންކަން، މުޝްރިކުންނާއި އަހުލު ކިތާބީންނާ ވައްތަރުވެ އުޅުން ނަބިއްޔާ ﷺ ވަނީ މަނާކުރައްވާފައި" ޚުޠުބާގައި ބުނެފައިވެއެވެ.
މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީނަކީ އިސްލާމް ދީންކަމަށް ވިޔަސް، އިސްލާމް ދީނުގެ ޢަދާވާތްތެރީން އަބަދުވެސް މަސައްކަތްކުރަމުންދަނީ ﷲގެ ދީނުގައި ބާވައިލައްވައިފައިވާ ޙުކުމްތަކަށް އިންކާރުކޮށް މާތްވެގެންވާ އިސްލާމް ދީން ނައްތައިލުމަށްކަން ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ އަދި މި ދީން ބާރުވެރި ދީނެއްގެ ގޮތުގައި އޮންނާކަށް އެބައިމީހުން ނުރުހޭކަމަށެވެ. އެބައިމީހުން ބޭނުންވަނީ، އެ މީހުންގެ ކޮށި ވިސްނުން، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އިސްކުރުމަށް ކަމަށެވެ.
"މިއަދު އިސްލާމް ދީނާ ދެކޮޅު ބައެއް މީހުން ދެކޭ ގޮތުގައި މުސްލިމުން ބޭނުންވާ ނަމަ، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އެ މީހުން ހަދައިފައިވާ ޤާނޫނުތައް އިސްކުރެވިދާނެ، އެ މީހުން މީސްތަކުންނަށް ވިސްނައިދެނީ މާތް ﷲގެ ޙުކުމްފުޅުތަކަކީ، ހަމައެކަނި ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި ތަންފީޒުކުރަން ބާވައިލެއްވި އެއްޗެއްކަމުގައި، މިއަދު އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް، އަމިއްލައަށް ކަނޑައަޅާ ޤާނޫނުތަކަށް ޢަމަލުކުރުން" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
އަހަރެމެންނަކީ ޒަމާނުއްސުރެން މާތް اللهގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބަޔަކީމުކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ އަހަރެމެން އުޅެމުން އައީ ވަރަށް އަމާންކަމާއި ޞުލްޙަވެރިކަމާއި އަޚުވަންތަކަމާ އެކުގައި ކަމަށާއި މި ގޮތުގައި އިސްލާމްދީން މަތީގައި އަހަރެމެން ދިރިއުޅެމުން އަންނަތާ މިހާރު މި ވަނީ ނުވަސަތޭކަ އަހަރާ ގާތްވެފައިވާކަމަށެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތް މަނާކުރުމަކީ، އިސްލާމް ދީނުގެ މަތިވެރި ޝިޢާރެކެވެ. އެއީ އީމާންކަމުގެ މަތިވެރި ސިފައެކެވެ. މުއުމިނުންނަކީ، ހަމައެކަނި އެ މީހުންގެ އަމިއްލަ ނަފުސަށް ޓަކައި ދިރިއުޅޭ ބަޔެއް ނޫނެވެ. އެ މީހުންނަކީ އަމިއްލަ ނަފުސަށް އެދޭ ހެޔޮކަން އެ މީހުންގެ އަޚުންނަށް ވެސް އެދޭ މީހުންނެވެ. އަދި ނުބައި ކަންކަމުން އެ މީހުންގެ އަޚުން ރައްކާތެރިކުރާ މީހުން ވެސް މެއެވެ. ރަނގަޅު ފަރުދަކު ބިނާކުރެވޭން އޮތީ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން މަނާކުރާ މުޖުތަމަޢެއް ބިނާކޮށްގެންނެވެ. މުޖުތަމަޢު ސަލާމަތްވާން އޮތީ ރަނގަޅު ފަރުދުންތަކެއް ބިނާކޮށްގެންނެވެ .
އިންސާނަކަށް ލިބޭނޭ އެންމެ ބޮޑު ނިޢުމަތަކީ، އިސްލާމްކަމުގެ ނިޢުމަތްކަން ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތުގައި އަހަރެމެން ދިރިއުޅެމުން އަންނަތާ މިވީ ނުވަސަތޭކަ ވަރަކަށް އަހަރު، އަހަރެމެންގެ ކާބަފައިން މި ދީން އަހަރެމެންނާ ހަމަޔަށް ގެނެސްދެއްވައިފައިވަނީ އެކި ދުވަސްވަރުގައި ދީނާ ދެކޮޅަށް ކުރެވުނު ކަންކަމުން ދީން ދިފާޢުކޮށް ޖިހާދުކޮށްގެން ކަމަށެވެ. އެހެންކަމުން އަންނާންއޮތް ޖީލުތަކަށް މި ދީން ފޯރުކޮށްދެވޭނީ އަހަރެމެން ޤުރުބާނީތަކެއް ވެގެންކަން ފާހަގަކުރަމުން ބުނެފައިވަނީ، ކަނޑިއާއި ބަޑި ބޭނުންކޮށްގެން ދީނާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ފިކުރީ ގޮތުން ދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުން ދީން ރައްކާތެރިކުރެވޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ޖީލަކަށް ފަހު ޖީލެއް ބިނާކޮށްގެން ކަމަށެވެ. އަދި ޤުރްއާނާއި ސުންނަތުގައިވާ އަމުރުތަކާއި އިރުޝާދުތަކަށް ތަބާވާ ބަޔަކު އުފަންކޮށްގެންނެވެ. މާތް ﷲ އަމުރުކުރައްވައިފައިވާ ފަދައިން ބައިބައިނުވެ އެކަލާނގެ ދީނުގައި ސާބިތުވެ ތިބެގެން ކަމަށެވެ.