އަށް ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ހަތަރު އަތޮޅަކަށް ފުރާވަޑައިގެންފި – 31 ރަށަކަށް ވަޑައިގަންނަވާނެ
ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި ވ. އަތޮޅާއި، މ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ.
"އެހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ" ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ދަތުރުފުޅުގައި އެ ހަތަރު އަތޮޅުން 31 ރަށަށް އެ މަނިކުފާނު ރައީސް ވަޑައިގަންނަވާނެ ކަމަށް ބުނެފައިވެއެވެ. އެއީ ވ. އަތޮޅުން ފުލިދޫ، ތިނަދޫ، ފެލިދޫ، ކެޔޮދޫ، ރަކީދޫ، ފ. އަތޮޅުން ފީއަލި، ބިލެތްދޫ، މަގޫދޫ، ދަރަނބޫދޫ، ނިލަންދޫ، މ. އަތޮޅުން ދިއްގަރު، މަޑުއްވަރި، ރަތްމަންދޫ، ވޭވަށް، މުލައް، ކޮޅުފުށި، ނާލާފުށި އަދި މުއްޔެވެ. އަދި ތ. އަތޮޅުން ބުރުނި، ވިލުފުށި، މަޑިފުށި، ދިޔަމިގިލި، ގުރައިދޫ، ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ، ގާދިއްފުށި، ތިމަރަފުށި، ވޭމަންޑޫ، ކިނބިދޫ އަދި އޮމަދުއެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، ކުރައްވާ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި، އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވާކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.