Advertisement

އަނެއްކާވެސް ކަމްޗަޓްކާއަށް ބާރުގަދަ ބިންހެލުމެއް – ރާއްޖެއަށް ނުރައްކަލެއް ނެތް

13 Sep 2025 | 12:39
މި ބިންހެލުމުގެ ބާރުމިނަކީ ރިކްޓަރ މިންގަނޑުން 7.2 ކަމަށް ރާއްޖޭގެ މެޓުން ބުނި ނަމަވެސް ބާރުމިނަކީ 7.4 ކަމަށް ޔޫއެސްޖީއެސް އިން ބުނެފައިވޭ -

ރަޝިޔާގެ ކަމްޗަޓްކާ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭ ގަޑިން ބަލާނަމަ މިއަދު ހެނދުނު 07:37 ގައި އައި އެ ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 7.4ގެ ބިންހެލުމެއްކަމަށް ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެއެވެ.

Advertisement

އެ ބިންހެލުމުގެ އެޕިސެންޓަރަކީ ރަޝިޔާގެ ކަމްޗަޓްކާގެ ސިޓީއެއްކަމުގައިވާ ޕެޓްރޮޕަވްލޮވްސްކް ކަމްޗަޓްސްކިޔޭ އެވެ. ބިންހެލުން އައިސްފައިވާ އަޑި މިނަކީ 39 ކިލޯ މީޓަރެވެ.

ބިންހެލުމުގެ އާފްޓަރޝޮކެއްގެ ގޮތުގައި ރާއްޖޭ ގަޑިން ބަލާނަމަ ހެނދުނު 11:22ގައި 5.1ގެ ލޮޅުމެއް ރެކޯޑު ކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ޕެސިފިކް ސުނާމީ ވާނީ ސިސްޓަމުން ނެރުނު ނަމަވެސް އެ އިންޒާރު މިހާރު ވަނީ ބާތިލުކޮށްފައެވެ. ކަނޑުގެ ލޮނުގަނޑުގެ ލެވެލަށް ބަދަލު އަންނާތީ ޖަޕާނުންވެސް އިންޒާރެއް ނެރުނެވެ. ޖަޕާނުގެ އިންޒާރު ކެންސަލް ކުރި ކަމެއް ނުކުރާކަމެއް އަދި ސާފެއް ނޫނެވެ.

ދިވެހި ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވަނީ ކަމްޗަޓްކާގެ އިރު އުތުރު އައްސޭރިއަކީ މާލެއާއި 9421 ކިލޯ މީޓަރު ދުރުގައިވާ ސަރަހައްދެއް ކަމަށެވެ.  ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

މި އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުގައިވެސް ކަމްޗަޓްކާއަށް ބާރުގަދަ ބިންހެލުމެއް އައެވެ. ރިކްޓަރ މިންގަނޑުން 8.8 ގެ އެ ބިންހެލުމާއި ގުޅިގެން ސުނާމީ އުފެދި އެ ސަރަހައްދުގެ ބައެއް ޤައުމުތަކަށް ސުނާމީގެ އަސަރުވެސް ކުރިމެއެވެ. 

Advertisement

ކޮމެންޓް