ނޭޕާލް ޖެން-ޒީ މުޒާހަރާ: ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި – ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި
ނޭޕާލުގައި ސޯޝަލް މީޑީއާ އެއްކޮށް މަނާކުރުމާއެކު ޖެން-ޒީން ފެށި މުޒާހަރާ އިތުރަށް ހޫނުވެ އެ ހޫނަށް ކެތް ނުކުރެވި އެ ޕްރެޝަރުގައި ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭގެ އިތުރަށް ނޭޕާލު މަސްރަހުން ފާހަގަކޮށްލެވޭ މުހިންމު ސުރުޚީތަކުގެ ތެރޭގައި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މައި ގޭގައްޔާއި ސިޔާސީ ލީޑަރުންގެ ގޭގޭގައި އާއްމުން ހުޅު ރޯކޮށް އަންދާލި ޚަބަރު ފާހަގަކޮށްލެވެއެވެ.
ވެރިރަށް ކަތުމަންޑޫ އާއި ލަލިތުޕޫރާއި ބަކްތާ ޕޫރުގައި މުޒާހަރާވެރީން އެއްގޮތަކަށް ކޮންޓްރޯލު ނުކުރެވިގޮސް އެ ޤައުމުގެ އާންމު މަސްލަހަތު ބޮއްސުންލާފައިވާއިރު އިއްޔެއިން ފެށިގެން ސަލާމަތީ ޚިދުމަތްތަކާއި މުޒާހަރާކުރާ ޖެން-ޒީންގެ ކުރިމަތިލުންތަކުގައި 19 މީހަކު މަރުވެފައިވެއެވެ. ޒަޚަމްވެފައިވާ މީހުންގެ ޢަދަދު އުޅެނީ 500އިން މަތީގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ޤައުމުގައި ސޯޝަލް މީޑިއާގެ 26 ޕްލެޓްފޯމެއް އެއްފަހަރާ އެކުގައި ބްލޮކްކޮށްލިއެވެ. އޭގެތެރޭގައި ފޭސްބުކާއި އެކްސް އަދި ސްނެޕްޗެޓްވެސް ހިމެނެއެވެ.
މުޒާހަރާ އިއްޔެ ހޫނުވުމާއެކު ދެން ކޮންޓްރޯލު ނުވާވަރުވުމުން ސޯޝަލް މީޑިއާ މަނާކުރިކުރުން އަލުން ވަނީ އަނބުރާ ގެންގޮސް ސޯޝަލް މީޑީއާގެ އެ ޕްލެޓްފޯމުތައް އިމެއް މިނެއްނެތި ދޫކޮށްލާފައެވެ.
ޕްރެޝަރަށް ކެތް ނުކުރެވި އިސްތިއުފާ ދެއްވި ބައެއް އިސް އެހެން ފަރާތްތަކަށް ބަލައިލާއިރު ހޯމް މިނިސްޓަރު ރަމޭޝް ލެކަކް އެގްރިކަލްޗަރު މިނިސްޓަރު ރާމް ނާމް އަދީކާރީ، ހެލްތު މިނިސްޓަރު ޕްރަދީޕް ޕޯޑެލް ހިމެނެއެވެ. ވެރިކަންކުރާ ޤާނޫނު ހަދާ މަޖިލީހުގައި ވެރިކަންކުރާ ޕާޓީ ތަމްސީލުކުރާ 21 މެންބަރަކުވެސް މިހާރުވަނީ އިސްތިއުފާ ދެއްވައިފައެވެ.
އެ ޤައުމުގައި ސޯޝަލް މީޑިއާ އެއްކޮށް ބްލޮކްކޮށްލީ އަބުރު ކަތިލާތިއްޔާއި ދޮގު ޚަބަރު ފަތުރާތީ ކަމަށް ބުނެއެވެ. ނަމަވެސް ޖެން-ޒީންގެ ޑިމާންޑަކަށްވީ ސޯޝަލް މީޑިއާ ބްލޮކް ކުރުމުގެ ބަދަލުގައި ބޮއްސުންލާފައި އޮތް ކޮރަޕްޝަން ނައްތާލުމެވެ.