Advertisement

ކުޅުދުއްފުށީ ޕޯޓުން ފޯރުކޮށްދޭނެ އިތުރު ޚިދުމަތްތަކެއް އިފްތިތާޙްކޮށްފި

26 Aug 2025 | 21:45
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްޕީއެލް

ކުޅުދުއްފުށީގެ ޕޯޓުން މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ތެރެއިން، އެ ޕޯޓުގައި އިތުރު މުހިއްމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ފެށުން މިއަދު އިފްތިތާޙްކޮށްފިއެވެ.

މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވުމަށް މިއަދު ހަވީރު ކުޅުދުއްފުށީ ޕޯޓު ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދުއެވެ. މިއީ 2025 މޭ 19 ގައި މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ދެމެދު ސޮއިކުރެވުނު ފަހުމުނާމާގައި އެއްބަސްވެފައިވާ ގޮތުގެ މަތިން އިފްތިތާޙްކުރެވިގެންދިޔަ ޚިދުމަތްތަކެކެވެ.

މިއަދު ކުޅުދުއްފުށީ ޕޯޓުގައި ތަޢާރުފުކުރެވިގެންދިޔަ ޚިދުމަތްތަކުގެ ތެރޭގައި، ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކާއި އެހެނިހެން ބާވަތްތައް، އަދި އަސާސީ މުދާ، ޑިއުޓީ ނުދައްކާ ރައްކާކުރުމަށް ބޮންޑެޑް ސަރަޙައްދެއް ޤާއިމުކުރުމާއި، ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ހިމެނޭ ޓޫރިސްޓު ރިޒޯޓުތަކަށް ޢަމާޒުކޮށްގެން ތަޢާރުފުކުރެވުނު ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތާއި، ރާއްޖޭގެ އަތޮޅު ތެރޭގައި މުދާ ޑިސްޓްރިބިއުޓްކުރުމަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ތަޢާރުފުކުރެވުނު ޑޮމެސްޓިކް ވިޔަފާރިވެރިންނަށް މުދާ ބޭލުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދެއް ހުޅުވިގެންދިއުމުގެ އިތުރުން، ޢިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދެއް ޤާއިމްކުރުން ހިމެނެއެވެ.

މި ޚިދުމަތްތަކުގެ ސަބަބުން ވިޔަފާރިތަކުން މުދާ އެއްތަނުން އަނެއް ތަނަށް އުފުލުމަށް ކުރަންޖެހޭ ހޭދަ ދަށްކުރެވި، ބާޒާރުގެ އަގުތައް ހަމައަކަށް އެޅުމަށް މަގުފަހިވެ، އަދި އުތުރުގެ އަތޮޅުތަކުގެ ޢާއްމު ފަރުދުންނާއި ވިޔަފާރިތަކަށް މުދާ ފޯރުކޮށްދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ރާއްޖޭގެ އިޤްޠިޞާދު ސިންދަފާތުކޮށް ތަރައްޤީކުރުމަށާއި އިޤްޠިޞާދީ ވިލުންވެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ތަޞައްވުރަށް ވާޞިލްވުމަށް މަގުފަހިވެގެންދާނެއެވެ.

ސަރުކާރުގެ ޢަމާޒަކީ ކުރިއަށް އޮތްތަނުގައި ޑިމާންޑް އުފެދޭ މިންވަރަށް ބަލައި ބޮންޑެޑް ސްޓޯރޭޖުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށީ ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަޙައްދު ފުޅާކޮށް އިތުރަށް ތަރައްޤީކުރުމެވެ. މިޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، އިފްތިތާޙު ކުރެވިގެން ދިޔަ ޚިދުމަތްތައް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ސިފަކުރެއްވީ، ސަރަޙައްދީ ވިޔަފާރި ކުރިއެރުވުމަށް މަގުފަހިކުރުވާ، އިޤްޠިޞާދީ ނަފާ ފޯރުކޮށްދިނުމުގައި ހަމަހަމަކަމުގެ މިންގަނޑުތަކެއް ގެންގުޅުމަށް ބާރުއެޅިގެންދާ، އަދި ލާމަރުކަޒީ ދައުލަތެއްގެ ސިފަތައް ހަރުދަނާކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައެވެ.

މި ޚިދުމަތްތަކަކީ ތިލަދުންމަތީ އަދި އުތުރުގެ އެހެނިހެން ސަރަޙައްދުތަކުގެ ތަރައްޤީގައިވެސް ކުޅުދުއްފުށީ ސިޓީން އަދާ ކުރާ އިސް ދައުރު ފުޅާވެގެން ދިއުމަށް މަގުފަހިވުމުގެ އިތުރުން، ސަރުކާރުން ދެމެހެއްޓެނިވި ތަރައްޤީ، ފުޑް ސެކިއުރިޓީ، އަދި ވިޔަފާރީގެ ޙަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ދެއްވާ އިސްކަން ރަމްޒުކޮށްދޭ މުހިއްމު މަޝްރޫޢެކެވެ.

Advertisement

ކޮމެންޓް