Advertisement

ގޭންގު ގާނޫނަށް އަމަލުކުރަން ފެށުމާއެކު ވަރަށް ހާއްސަ މަސައްކަތްތަކެއް މިދަނީ ކުރަމުން: ފުލުހުން

26 Aug 2025 | 18:52
ދިވެހި ދެ ފުލުހަކު މަގުމަތީގައި - ފޮޓޯ: ދުވަސް

ގާނޫނު ނަންބަރު: 2025/7 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) އަށް 2025 އޮގަސްޓް 25 ވަނަ ދުވަހު އަމަލުކުރަން ފެށުމާއެކު، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ފުލުހުންގެ ފަރާތުން ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ހައި ކޯޓު މެދުވެރިކޮށް، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި، އެފަދަ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ މައްޗަށް، މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރުމާއި އަދި އެފަދަ ގްރޫޕްތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރައްކާތެރި ކުރުމަށް އެކުދިންގެ މައްޗަށް ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް، މި ޚިދުމަތުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި ދަނީ ތައްޔާރުވަމުންނެވެ. އަދި ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގުރޫޕްތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ކަންކަންވެސް ކުރިއަށްގެންދާނެ ވާހަކަ ދަންނަވާކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

"ހަމައެއާއެކު އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް އެފަރާތްތަކުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތާއި އަދި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓްކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންދާނެ ވާހަކަވެސް ދަންނަވަން" ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް އެ ސަރަހައްދުތަކުގައި ތިބޭ ފަރާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތާއި އަދި އިންތިޒާމުވެގެން ހިންގާ ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރަމުންދާތީ އެފަދަ ތަންތަނަށް ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ވާހަކަ ދަންނަވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް