ވާހަކަ: ލޯބީގެ ހާދިސާ  - ސައްބީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އަހަރެން އިޒާން ކައިރީގައި ޒޭބާގެ ވާހަކަ ބުނަން ގަސްދުކުރީމެވެ. ނަމަވެސް ފަސްޖެހުނެވެ. ޒޭބާގެ ހާލާ މެދު އިޒާން ހަމްދަރުދީވެ އޭނާ ކައިރިއަށް އެނބުރި ގޮސް ދާނޭ ހީވެ ކަންބޮޑުވިއެވ...

14 May 2023 | 06:18

ކުރީގެ އަދަދާއި ގުޅޭ...

އަހަރެން އިޒާން ކައިރީގައި ޒޭބާގެ ވާހަކަ ބުނަން ގަސްދުކުރީމެވެ. ނަމަވެސް ފަސްޖެހުނެވެ. ޒޭބާގެ ހާލާ މެދު އިޒާން ހަމްދަރުދީވެ އޭނާ ކައިރިއަށް އެނބުރި ގޮސް ދާނޭ ހީވެ ކަންބޮޑުވިއެވެ. ނަމަވެސް ޒޭބާގެ ކަންކަން ބެލެހެއްޓުމާއި ދޮންބެއަށް ހައްޤު އަދަބު ދިނުމަށް އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާތީ އަހަރެން އިޒާން ކައިރީގައި އެވާހަކަ ބުނަން ނީންމީމެވެ. އެދުވަހު ޑޮކްޓަރަށް ދައްކަން ދާންވެގެން ނިކުތްތަނުން އިޒާން ފެނުނެވެ. ސިޑީން ފައިބަމުން ވާހަކައެއް ބުނަން ބޭނުންވާ ކަމުގައި ބުނީމެވެ. ނަމަވެސް ފައިކައްސާލާ އަހަރެން ސިޑިން ވެއްޓުނީއެވެ. ދެން ހޭވެރިކަން ވިއިރު އޮތީ ހޮސްޕިޓަލުގައެވެ.

ދަރިފުޅު ގެއްލިއްޖެކަން އެނގުނު ހިނދު އަހަރެންގެ ހިތް ކުދިކުދިވިކަހަލައެވެ. ރޮވުނެވެ. އެހެނަސް އަހަރެން ކެތްތެރިވީމެވެ. އިޒާންގެ އުޅުންވެސް އެހިސާބުން ބަދަލު ވެއްޖެއެވެ. އޭނައަށް އުޅެވުނު ގޮތުން ދެރަވެ އަހަރެން ކައިރީގައި މާފަށް އެދުނެވެ. އެދުވަހުގެ ފަހުން އިޒާންގެ ލޯބި އެތައް ގުނައަކަށް އިތުރުވެގެން ދިޔަ އިހުސާސެއް ކުރެވުނެވެ. އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ އަންހެންކުއްޖާ ކަމުގެ އިހުސާސް އިޒާން އަހަރެންނަށް ކޮށްދިނެވެ. އިޒާންގެ މަޤްސަދާ މެދު އޭރު ކުޑަކޮށްވެސް އަހަރެންނަށް ރޭކާނުލައެވެ.

ޒޭބާ ކައިރިއަށް ނުދެވުނު ނަމަވެސް އަހަރެން އޭނާގެ ހާލު ބެލުން ހުއްޓައެއް ނުލަމެވެ. އޭނާގެ ހާލަތު އެހާ ރަނގަޅު ނޫން ކަމުން ގިނަ ވަގުތު އޭނާ ބާއްވަނީ ނިންދަވާފައެވެ. ޒޭބާގެ ބަނޑުގައިވާ ދަރިފުޅުގެ ހާލު ބަރާބަރެވެ.

ޑޮކްޓަރު އަހަރެންނަށް ގުޅީ އިޒާން އާއެކު ރިސޯޓަށް ދާން ތައްޔާރުވަމުން ދަނިކޮށެވެ. ކުއްލިއަކަށް ޒޭބާގެ ލޭގެ ޕްރެޝަރު މައްޗަށް ދާން ފެށީއެވެ. އެހެންވެ އަހަރެން ރައްޓެއްސަކާ ބައްދަލުކުރަން ދަނީކަމަށް ބުނެ އިޒާން ކައިރީ ދޮގު ހެދުމަށްފަހު ދިޔައީ ޒޭބާ ކައިރިއަށެވެ. އަހަރެންނަށް ދެވުނުއިރު ޒޭބާ އެމަޖެންސީ ސީ ސެކްޝަނަކަށް ވައްދައިފިއެވެ. ދެގަޑިއިރުގެ ސާރޖަރީއަކަށް ފަހު ޑޮކްޓަރު ނިކުތްއިރު އޭނާގެ އަތުގައި ޒޭބާގެ ކުޑަ ކުޑަ ދަރިފުޅު އޮތެވެ.

"ޒޭބާ ކިހިނެއް؟ " އެންމެ ފުރަތަމަވެސް އަހަރެން އަހައިލީ އެހެންނެވެ.

"ރަނގަޅު.. ކުޑައިރުކޮޅަކުން ނެރޭނެ.. " ކުޑަދަރިފުޅު އަހަރެންގެ އަތަށް ލައިދެމުން ޑޮކްޓަރު ބުނެލިއެވެ. އެކުއްޖާގެ މޫނަށް ބަލައިލި ހިނދު އަހަރެންނަށ ހެވިއްޖެއެވެ. އެހާވެސް އެކުއްޖާ ލޯތްބެވެ. ފިރިހެން ކުއްޖެއްކަން އަހަރެންނަށް ބުނެދިނީ ޑޮކްޓަރެވެ. އެކުއްޖާގެ މޫނަށް ބަލަހައްޓައިގެން ހުންނަތާ އިރުގަނޑެއް ފަހުން އަހަރެންގެ ތުންފަތްމަތީގައި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އަހަރެން ހީކުރީ އެއްކުއްޖާ ވައްތަރުވާނީ އަހަރެންގެ ދޮންބެއާ ކަމަށެވެ. ނަމަވެސް އަހަރެންނަށް އެކުއްޖާގެ މޫނުމަތިން ސިފަވީ މުޅިން އެހެންމީހެއްގެ މޫނެވެ. އަހަރެންގެ ހިތަށް ނުތަނަވަސްކަން ވެރިވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަވަހަށް ޑޮކްޓަރު އަތަށް ކުއްޖާ ދެވިއްޖެއެވެ. ފަހުން އަންނާނަން ކަމަށް ބުނެ އެތަނުން ނިކުތީއެވެ. އެއީ އަހަރެންނަށް ހީވި ގޮތެއްކަމަށް އަހަރެންގެ ހިތަށް ވިސްނައިދިނީ ގެއަށް ދިޔަ މަގުމަތީގައެވެ.

އެރޭ ރިސޯޓުގައި ފެނުނު މަންޒަރުން އަހަރެންގެ ދޮންބެ ދެކެ އިތުރަށް ފޫހިވެގެން ދިޔައެވެ. މިވީހާ ދުވަހު ދޮންބެ އަހަރެންނަށް ދެއްކީ އޭނާގެ ނެތްހާ ސިފަތެކެވެ. ހަޤީޤީ ސިފަ ފެންނަން ފެށީ އަދިކިރިޔާކަން އެނގުނެވެ. ދޮންބެގެ ހަޤީޤަތް ޒުހުދާއަށް ފެނިފައި ހުރުމުން ގޭތެރޭ މަސްލަހަތު އެހާ ރަނގަޅު ނުވާނެތީ އަހަރެން ނިންމީ އަދި ދެތިން ދުވަހު އިޒާންއާ އެކު އެރިސޯޓުގައި މަޑުކުރުމަށެވެ. ނަމަވެސް އެނބުރި ގެއަށް ދިޔައިރު ފެނުނީ އަޖައިބުވެ އަންތަރީސް ވާވަރުގެ މަންޒަރެކެވެ. ޒުހުދާއާއި ދޮންބެ ތިބި ގޮތުން އެދެމެދުގައި ރުޅިވެރިކަމެއް ވާ ހެން ހިޔެއް ނުވިއެވެ.

ދުވަސްކޮޅެއް ފަހުން އަހަރެންނަށް ޑޮކްޓަރުގެ ފޯނު ކޯލެއް ލިބުނެވެ. ޒޭބާގެ ހާލަތު ރަނގަޅުވަމުން ދާތީއާ އެކު އޭނާ ބޭނުންވީ އަހަރެންނާ ބައްދަލުކޮށް ވާހަކަ ދައްކާލާށެވެ. އަހަރެންވެސް އެކަމަށް ބޭނުންވެ ކަންތައްތައް އޮޅުންފިލުވަން ބޭނުންވެފައި ހުރިވަރުން އެކަމަށް އެއްބަސްވެ ޒޭބާއާ ބައްދަލުކުރަން ދިޔައީމެވެ.

ޒޭބާ އޮތް ކޮޓަރިއަށް ވަދެވުނުއިރު ދަރިފުޅަށް ބުއްދޭން އޭނާ އިނެވެ. އަހަރެން ފެނުމުން ހަދިޔާކޮށްލީ ހިނިތުންވުމެކެވެ. އަހަރެންވެސް ހިނިތުންވެލުމަށްފަހު އައިސް ޒޭބާގެ އެނދުގައި ކައިރީގައި އިން ގޮނޑީގައި އިށީނީމެވެ.

"ޒޭބާ!! ރަނގަޅުތަ މިހާރު..؟ " އަހަރެން ޒޭބާއާ ވާހަކަ ދެއްކީ މުޅިން އަލަށެވެ.

"އަލްޙަމްދުލިﷲ ވަރަށް ރަނގަޅު.. ނައުރާއަށް ޝުކުރުއަދާކުރާނެ ގޮތެއްވެސް އަހަރެންނަކަށް ނޭނގެ.. އަހަރެން ހީކުރި ކަހަލަ މީހަކަށް ނައުރާ ނުވި.. ތީއެއަށްވުރެ މާ ހެޔޮ މާތް އިންސާނެއް.. ތީ އަހަރެންނާ އަހަރެންގެ މިދަރިފުޅަށް މާތްﷲ ލެއްވި ރަހުމަތެއް.. " ޒޭބާ ބުންޏެވެ. އަހަރެން އެކަމާ ގުޅުވައިގެން ވަކި އެއްޗެއް ނުބުނަމެވެ. ހަމައެކަނި ހިނިތުންވެލީއެވެ.

"ކޮންނަމެއް ކިޔަނީ މިސޮރަށް... " އަހަރެން އަހައިލީމެވެ.

"އާޒް... " ކުޑަދަރިފުޅަށް ބަލައިލަމުން ޒޭބާ ބުނެލިއެވެ. އަހަރެންގެ ހިތްނުތަނަވަސްވިއެވެ. ހަނދާންވީ އެންމެ ފުރަތަމަ ދުވަހު އެކުއްޖާ ފެނުނު ހިނދު ކުރެވުނު އިހުސާސެވެ.

"އަހަރެން ބޭނުން އެނބުރި ގެއަށް ދާން.. އަހަރެންގެ މަންމަމެން ކައިރިއަށް.. " ދެންވެސް ވާހަކަ ދެއްކީ ޒޭބާއެވެ.

"ޒޭބާ ބޭނުމިއްޔާ ފުލުހުންނަށް މައްސަލަ ހުށައެޅިދާނެ.. އަހަރެން މިހުރީ އެކަމުގައި ޒޭބާއަށް އެހީވާން ތައްޔާރަށް.." އަހަރެން ބުނީމެވެ.

"ތިކަން އަހަރެން ކުރާނަން.. ނިމާލްއާއި ފަހުދްގެ ފަރާތުން އަހަރެންނަށް ލިބުނު އަނިޔާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. އެމީހުންގެ ސަބަބުން އަހަރެންގެ ގައިގާ ޖެހިފައި މިވާ ލައްގަނޑު ދުނިޔެ އުމުރަށް ހުންނާނެ.. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބިފައިމިވާ އަނިޔާތައް ދުވަހަކުވެސް ރަނގަޅުވާނެ ކަމެއް ނޭނގެ.. މިހާރުވެސް ނައުރާ އެތައް އެހީތެރިކަމެއް އަހަރެންނަށް ދީފި.. އެއްބަނޑުއެއްބަފާ ބޭބެއާ ދެކޮޅަށް ނިކުތުމަކީ ނައުރާއަށް ފަސޭހަކަމަކަށް ނުވެދާނެ.. އެހެންވިޔަސް އަހަރެން ބޭނުންވާ އެއްކަމެއް އެބައޮތް.. އެއީ އެމީހުންނާ ހިލާފަށް ކޯޓުގައި ހެކިބަސް ދިނުން.. އެކަން ކޮށްދީފިއްޔާ އަހަރެންނާއި އިޒާންއަށް އިންސާފު ލިބޭނެ... " ޒޭބާ ފަހުން ބުނެލި ޖުމްލައިން އަހަރެން ހައިރާންވެ ދެބުމަ ގޮށްޖަހައިލެވުނެވެ.

"އިޒާން....؟ އިޒާންއަށް..... " އަހަރެން ބުނަން އުޅުނީމެވެ. ނަމަވެސް އަނެއްކާވެސް ޒޭބާ ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން އެނބުރި އިޒާންގެ ހަޔާތަށް ދާކަށް ބޭނުމެއް ނޫން.. އެއީ މިހާރު ނައުރާގެ ހައްޤެއް.. ނައުރާގެ ހަޤީޤަތް އެނގުމަށްފަހު ނައުރާ އަތުން އިޒާން އަތުލާކަށް އަހަރެން ބޭނުމެއްނޫން.. އެކަމަކު އަހަރެންނަށް ކަމެއް ކޮށްދެންޏާ އަހަރެން ދުނިޔޭގައި ސަލާމަތުން އެބަހުރިކަން އިޒާންއަށް އަންގައިދީ.. އަދި މިދަރިފުޅުގެ ވާހަކަވެސް އިޒާން ކައިރީގައި ބުނެދީ.. އޭނަގެ ދަރިއެއް އޮތްކަން އިޒާންއަށް އެނގުން ހައްޤު.." ޒޭބާ ދައްކަމުން ދިޔަ ވާހަކައިން އަހަރެންގެ ބޮލަށް އެނބުރުން އަރާ އިށީނދެގެން އިން ގޮނޑީގައި ބާރަށް ހިފަހައްޓާލެވުނެވެ. އަހަރެންގެ ނޭވާ ކުރުވެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.

"ޒޭބާ ކީކޭ ތިކިޔަނީ..؟ ތީ އިޒާންގެ ދަރިއަކަށް ވާނީ ކިހިނެއް؟؟ ޒޭބާއަށް ހެދި ގޮތެއް ހެދީ އަހަރެންގެ ދޮންބެއާއި އޭނާގެ ރައްޓެހިން.. ތިވާނީ އެއިން ކޮންމެވެސް މީހެއްގެ ދަރިއަކަށް... " އަހަރެންނަށް އެހެން ބުނެވުނީ ތަންކޮޅެއް ރުންކުރު ކޮށެވެ. ޒޭބާ އަހަރެންނާ ދިމާލަށް ބަލަހައްޓާއިގެން އިނުމަށްފަހު ދެފަރާތަކަށް ބޯހޫރައިލިއެވެ.

"ނޫން ނައުރާ..! މީ އިޒާންގެ ދަރިއެއް.. އަހަރެންނާއި އިޒާންގެ ލޯބީގެ ނިޝާނެއް މިއީ.. އެމީހުން އަހަރެންނަށް އެކި ގޮތްގޮތުން ޖިންސީ އަނިޔާ ކުރަމުން ދިޔައީ އަހަރެން ބަނޑުބޮޑުކަން އެނގިހުރެ.. " ޒޭބާ ބުނެލިއެވެ.

"ޒޭބާ ހަމަ ތެދު ވާޙަކައެއްތަ ތިދައްކަނީ..؟ އަނެއްކާ ދޮންބެއާ އޭނާގެ ރައްޓެހިން ބެހުނީއޭ ބުނެވެސް ހެދީ ދޮގެއްތަ؟ ބަނޑުބޮޑުއިރު އެހާ ވަރަށް ރޭޕް ކުރިއިރު ކުއްޖާ ސަލާމަތްވީ ކިހިނެއް.. ؟؟ " އިންތަނުން ތެދުވަމުން އަހަރެން ބުނީމެވެ. ހާސްވެ ކަންބޮޑުވެފައި ހުރިވަރުން އަހަރެންނަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގެއެވެ. ޒޭބާގެ ދެލޯ ފެންކަޅިވެ އިސާހިތަކު ކޯތާފަތް ތެމިގެން ދިޔައެވެ.

"ޤަބޫލުކުރަން އިޒާންގެ ދަރިއެކޭ ބުނީމަ ނައުރާއަށް ޤަބޫލުކުރަން އުނދަގޫވަނީކަން.. އެކަމަކު މީ ހަމަ ތެދެއް.. އަހަރެންގެ އަތުގައި މިވަނީ އިޒާންގެ ދަރިއެއް.. މިކުއްޖާ ސަލާމަތުން މިދުނިޔެއަށް އުފަންވީ ﷲ ތައާލާގެ ކުޅަދުންވަންތަކަމުން.. ފަހަރެއްގައިވެސް ނައުރާ ހީނުކުރާތި އަހަރެން ތި ދެމަފިރިން ދޭތެރެއަށް ވަންނަން މަސައްކަތް ކުރަނީއޭ.. އެއީ އަހަރެން ދުވަހަކުވެސް ނުކުރާނެކަމެއް.. ކޮންމެ ގޮތަކުންވިޔަސް ކަންތައްވެފައި މިވަނީ ތަޤުދީރުގައި އެކަން ލިޔެވިފައިވާ ގޮތަށް.. ނައުރާއަށް އިޒާންއާ ކައިވެނިކުރެވި އިޒާން ހާސިލްވީ އެކަން ގޮތަށް ވާން ހުރީމަ.. ތިގޮތަށް ނައުރާ ތިވާހަކަ ތިދައްކަނީ އަސްލު ހަޤީޤަތް ނޭނގޭތީ.. އަހަރެން ކިޔައިދޭނަން.. އަޑުއަހާ!! ނައުރާ އިޒާންދެކެ ލޯބިވާކަން އެނގި ނިމާލް އަހަރެމެން ދެމީހުން ދުރުކުރުވީ.. " ޒޭބާ ކަންތައްތައް ފެށުނު ހިސާބުން އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު އަހަރެންނަށް ރޮވިއްޖެއެވެ. އިޒާން އަސްލު އެއުޅެނީ އަހަރެން ދެކެ ލޯބިވެގެން ނޫންކަން އެނގުނު ހިނދު އަހަރެންގެ ހިތް ފިސްފިސްވި ކަހަލައެވެ. ރޮމުން ރޮމުން އަހަރެންނަށް ގޮނޑީގައި އިށީނީމެވެ. އެގޮތުގައި އެތައް އިރަކު ރޯން އަހަރެންނަށް އިނދެވުނެވެ. ދޮންބެ އެހުރިހާ ކަމެއް ކުރީ އަހަރެންގެ އުފަލަށްޓަކައޭ ބުނާކަށް އަހަރެން ބޭނުމެއްނޫނެވެ. އަހަރެންގެ އުފަލުގެ ނަމުގައި ދޮންބެ ހާސިލް ކުރީ އޭނާގެ އަމިއްލަ އުފަލެވެ. އެހެން އިންދާ ޒޭބާ އަހަރެންނަށް ގޮވާލައިފިއެވެ.

"އަހަރެންނަށް މާފުކުރޭ ނައުރާ.. ނައުރާ އަހަރެންނަށް ކޮށްދިން ހެޔޮކަމުގެ ބަދަލުގައި ހަޤީޤަތް ކިޔައިދީގެން އަހަރެންނަށް މިދެވުނީ ނައުރާއަށް ވޭން ހުރި އަނިޔާއެއް.. އަހަރެންނަށް ދުވަހަކުވެސް ކަމެއް ކޮށްދެންޏާ އިޒާންއަށް މިދަރިފުޅު އޮތްކަން އަންގައިދީ.. ނައުރާ ބުނެފިނަމަ އަހަރެން ނައުރާމެންގެ ދިރިއުޅުމުން ވީހާވެސް ދުރަކަށް ދާނަން.. ދުވަހަކުވެސް އެނބުރި ނާންނާނަން.. އެކަމަކު ބަފައެއްގެ ހައްޤު އިޒާން އަތުން ނިގުޅައިނުގަނޭ.. " ޒޭބާ ބުންޏެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިޒާން އަހަރެންގެ ފޯނަށް ގުޅަން ފެށީ އެހެން އިންދައެވެ. ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން އަހަރެން ފޯނުނެގީމެވެ. އިޒާން ބަލި ވާހަކަ ބުނުމުން އަހަރެން އަވަސްވެގަތީ އަވަހަށް އެތަނަށް ދިއުމަށެވެ. އެތަނުން ނިކުތުމުގެ ކުރިން ޒޭބާ ކައިރީގައި އަހަރެން އެކަމާ ވިސްނާނަން ކަމުގައި ބުނީމެވެ.

*************

އިޒާންގެ ނަޒަރުން:-

"ކިހިނެއްވީ އިޒާން؟؟ ތަނަކަށް ތަދުވަނީތަ؟ " އަހަރެންނާ ދިމާލަށް އަންނަމުން ނައުރާ ބުންޏެވެ. އޭނާ އަހަރެންނާ ހަމައަށް ފޯރުމުގެ ކުރިން އިންތަނުން ތެދުވީމެވެ. ހައިރާންވެފައި ނައުރާ ހުއްޓުނެވެ. ދެޖީބަށް އަތް ޖަހައިލަމުން އަހަރެންނާ ނައުރާ އާ ދިމާލަށް ފިޔަވަޅެއް އެޅީމެވެ.

"އިޒާން ބައްޔެއް ނޫންތަ؟ " ނައުރާ ހައިރާންވެ ހުރެ އެހިއެވެ. އަހަރެންގެ ތުންފަތަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ.

"ވަޓްސް ގޮއިންގް އޮން އިޒާން...!! ކޮންވަހެއްތަ އެދުވަނީ.. " އަތުގެ އިނގިލިތައް ނޭފަތާ ކައިރިކޮށްލަމުން ނައުރާ އެހިއެވެ.

"އެއީ ނައުރާގެ ނިމުން ކައިރިވާތީ ދުވާ ވަހެއް.. ؟؟؟ " އަހަރެން ބުނީމެވެ.

"ވަޓް... ؟؟ ކީކޭ ތިކިޔަނީ..؟ " ނައުރާ ބުންޏެވެ.

"މިބުނީ ނައުރާގެ މަރާ ދިމާލަށް އަމިއްލައަކަށޭ ހިނގާފަ ތިއައީ.. " އަހަރެންގެ އަޑުގައި އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނުބަހައްޓަމެވެ.

"ނުވިސްނޭ ތިކިޔަނީ ކީކޭ ކަމެއް؟؟؟ ކީއްވެ ބަލިވިއްޔޭ ކިޔާފަ ދޮގު ހަދާފަ އަހަރެން މިތަނަށް ގެނައީ..؟ " ނައުރާ ހިތްހަމަނުޖެހިފައި ބުންޏެވެ. އަހަރެން ހިނިގަނޑެއް ޖަހައިލީމެވެ. ނައުރާ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރީ ހައިރާންވެފައެވެ.

"ފައިނަލީ!! ފައިނަލީ މިއަދު އަހަރެންގެ ލަނޑުދަނޑި ހާސިލް ވާނެ. އެތައް ދުވަހަކަށްފަހު މިހިތަށް ހަމަޖެހުން ލިބޭނެ.. އަހަރެންގެ ޒޭބާގެ މަރުގެ ބަދަލު ހިފޭނެ. " މިހެން ކިޔަމުން އަހަރެން ދިޔައީ ދޮރާ ކައިރިއަށް ޖެހެމުންނެވެ.  ނައުރާ ހައިރާންވެފައި އެހުރި ތަނުގައި ބަލަން ހުއްޓެވެ.

"ޒޭބާގެ މަރޭ!! ބަދަލޭ!! އިޒާން ކީކޭތަ ތިކިޔަނީ؟ ޒޭބާ މަރެއްނުވޭ... " ނައުރާ ބުނެލިއެވެ.

"ހުއްޓާލާ.. ކަލެއާ ކަލޭގެ ބޭބެ ވެގެން އަހަރެންގެ ޒޭބާ މަރާލީ.. އަހަރެމެންނަށް ކުރެވުނު ހަމައެކަނި ކުށަކީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވީކަން.. " އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ.

"ނޫން އިޒާން..!! އަހަރެން ހީކުރީ އިޒާން ލޯބިވަނީ އަހަރެންދެކެ ކަމަށް.. އެކަމަކު މިއަދު އެނގިއްޖެ މިހުރިހާ ދުވަހު އިޒާން އަހަރެންނަށް އޮޅުވާލީކަން.. އެކަމަކު ކީއްވެ؟ އަހަރެންމީ އިޒާން ތިހީކުރާކަހަލަ މީހެއް ނޫން. " އެހުރި ގޮތަށް ހުރެ ނައުރާ ބުންޏެވެ. އޭނާގެ ދެލޮލުން ފާޅުވަމުން ދިޔަ ކަރުނައާއި މޫނުމަތިން ފެންނަމުން ދިޔަ މޮޅިވެރިކަން ފެނި ހިނދުކޮޅަކަށް ނައުރާ ދައްކާ ވާހަކަ ޤަބޫލުކުރަން ހިތަށް އެރިނަމަވެސް އެއީ އޭނާގެ ޖައްސާ އެކްޓެއް ކަމަށް އަހަރެންގެ ހިތާއި ސިކުނޑި ވިސްނައިދިނެވެ.

"އޯހް ކަޓް ދި ކްރެޕް... ކަލޭގެ މަކަރުވެރިކަން އަހަރެން ވަރަށް ރަނގަޅަށް ދަންނަން.. އަހަރެން އަބަދުވެސް ލޯބިވީ ޒޭބާ ދެކެ. ކަލޭ ހީކުރީ އޭނަ މަރާލީމަ އަހަރެން ކަލެއާ އެކު އުޅޭނެކަމަށްތަ؟ ނޫން.. ދުނިޔޭން އަންހެނުން ހުސްވިޔަސް އަހަރެން ކަލެއާ ގުޅޭކަށް ބޭނުމެއްނޫން.. ކަލެއާ ކަލޭގެ ބޭބެ އަހަރެމެންނަށް ޖެއްސީ ކޮންފަދަ ހާލެއް.. އަހަރެމެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލީ..!! އުފާވެރި ދިރިއުޅުމަކަށް އުއްމީދުކޮށްގެން ކައިވެނިކުރުމުގެ ފޮނި ހުވަފެންތައް ދެކެމުން އަންނަނިކޮށް އެހުވަފެންތައް ވިއްސިވިހާލިކޮށްލީ!! އުއްމީދުތަކުގެ ހުރިހާ ހުޅުކޮޅެއް ނިވައިލީ އެއްވެސް ރަހުމެއްނެތި... އެވަރުން ނުފުދިގެން އަހަރެންގެ މިދެލޯ ކުރިމަތީގައި އަހަރެންގެ ޒޭބާ މަރައިލީ.. " އަހަރެންގެ ޖީބުގައި އޮތް އަލިފާން ފޮށި ނަގަމުން ނައުރާއަށް ދައްކައިލީމެވެ.

"ތިހެން ނުހަދާ އިޒާން.. ތިކަމުގެ ސަބަބުން ގެއްލުންވާނީ ހަމައެކަނި އަހަރެންނަކަށް ނޫން.. އިޒާން ތިހީކުރަނީ ރަނގަޅަކަށް ނޫން.. އަހަރެން ހަޤީޤަތް ކިޔައިދޭނަން.. ޕްލީޒް އަޑުއަހާބަލަ.. ނޫން.. އިޒާން ޕްލީޒް.. ޕްލީޒް ނޫން.." ނައުރާ ބުނެ ބުނެ އޮއްވާ އަހަރެން އަލިފާން ދަނޑިއެއް ރޯކޮށްލުމަށްފަހު އެތެރެއަށް އެއްލައިފީމެވެ. އަދި އަވަސްއަވަހަށް ދޮރުން ނިކުމެ ބޭރުން ދޮރުގައި ތަޅުލީމެވެ. މުޅިތަނުގައި ރޯވެގެން ދިޔަ ހިނދު ނައުރާ ސިއްސައިގެން ގޮސް އެއްފަރާތަށް ވެއްޓުނު މަންޒަރު އަހަރެން ދުށީމެވެ. އޮފީހުން ނިކުތުމުގެ ކުރިން އަހަރެން ނިމާލްގެ ކޮޓަރިއާ ދިމާލަށް ދިޔައީމެވެ. އެހުރިހާ މަންޒަރެއް ނިމާލްއަށް ފެނިއްޖެކަން އެނގުނީ އޭނަގެ އަނގުރު އަލިފާން ކޮޅެއްފަދަ ދެލޮލުން އަންނަމުން ދިޔަ ކަރުނަ ފެނުމުންނެވެ. އަމަންޒަރު ފެނުމުން އަހަރެންގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. އަހަރެންގެ މަޤްސަދު ހާސިލްވުމުން އޮފީހުން ނިކުތީ ވަރަށް ހިތްހަމަޖެހިގެން ހުރެގެންނެވެ.

މާކުރިން ރާވާފައި އޮތް ފަދައިން އަހަރެން ފުރަތަމަވެސް އައީ މިތަނަށެވެ. ބަދަލުހިފުމުގެ ރޫހުގައި ހުރިވަރުން މަންމަމެންނާ މެދު ވިސްނައިނުލެވުނީތީ މިހާރު އަހަރެން މިއިންނަނީ އިންތިހާއަށް ދެރަވެފައެވެ. ނިމާލް އަހަރެންގެ މަންމަމެން މަރާ ނުލާ ކަމެއްވެސް ނޭނގެއެވެ. އަހަރެން މިތަނުން ނުނިކުމެ އިންނަތާ މިހާރު ދެހަފްތާވަރު ވެދާނެއެވެ. ކުރިންވެސް ބުނިހެން ވަގުތު މިމވަނީ ވަރަށް ކުޑަތަންވެފައެވެ. އެމީހުންނަށް އަހަރެން ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ކަންތައްމިވަނީ އަހަރެންނަށް ހީވި ގޮތަށެވެ. އެއިވެނީ ދޮރުގައި ތަޅާ އަޑެވެ. އެތަޅާ ގޮތުން އެމީހުން ރުޅިއައިސްފައިވާވަރު ހާމަކޮށްދެއެވެ. އަހަރެންގެ ވަގުތު އައިސް ޖެހުނީއެވެ. ނުހުޅުވިއްޔާ ދޮރު ވައްޓާލާފައިވެސް އެމީހުން ވަންނާނެއެވެ. އަހަރެން ބޭނުންނަމަ ކުޑަދޮރުން ފުންމާލައިގެންވެސް މިތަނުން ނިކުމެވިދާނެއެވެ. ނަމަވެސް އެގޮތެއް އަހަރެން ބޭނުމެއް ނޫނެވެ. އިތުރަށް ފިލާކަށް ބޭނުމެއް ނޫނެވެ. އެހެންވެ ގޮސް ދޮރު ހުޅުވާލައިފީމެވެ.


ނުނިމޭ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް