ރައީސް ނަޝީދުގެ އެމްއާރުއައިއެއް ހެދުމަށް ހޯމް މިނިސްޓަރުގެ އަރިހުން އެދިއްޖެ

ރައީސް ނަޝީދުގެ އެމްއާރުއައި ސްކޭން އެއް ހެދުމަށް ހޯމް މިނިސްޓަރުގެ އަރިހުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފު އެދިވަޑައިގެންފައި ވާކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ. އެ އޮފީޙުން ބ...

02 Sep 2015 | 11:26

ރައީސް ނަޝީދުގެ އެމްއާރުއައި ސްކޭން އެއް ހެދުމަށް ހޯމް މިނިސްޓަރުގެ އަރިހުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފު އެދިވަޑައިގެންފައި ވާކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ.

އެ އޮފީޙުން ބުނީ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ޑޮކްޓަރު ލަފާ އަރުވާފައިވަނީ ދެ ހަފްތާ ފަހުން އެމް.އާރު.އައި ސްކޭން ހެދުމަށް ކަމަށެވެ. އަދި އެ މުއްދަތު މިއަދު ހަމަވެފައިވާތީ ޑޮކްޓަރުގެ ލަފާއާއި އެއްގޮތްވާ ގޮތުގެ މަތިން ރައީސް މުޙައްމަދު ނަޝީދުގެ އެމް.އާރު.އައި ސްކޭން ހައްދަވައިދެއްވުމަށް އެދި އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަޠީފް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަރިހުގައި މިއަދު އެދިވަޑައިގެންފައި ވާކަމަށެވެ.

އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ޑޮކްޓަރު ލަފާ އަރުވާފައިވަނީ ދެ ހަފްތާއަށް ފިޒިއޮތެރެޕީ ކުރިއަށް ގެންދިއުމަށާއި، ގެ ފަދަ ސްޓްރެސް ފްރީ މާޙާއުލެއްގައި އަރާމު ކުރެއްވުމަށް ކަމަށާއި އަދި ރައީސް މުޙައްމަދު ނަޝީދަށް އެންމެ އެކަށޭނެ ފަރުވާ އަކީ ކޮބައިކަން ކަށަވަރުވާނީ ދެ ހަފްތާއަށްފަހު އެމް.އާރު.އައި ސްކޭނެއް ހެދުމުން ކަމުގައި ޑޮކްޓަރު ވިދާޅުވި ކަމަށްވެސް ރައީސް ނަޝީދުގެ އޮފީހުން ހާމަކޮށްފައި ވެ އެވެ.

އެ އޮފީހުން އިތުރަށް ބުނީ ރައީސް މުޙައްމަދު ނަޝީދު އަނބުރާ މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރުގެ ލަފާއާއި ޚިލާފަށް ކަމުގައި ފާހަގަ ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް