ސިލްސިލާ ވާހަކަ: ޒާރާ - ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ ޒާރާގެ ފޯނު ވައިބުރޭޓްވާތާ ކިތައްމެ އިރެކެވެ. ނަމަވެސް އެކަން ޒާރާ އަށް އެނގޭހެނެއް ހިޔެއް ނުވެއެވެ. ޒައިދު އޭނާގެ ލޯބިވާ ދޮންތަގެ މޫނަށް ބަލާލިއެވެ. އޭރު ޒާރާގެ ރީތި ދެލޯ ފުރިގެނ...

07 May 2020 | 07:38

ކުރީގެ އަދަދާއި ގުޅޭ

ޒާރާގެ ފޯނު ވައިބުރޭޓްވާތާ ކިތައްމެ އިރެކެވެ. ނަމަވެސް އެކަން ޒާރާ އަށް އެނގޭހެނެއް ހިޔެއް ނުވެއެވެ. ޒައިދު އޭނާގެ ލޯބިވާ ދޮންތަގެ މޫނަށް ބަލާލިއެވެ. އޭރު ޒާރާގެ ރީތި ދެލޯ ފުރިގެން ބަންޑުން ވީތާ ކިތައްމެ އިރެކެވެ. ދެ ކޯތާފަތް މަތިން ކަރުނައިގެ ކޯރެއް ހެދިފައިވެއެވެ. ޒައިދު އިންތިހާއަށް ދެރަވެ ހިތުގައި ޖެހުނެވެ. ދޮންތަ އެގޮތަށް ރޯތަން އެތައް ފަހަރަކު ޒައިދަށް  ފެނިފައިވެއެވެ. އެހެންނަމަވެސް މިފަހަރު ދޮންތަ ގެ މޫނުމަތީގެ ހުރި އަސަރުތައް މުޅިން ތަފާތުކަމުގައި އޭނާއަށް އިހުސާސް ކުރެވުނެވެ.

''އެއްކަލަ ދޮންތަ......ޒައިދު ބޭނުންވީ ޒާރާ ހުއްޓުވާށެވެ.  ދޮންތާ.... '' ޒައިދުގެ ވާހަކައަކަށް ބެލުމެއްނެތި ޒާރާ އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮޓަރީގެ ދޮރު ލެއްޕުނު އަޑު އިވުނެވެ.

ޒާރާ ދެރަވީ ކޮންކަމަކާކަން ޒައިދަށް އޮޅިފައެއް ނެތެވެ. ޒައިދު އެވަރަށް މަންމަ ގާތުގައި ގޭގައި މަޑުކުރަން ބުނީވެސް މިކަން މިހެން ދިމާވާނެކަން އެނގޭތީއެވެ.

މަންމަ އަބަދުވެސް ދޮންތަގެ ކަންތަކަށް ފަރުވާ ކުޑަކުރެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި ދޮންތަ ދެރަވާކަން ޒައިދަށް އެނގެއެވެ. އެންމެ ތުއްތު އިރުއްސުރެ ވެސް މަންމަ ދޮންތަ އާ އެހާބޮޑަށް އަޅާލާތަނެއް ޒައިދަކަށް ނުފެނެއެވެ. ދޮންތަ ގެ ވާހަކައަށް މަންމަ ސަމާލުކަން ދޭނީ މަދުފަހަރަކުއެވެ. ކިތައްމެ މަތީ މާކުހެއް ހިފައިގެން ގެއަށް އަޔަސް މަންމަ ދޮންތައަށް ހިނިތުންވެ މަރުހަބާ ކިޔާތަނެއް ޒައިދަކަށް ނުފެނެއެވެ.

ކިޔެވުމަށް މޮޅު ވުމުގެ އިތުރުން، ދޮންތަ އަކީ މަންމައާއި ބައްޕަގެ ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. އެހެންނަމަވެސް މަންމަ އަބަދުވެސް ދައްކަނީ ޒައިދުގެ މޮޅު ވާހަކައާއި ރަނގަޅު ވާހަކައެވެ. މިކަންކަމާ މެދުގައި ޒައިދުގެ ހިތުގައި އެތައް ސުވާލެއް އުފެދިފައިވެއެވެ. އެހެންނަމަވެސް ދުލުން ބޭރުކުރަން ފަސްޖެހެނީ ކީއްވެކަމެއް ޚުދު ޒައިދަކަށް ނުވިސްނުނެވެ.

''ދަރިފުޅާ..... ކޮބާ ދޮންތަ..... ދެބެއިން ކެއީތަ؟ ގޭތެރެއަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ތެރެއިން ހާމިދުގެ އަޑު އިވުނެވެ.

''ބައްޕަ ދިޔައީ މިސްކިތަށް.... އިޝާނަމާދު ނުކޮށް ހުރީމަ ނަމާދުކޮށްލައިގެން މި އައީ... '' ދެންވެސް ވާހަކަދެއްކީ ހާމިދެވެ.

ޒައިދުގެ ހިމޭންކަން ހާމިދުގެ ހިތުގައި ޝައްކު ތަކެއް އުފައްދައިފިއެވެ.

''ޒައިދު... ،... ކޮބާ ދޮންތަ..... މަންމަ އަށް ގޮވާބަލަ..... މިރޭ ކާނީ އެންމެން އެކީގައިދޯ.....''

ޒައިދުގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. ހާމިދު ކަންބޮޑުވީ ޒައިދުގެ މޫނުމަތީގެ އުދާސްކަން ފެނުމުންނެވެ.

''ދަރިފުޅާ...... ބައްޕަ ގެ އަޑު ދަރިފުޅަށް ނީވެނީތަ؟......" ހާމިދަކީ މަޑުމައިތި، ދަރިންދެކެ ލޯބިވާ، އޯގާތެރި ކަމުގެ ދެވަނައެއް ނެތްފަދަ ބައްޕައެވެ.

'' .... ދޮންތަ ވީ ރޫމުގަ..... މަންމަ ނާދޭ އަދި......'' ޒައިދު ހާމިދުގެ މޫނަށް ބަލާލަމުން ބުންޏެވެ.

'' އެހެންތަ.. ބައްޕަ އެބަ އަންނަން ދޮންތަ ގޮވައިގެން ކާން..... ،، ހާމިދު ހިނގައިގަތީ ޒާރާގެ ކޮޓަރިއާ ދިމާއަށެވެ. މަންމަ އަދިވެސް ގެއަށް ނާންނަ ކަމަށް ބުނި ބުނުން ހާމިދަށް އަޑު ނީވޭކަހަލައެވެ.

ޒައިދަށް ޔަޤީންވާ ކަމަކީ މަންމަ އަށް ގުޅިޔަސް، މިގަޑީގައި ގެއަށް ނާންނާނެ ކަމެވެ. އަދި ބައްޕަ އަށް ދޮންތަ ރޯ މަންޒަރު ފެނުމުން ވާނެގޮތް ޒައިދުއަށް އޮޅިފައެއް ނެތެވެ. ހާމިދަކީ ދަރިންގެ ކޮންމެ ކަންބޮޑުވުމަކާ ހިތާމައެއް ނުހަނު ގާތުން ހިއްސާކުރާ ބައްޕައެކެވެ.

''ބައްޕާ...'' ޒައިދު ބޭނުންވީ ކޮންމެވެސް ގޮތަކުން ބައްޕަ ހުއްޓުވާށެވެ.

'' ދޮންތަ ބުނީ ކުޑަކޮށް އަރާމު ކޮއްލާފައޭ ކާނީ....އައިސް އަލަމާރިން ކިރުޕެކެޓަކާ ބިސްކޯދު ޕަކެޓެއް ހިފައިގެން ވަނީ..... '' ޒައިދު ގަސްދުގައި ދޮގެއް ހެދިއެވެ. ހާމިދަކީ ހިތުގެ ބަލި ހުންނަ މީހެއްކަން ޒައިދު ހަނދާން ނައްތައެއް ނުލައެވެ.  ހާމިދަށް ކުޑަނަމަވެސް ހިތާމައެއް ނުވަތަ ހިތްދަތިކަމެއް ލިބޭތަން ދުށުމަކީ އޭގެ ދެބެއިންނަށް ކެތްވާނެ ކަމެއް ނޫނެވެ.

'' އެހެންވިއްޔާ ބައްޕަވެސް ކާނީ ފަހުން.... '' ހާމިދުވެސް ޒާރާ އަރާމު ކުރަން ދޫކޮށްލުމަށްފަހު ވަނީ އޭނާގެ ކޮޓަރިއަށެވެ.

އެނދުގައި އިށީދެލުމަށްފަހު ހާމިދު ބޭނުންވީ ނާޒިމާ އަށް ގުޅާށެވެ. އިރު އޮއްސުނު އިރު ދިޔަ މީހާ ދިހައެއްޖަހާ ބޮޑުވި އިރުވެސް ގެއަށް ނައުން އެއީ ހާމިދަށް އާ ކަމެއް ނޫނެވެ. އެހެންނަމަވެސް މިރޭ އެހެން ރޭރެއާ ތަފާތު ވާންޖެހޭނެކަމަށް ހާމިދަށް ގަބޫލުކުރެވުނެވެ. ހާމިދު ދެކޭގޮތުގައި މިރޭ ނާޒިމާ ގޭގައި ހުންނަންޖެހޭނެއެވެ. އެދުމަތީގައި އޮތް އޭނާގެ ފޯނު ނެގުމަށް ފަހު ނަޒިމާގެ ނަމްބަރު ޖަހާލިއެވެ. މިގޮތަށް އެތަށް ފަހަރަކު ނާޒިމާގެ ނަންބަރަށް ގުޅަން ނަންބަރު ޖެހިއެވެ. ގުޅާ ފިތަށް ފިއްތާލިވެސް މެއެވެ. ދެ ފިކުރުގައި އިން ހާމިދުގެ މޫނުމަތިން ފެންނަނީ ހިތާމައާއި ހިތްދަތިކަމެވެ.

ނާޒިމާ ގޮވައިގެން ހަޔާތުގެ ދަތުރު ފެށިތާ 27 އަހަރު ފާއިތު ވެއްޖެއެވެ. ދެކުދިން ބޮޑުވަންދެން މަޖޫރީއެއް ފަދައިން ހާމިދު ކެތްކޮށްފިއެވެ. ދަރިންގެ ހައްޤުގައި ހިތުގައި ހިލަ ބަނދެގެންނެވެ. ޝަކުވާ ކުރުމަކީ ހާމިދު ބޭނުންވާ ކަމަކަށް ނުވާތީއެވެ. ދަރިންގެ ހައްޤުގައެވެ.

ދެކޭމީހުނަށް ފެންނަ ފެނުމަށް އެ ދެމަފިރިންގެ ދިރިއުޅުމަކީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. ނާޒިމާ އާއި ހާމިދުގެ ދިރިއުޅުމަކީ، އެއްވެސް ކިލަނބުކަމެއް ނެތް ދިރިއުޅުމެއް ކަމުގައި މީހުންނަށް ހީވެފައި އޮވެދާނެއެވެ.  ބޭރުން ބަލާ މީހާއަށް ކޮންމެ ކޮންމެ ދިރިއުޅުމަކުން އެ ދިރިއުޅުމެއްގެ ހަޤީގަތް ނުފެނިދާނެއެވެ. އެހެނީ އޮޑީގައި ހުންނަ ނުކިއްސަރުކަން ފެނިގެންދާނީ އެ އޮޑީގައި ދަތުރު ކުރާ ބަޔަކަށެވެ.

ހާމިދުގެ އަނގައިން ވޭނީ އާހެއްގެ އަޑު ނިކުތް ނަމަވެސް އެ އަޑު އަހާނެ އެއްވެސް މީހަކު އެތާކު ނެތެވެ. އަނބިމީހާ އަށް ގުޅަން ނިންމި ނިންމުން ބަދަލު ކުރުމަށްފަހު ހާމިދު އެނދުގައި އޮށޯވެލިއެވެ. ސިނކުޑީގައި ވާ ހައިޖާނުތަކަށް ލުޔެއް ލިބޭތޯ ލޯމަރާލިއެވެ. ލޮލަށް ޖަމާވެ، ފައިބައިގަންނަން ތައްޔާރުވެފައިވާ ކަރުނަތައް ލޮލުގެ ހިމަކޮޅުން ފައިބައިގަތެވެ. ހާމިދުގެ ހަޔާތުގެ އެތައް ވާހަކައެއް އެކުލެވިފައިވާ، އަގެއްނެތް ކަރުނަތިކިތައް ދެމެމުން ގޮސް ބާލީސް ތެރެއަށްވަދެ ހިނދިގެން ދިޔައެވެ.

ހަމަ އެތަންވަޅު ހާމިދުގެ ލޯ ތަންމިނަށް ހުޅުވާލެވުނީ ކޮޓަރީ ދޮރުގައި ބާރުބާރަށް ތަޅައިގަތް އަޑު އިވުމުންނެވެ. އެއްވެސް އިޚްތިޔާރަކާނުލާ ފުންމައިގެން ތެދުވެވުނެވެ. ހަލުވި ފިޔަވަޅު އަޅަމުން ގޮސް ކޮޓަރީ ދޮރު ހުޅުވާލިއެވެ. ދޮރުފަތް ބޭރުން ކޮއްޕާލިލެއް ބާރުކަމުން ދޮރުފަތުގެ ތިރީކައިރީގައި ޖެހި ހާމިދުގެ ފައިގެ އިނގިލިތައް ކުރުގެޅިގެން ދިޔައެވެ. ތަދު ގެ ވޭން ލިބުނުކަމުގައި ވިޔަސް ހުއްޓުން އަރާފައި ހުރެވުނީއެވެ. ނާޒިމާގެ ލޮލުން ބުރަމުންދާ ކަނިތަކުން ވާ ހޫނުގެ އަސަރު، އިނގިލިތަކަށް ލިބުނު ވޭނަށްވުރެ ގަދަވާނެކަން އިހްސާސް ކުރެވޭތީއެވެ.

''މިރޭ ކޮން ގަނޑެއް ގަންނަން ދޮރު ތަޅުލައިގެން ތިއޮތީ.....މިހާގިނަ ސާމާނު ދެއަތުން ހިފައިން އައިސް އަދި މަވީ މަނިކުފާނު ދޮރު ހުޅުވާތޯ އިންތިޒާރު ކުރަންތަ....... .'' ނާޒިމާގެ ފުރަތަމަ ހަމަލާ ފޮނުވާލިއެވެ. ހާމިދުގެ މޭގާ އަޅާ ކޮއްޕާލަމުން،  އެތެރެއަށް ވަދެ ދެއަތް ފުރެންދެން ހުރި ސާމާނުތައް އެނދުމައްޗަށް އޮއްސާލިއެވެ.

ނާޒިމާ ލޯއަޅާލިގޮތުން ހަނގުރާމަ ގަދަވާނެ ވަރު ހާމިދަށް އަންދާޒާ ކުރެވުމާއެކު ހިތްވަރު ކޮށްފައި ކުރިއަށް ޖެހި ނާޒިމާގެ އަތުގައި ހިފާލިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް