''އައި ފޯނެއްތަ... ފަހުގެ މޮޑެލް ދޯ...ދައްކާ ބަލާލަން...'' ޒާރާގެ ފޯނު ވައިބްރޭޓް ވާންފެށީ، ޒައިދު އެފޯނު ބަލާލަން އަތުލި ވަގުތުއެވެ.
ފޯނުގެ ސްކްރީން އަށް އަރާފައިވާ ނަން ޒައިދަށް ކިޔާލެވުނީ ބޭނުންވި ވަރަށްވުރެ ބާރަށެވެ. ޒާރާ އަށް ބޭއިޚްތިޔާރުގައި ތެޅިގަނެވުނެވެ.
''ދިލް ...ދިލް... މި ކޮން ދިލް އެއް.. އަހަހާ.... އެނގިއްޖެ...'' ޒައިދު ފޯންގެ ސްކްރީންގައި ދިއްލެމުންދާ ނަންކިޔާލުމުން ބޭރުބަލަން އިން ޒާރާ އަށް ތެޅިގަނެވެ. ޒައިދުގެ އަތުން ފޯން ޖަހައިގަނެގެން އުނގުތެރެއަށްލާ ބޮނޑިކޮށްލިއެވެ.
ޒައިދު ލާނެއް ގޮތަކަށް ހިނިތުންވަމުން ޒާރާއަށް ނިތް އަރުވާލިއެވެ. ޒާރާ އިނީ ލަދުންހަލާކުވާ ވަރު ވެފައެވެ. ''ސާބަސް ޒައިދު..... ބައްޕަ އޭ އޭނދީ....އަޑުއިވިދާނެ.....'' ޒާރާ މަޑުމަޑުން ބުނެލިއެވެ. ކުރީސީޓްގައި އިން އެކުދިންގެ ބައްޕައާދިމާއަށް ނިތް އެއްލަމުންނެވެ.
ބައްޕައަށް ޒައިދު ދެއްކި ވާހަކަ އިވުނުހެން ހީނުވާތީ ޒާރާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ، ބައްޕަ ޑްރައިވަރާ ވާހަކަ ދައްކަން އިނީމައެވެ.
''ކީއްތަވާނީ..... ވަލީދޭނީވެސް ބައްޕައެއްނު.....'' ޒާރާގެ ކަންފަތްދަށުގައި ޒައިދު ބުނެލުމާއެކު ޒައިދުގެ ފައިގައި ޒާރާ ވިކާލި އިރު އޭނާގެ ދޮންމޫނު ލަދުން ރަތްވަނީއެވެ. ޒައިދަކީ ސަކަމިޒާޖެއްގެ ޒުވާނެކެވެ. އާއިލާ ތެރޭގައި ޖެހޭ ބައެއް ކުދިކުދި މައްސަލަތައް ޒައިދުގެ ސަމާސާ އާއި ލާނެތް މިޒާޖުގެ ސަބަބުން އޮބިގެން ދާކަމީ ޒާރާ ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމެކެވެ.
''ކީކޭ ކިޔަންވީ....ދޮންތަބެ؟؟....ދޯ.... '' ޒައިދު ދިމާކޮށްކޮށް އިންދާ ގެއަށްއާދެވުނެވެ.
ޒާރާ ގެއަށްވަދެގެން ދިޔައީ މަންމަ އޭނާގެ އިންތިޒާރުގައި އިންނާނެކަމުގެ ފޮނި އުންމީދުގައެވެ. ސިޓިންރޫމުގައި މަންމަ ނެތުމުން އޭނާ ޔަޤީންކުރީ، މަންމަ ވާނީ ބަދިގޭގައި ކަމަށެވެ. މިހާ ދިގު ދަތުރެއް ކޮށްފައި ޒާރާ އަންނާތީ މަންމަ ރަނގަޅު ކާއެއްޗެއް ހަދަނީކަމުގައި ޒާރާ ޔަޤީން ކުރިއެވެ. އެވަގުތު ޒާރާގެ ތުންފަތުގައި ކުޅެލި ހިނތުންވުމުގެ ސިއްރަކީ މަންމަ އަތުން ޒާރާއަށްޓަކައި ތައްޔާރު ކޮށްފައި ހުންނާނެ ރަހަމީރު ބާވަތްތަކުގެ ރަހައިން ބަނޑު ފުރާލެވޭނެ ކަމުގެ ފޮނި އުންމީދެއްގެ ސަބަބުން ވެރިވި ހިނިތުން ވުމެކެވެ.
އަތްދަބަސް ސޯފާމައްޗަށް ދޫކޮށްލުމަށްފަހު ބަދިގެ ބަޔަށް ޒާރާ ވަނީ މަންމަ އަށް އޭނާ ގެނައި އަތުކުރީގަޑި ހިފައިގެންނެވެ. މަންމަ އަބަދުވެސް އަތުކުރީ ގަޑިއަށް ވަރަށް ލޯބި ކުރެއެވެ. ފަހުގެ ގަޑިތައް މަންމަ އަބަދުވެސް ގަންނަ ކަމާއި އެފަދަ ދެތިން ހަތަރުގަޑި ގެންގުޅުމަކީ މަންމަގެ އުފަލެއްކަން ޒާރާ ހަނދާން ހުއްޓެވެ.
މާޔޫސްކަން ލިބުނީ ބަދިގެ ތެރޭގައި މަންމަ ނެތުމުންނެވެ. ޒާރާ މަންމަ އަށް ދެތިން ފަހަރަކު ގޮވައިފިއެވެ. ޚަބަރެއް ނުވިއެވެ. އަވަސް ފިޔަވަޅު އަޅަމުން މުޅިގޭތެރެ ހޯދާފިއެވެ. ޒާރާގެ ލޮލަށް ކަރުނަ ޖަމާވީ މަންމަ ގޭގައި ނެތްކަން ޔަޤީންވީމައެވެ. ވެފައިވާ ބަޑުހައި ކަމުގެ އިހްސާސް މުޅިން ފިލާ ދިޔައީ ލިބުނު މާޔޫސް ކަމުގެ ސަބަބުންނެވެ. ހިތަށް ވެރިވި އެތައްހާސް ޝުއޫރުތަކެއްގެ ނަތީޖާއެއްގެ ގޮތުން މޫނުމަތީގެ އުފާވެރިކަން ކެނޑި، ލޮލަށް ކަރުނަ ޖަމާވިއެވެ. ސިޓިން ރޫމް ސޯފާގައި އިން ޒައިދު ގާތުގައި އިށީދެވުނީ ގައިން ބާރު ދޫވާގޮތްވުމުންނެވެ.
''ކޮބާ މަންމަ" ކުރެހިފައިފައިވާ އަޑަކުން ޒާރާއަށް އަހާލެވުނެވެ.
މި ސުވާލު އަންނާނެކަން މާކުރިންވެސް ޒައިދަށް އެނގެއެވެ. އަދި މިކަމާ ގުޅިގެން އެތައް ސުވާލެއް އަންނާނެތީ ޒައިދު އިނީ ކަންބޮޑުވެފައެވެ.
''އަލިބެ މެންގޭގަ......'' ޒައިދު ފޯނާ ކުޅެން އިނދެ ފަރުވާކުޑަގޮތަކަށް ބުނެލިއެވެ. ޒާރާ ގެ ލޮލުން ކަރުނަ އަންނަ މަންޒަރު ބެލުމަކީ ޒައިދަށް އެހާފަސޭހަ ކަމަކަށް ނުވާތީ ޒާރާ އާ ހަތަރުކަޅި ހަމަކުރަން އެވަގުތު ޒައިދު ބޭނުމެއް ނުވިއެވެ.
''ކޮން އަލިބެ އެއް؟...'' ޒާރާ އަވަސް އަވަހަށް އަހާލިއެވެ.
''ވާއު......ހާދަ ރީތި ގަޑިއެކޭ.... ކިހާވަރަކަށް.....'' ޒައިދު ބޭނުންވީ އެހެން ވާހަކައެއް ދައްކާށެވެ. ޒާރާ މުށުތެރޭގައިވާ ގަޑި ޒައިދު ނެގީ، އެ ގަޑިއާ މެދުގައި އެއްވެސް ޝައުޤުވެރިކަމެއް ހުރެގެނެއް ނޫނެވެ. ޒާރާ އެކަމާ އަޅާވެސް ނުލިއެވެ.
''ކޮން އަލިބެ އެއްހޭ.... ؟'' ޒާރާ އަޑުގައިވަނީ ހިތްދަތިކަމެވެ.
''ސަރީފާއްތަ ގެ ފިރިމީހާ ....'' ޒައިދުގެ ޖަވާބު މިފަހަރުވެސް ވަރަށް ކުރެވެ.
''ކޮން އަލިބެއަކާ ސަރީފާއްތަ އެއްތަ؟ އަހަރެން ނުދަންނަން.....'' ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން ޒާރާ ޖާވާބު ދިނެވެ.
ކިތައްމެ ހިތްވަރު ކޮންގެން ހުއްޓަސް، ޒައިދު ގެ ޖަވާބެއް ނުލިބުމުން ޒާރާ ރުޅިގަދަވިއެވެ. ޒައިދުގެ އަތުން ފޯނު އަތުލިއެވެ.
''ކޮއްކޮ ވެސް ހާދަ ތަފާތުވެއްޖެއޭ.... ދޮންތަ މިވަރަށް މަންމަ ކޮބާހޭ އަހާއިރުވެސް ހަމަ ތި އިންނަނީ ފޯނު ކޮއްޓާލަ ކޮއްޓާލާ...... އެންމެ ރަނގަޅު..... '' ޒާރާ އަކަށް ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. ފުރިގެން ބަންޑުންވާން ކައިރިވެފައިވާ ދެލޯ ފޮރުވުން ނޫން ގޮތެއް ނެތްކަން ޔަގީން ވުމުން އޭނާ ތެދުވެގެން ދާން ހިނގައިގަތެވެ.
''ދޮންތާ... ހަމަޖެހިބަލަ... މަންމަ ދިޔައީ އަލިބެ މެންގެއަށޭ ބުނެފީމެންނު...'' ޒައިދު އޭނާގެ ދޮންތަގެ އަތުގައިހިފާ ސޯފާގައި ބޭންދިއެވެ.
'' އަލިބެ މެންގެއަށް މަންމަ ދިޔައީ މިރޭ ސަރީފާއްތަ މާލޭން އަންނާތީ... ސަރީފާއްތަ އެއައީ ބެންކޮކަށް ވިޔަފާރި ދަތުރެއް އަޅާލާފައި.. މަންމަ އަށް ނިކަން ހަދިޔާދޭނެ އެހެން އަންނަ ކޮންމެ ފަހަރަކުވެސް....... ބަލާބަލަ މި ސޯފާސެޓާ އެހެރަ ޓީވީރެކް... ނުވިތާކަށް ދޮންތަގެ ބެޑްރޫމް ސެޓްވެސް އެހެރީ އާކޮށްލާފަ.... ވަރަށް މުއްސަނދި ބައެކޭ އެއީ. ..... މާލޭގައި ދެ ގޯއްޗާއި އެތައް ފިހާރައެއް އަލިބެގެ ހުރޭ.... ގެ ފަނަރަ ބުރިއަށް ހަދަން ބަޔަކާ ހަވާލުކޮށްފަ މިރަށަށް ބަދަލުވީ......ގެ ނިމެންދެން.... ..'' ޒައިދު އެއްނޭވާއިން ކިޔާލިއެވެ.
ޒާރާ އެއްވެސް އެއްޗެއް ނުބުންޏެވެ. ޒައިދު ދެއްކި ވާހަކަތަކަށް ޒާރާގެ އެއްވެސް ޝައުޤުވެރިކަމެއް ނެތްކަހަލައެވެ. މުޅި ސިޓިން ރޫމްގައިވަނީ ހަމަ ހިމޭންކަމެވެ.
ޒާރާގެ ފޯނު ވައިބުރޭޓްވާތާ ކިތައްމެ އިރެކެވެ. ނަމަވެސް އެކަން ޒާރާ އަށް އެނގޭހެނެއް ހިޔެއް ނުވެއެވެ. ޒައިދު އޭނާގެ ލޯބިވާ ދޮންތަގެ މޫނަށް ބަލާލިއެވެ. އޭރު ޒާރާގެ ރީތި ދެލޯ ފުރިގެން ބަންޑުން ވީތާ ކިތައްމެ އިރެކެވެ. ދެ ކޯތާފަތް މަތިން ކަރުނައިގެ ކޯރެއް ހެދިފައިވެއެވެ. ޒައިދު އިންތިހާއަށް ދެރަވެ ހިތުގައި ޖެހުނެވެ. ދޮންތަ އެގޮތަށް ރޯތަން އެތައް ފަހަރަކު ޒައިދަށް ފެނިފައިވެއެވެ. އެހެންނަމަވެސް މިފަހަރު ދޮންތަ ގެ މޫނުމަތީގެ ހުރި އަސަރުތައް މުޅިން ތަފާތުކަމުގައި އޭނާއަށް އިހުސާސް ކުރެވުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް