ސިލްސިލާ ވާހަކަ: ޒާރާ - ދެވަަނަބައި

ކުރީގެ އަދަދާއި ގުޅޭ ދެތިންފަހަރަކު ޒާރާ އޭނާގެ ބައްޕައަށް ގޮވާލައިފިއެވެ. އަޑުއިވުނު ކަމަކަށް ނުވިއެވެ. މާ ބާރަށް ގޮވާކަށްވެސް ނުކެރުނެވެ. ހިތްވަރުކޮށްފައި ތެދުވެގެން ބައްޕަ އިންހިސާބަށް ދާން އޭނާ ބޭ...

30 Apr 2020 | 01:02

ކުރީގެ އަދަދާއި ގުޅޭ

ދެތިންފަހަރަކު ޒާރާ އޭނާގެ ބައްޕައަށް ގޮވާލައިފިއެވެ. އަޑުއިވުނު ކަމަކަށް ނުވިއެވެ. މާ ބާރަށް ގޮވާކަށްވެސް ނުކެރުނެވެ. ހިތްވަރުކޮށްފައި ތެދުވެގެން ބައްޕަ އިންހިސާބަށް ދާން އޭނާ ބޭނުންވިއެވެ. ދޯނި ދުއްވަމުންދަނީ ވަޔާ އިދިކޮޅަށް ކަމުން ދޯނި ރޯލް ކުރާވަރު ކުޑައެއްނޫނެވެ.

އުނގުމަތީގައި އޮތް ވާހަކަފޮތް ނެގުމަށްފަހު ކޮޅަށް ތެދުވެ ހިންދެމި ނުލެވި އުޅެނިކޮށް ދޯންޏަށް އެރި ލޮޅުމުގައި އޭނާ އަރިއަޅާލައިފިއެވެ. ބާރުގަދަ އަތެއްގެ އެހީތެރިކަން ނުލިބުނު ނަމަ ޒާރާ ވެއްޓުނީހެވެ.  ވެއްޓުނަނުދީ ސަލާމަތް ކޮށްދިން އެ އަތުގައި އޭނާއަށް ހިފަހައްޓާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއީކާކުތޯ ބަލާލެވުމާއެކު އެ އަތުން ދޫކޮށްލެވުނެވެ.

މީގެ ކުރިން ދެކެފައިނުވާ ޒުވާނެކެވެ. ޒުވާނާ ޒާރާއާ ދިމާލަށް ހިނިތުން ވެލިއެވެ. ޒާރާއަށް އޭގެ ރައްދުގައި ހީލާކަށްވެސް ނޭގުނެވެ. އިސްޖަހާލެވުނީ ނުދަންނަމީހަކު އެހާގާތުގައި ހުރުމުންނެވެ......

"އެތެރެއަށް ގެންގޮސްދެންތަ...... އަހަރެން އެހީވެދީފާނަން....'' ޒުވާނާ ހިނތުންވެލަމުން އަތްދިއްކޮށްލިއެވެ.

ނޫނެކޭ ބުނުމުގެ ގޮތުން ޒާރާ ބޯ ހޫރާލިއެވެ.

"މިހާ ކަނޑުގަދަ އިރު އެކަނި ދެވޭނެތަ..... އަހަރެން ހެލްޕް ވެދީފާނަން.... އާދޭ....." އަނެއްކާވެސް އޭނާ އަތްދިއްކޮށްލިއެވެ. އެ އަތަށް ޒާރާއަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ.

މުލައްދަނޑީގައި ހެޔޮވަރު ވަރަކަށް އިސްތަށިފަޅާފައިވާ ބާރުގަދަ، ޒުވާން އަތެކެވެ. އާދިލް މަތިން ޒާރާ ހަނދާންވިއެވެ. އެއަތް އާދިލްގެ އަތާ ވައްތަރުގޮތެއް ހުރީމައެވެ.

''ކަމެއްކޮށްދެންޏާ އަހަރެންގެ ބައްޕައަށް ގޮވާލަދީ......'' މަޑުމަޑުން ޒާރާ ބުންޏެވެ. ދޯނި ރޯލްކުރާވަރުން ކޮޅަށް ހުންނަން ނުކެރިގެން ޒާރާ އަނެއްކާވެސް އިށީނީއެވެ.

"ކޮބާ ބައްޕަ....'' އެތެރޭގަތަ...؟'' ޒުވާނާ އަހާލީ ނުހަނު ހިތްހެޔޮކަމާ އެކުގައެވެ.

"އެކޮޅުގަ....''  ޒާރާ އިޝާރާތް ކޮށްލީ ބޯޓުގެ ދިރުނބާކޮޅުގައި އިން އޭނާގެ ބައްޕައަށެވެ.

ޒުވާނާ ހާމިދުއާ ދިމާލަށް ހިނގައިގަތުމުން އޭނާއާއި ދިމާލަށް ޒާރާ ބަލާލިއެވެ.

އިސްކޮޅުން ދިގެވެ. ބައިމަތިފުޅާވެފައި މެދުމިނުގެ ރޫފައެކެވެ.  ފިރިހެންވަންތަ، ކަސްރަތީހަށިގަނޑެކެވެ. އިސްތަށިގަނޑު ހުރީ ކުރުކޮށް ކޮށާފައެވެ. ލައިގެން ހުރި އަޅިކުލައިގެ ޓީޝާޓާއި ނޫކުލައިގެ ޖީންސްގައި އޭނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. ޒުވާނާގެ ރީތިކަމަށް ޒާރާގެ ހިތާހިތުން ތައުރީފު ކުރެވުނުވެސް މެއެވެ.

" ދަރިފުޅު ފޯނެއްގަ އިނީމަ ބައްޕަ މަޑުކޮއްލީ..... ހިނގާ ވަންނަމާ ދޯ...... '' ހާމިދު ޒާރާ ކައިރިއަށް އަންނަން މާކަ ގިނައިރެއް ނުނެގިއެވެ.

''ނިޔާމަބޯޓް" ފޮނަދޫ ބަނދަރަށް ކައިރިކުރިއިރު ރޭގަނޑު ގަޑިން ނުވަގަޑި ބައި ވަނީއެވެ. ޒާރާއަށް އޮތީ ނިދިފައިކަމުން ވަގުތު ދިޔަގޮތްވެސް ނޭނުނެވެ. ހޭލެވުނީ ބައްޕަ ގޮވީމައެވެ.

ރަށަށް ފޭބުމުގެ ތައްޔާރީތައް ވަމުންދާތީ ބޯޓުތެރެފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ކޮންމެ މީހަކުވެސް އަތްމަތި އަވަސްކޮށްލާފައިވާ ގޮތުން ހީވަނީ އެންމެ ކުރިން ފައިބަން އުޅޭހެނެވެ. ބޯޓަކީ ދެބުރިއަށް ހަދާފައިވާ ބޯޓެއްކަމުން މަތިން ތިރިއަށް ފައިބާ މީހުންނާ ކޮޅުކޮޅަށް ފޮށި ތަންމަތި ހިފައިގެން ހިނގާ މީހުން ގިނަކަމުން ބޯޓުތެރެ ފެންނަނީ ނުހަނު ހަލަބޮލިކޮށެވެ. ބޯޓު ތެރޭގައި އަޑުގަދަ ކަމުން ކައިރީގައި ހުންނަ މީހާ ދައްކާ ވާހަކަވެސް ސާފުވަނީ މަދުފަހަރަކުއެވެ. ޒާރާވެސް ގެންގުޅުނު ސާމާނު ދަބަހަށް އަޅާލަމަށްފަހު ދަބަސް ގަޔާލާ ބޮނޑިކޮށްލައިގެން އިނީ ބައްޕަ ފެންނަންނެތީމަ އެވެ.

"ހައި...... ކިހިނެއް......." ޒާރާގެ ވަރަށް ކައިރިން އަޑުއައެވެ. ހަމަ އެޒުވާނާ އެވެ. ހަމަ އެ ހިނިތުންވުމެވެ. ސަލާމަށް އަތްދިއްކޮށްލައިގެން ހުރީ ޒާރާގެ ނުހަނު ގާތުގައެވެ.

"ހައި..........."" ޖަވާބު ދިން ނަމަވެސް  ޒާރާގެ އަތް ހަރަކާތެއް ނުކުރިއެވެ. ކުރިއަށްވުރެ ބޮޑަށް ކުރުގެޅި ބޮޑިވެލެވުނީ އެ ޒުވާނާ ހުރިލެއް ކައިރިކަމުންނެވެ.

''އަހަރެން .... އިމްރާން........ '' އެ ޒުވާނާ މޭގައި އަތްޖައްސާލަމުން ތައާރަފުވެލިއެވެ.

''ނުދަންނަން......'' ޒާރާ އިސްޖާއިގެން އިނދެ ބުންޏެވެ.

''ނާހަމެއްނު އަހަރެން ދަންނަންތޯއެއް....... އަހަރެންވެސް ތީ ކޮންކުއްޖެއް ކަމެއް ނުދަންނަން..... އެކަމަކު މިހާރު ބޭނުންވަނީ ދަސްކުރަން....... ތީ ކޮންކުއްޖެއް....... ނަންބުނެފާނަންތަ އެޓްލީސްޓް..." އިމްރާން އެއްވެސް ޖެހިލުމެއް ނެތި ވާހަކަ ދައްކަމުން ދިޔައެވެ.

''ދަރިފުޅާ.... ހިނގާ އަވަހަށް ފައިބަމާ......'' ބައްޕައާއި އެކު ބޯޓުން ފޭބުމައްޓަކައި ޒާރާ ތެދުވިއެވެ. ހިތްހަމަ ޖެހުމުގެ ނޭވައެއް ބޭރުކޮށްލެވުނީ ޒުވާނާގެ ކިބައިން ސަލާމަތް ވެވުނީތީއެވެ.

ފޭބުމާއެކު ވަށައިގެން ހޯދާލެވުނީ މަންމަ ފެނޭތޯއެވެ. މަންމަ ފެންނާކަށް ނެތެވެ. ޒާރާ ބަލާ މަންމަ އަންނާނެ ކަމަށް އުންމީދުކުރެވުނީތީ ޒާރާ ދެރަވިއެވެ.

"ދޮންތާ...... ޕޮއް......... '' ޒާރާގެ ފުރަގަހުން ދެކޮނޑުގައި ހިފާލުމުން ޒާރާ ސިއްސުވާލީ ޒައިދެވެ.

''އެއްކަލަ ޒައިދު.... އަދިވެސް ހަމަ އެގޮތްދޯ...... މީހާ ހީވަނީ ދިގު ދިވެހި ރުކެއްހެން... އެކަމަކު އަދިވެސް ބޭބީގޮތްގަނޑު ދޫކުރާކަށް ނޫޅެ...... "" ޒާރާ އޭނާގެ ހުރި ހަމައެކަނި ކޮށްކޮގެ ކަންފަތުގައި ހިފާލަމުން ލޯބިން ބުނެލިއެވެ.

ޒާރާއަށްވުރެ ޒައިދު 3 އަހރު ހަގުކަމުގައި ވިޔަސް ، 22 އަހަރުގެ ޒައިދު ބަލާބެލުމަށް ހީވަނީ ޒާރާއަށްވުރެ ދޮށިހެންނެވެ. އިސްކޮޅުން ދިގުވެފައި ހަށިގަޑު ވަރުގަދަކޮށް ހުންނާތީ ފެންނަފެނުމަށް އެހެންހީވަނީއެވެ.

ސްކޫލް ނިންމުމަށްފަހު ޒައިދަށް ކިޔަވަން މާލެދިއުމުގެ ފުރުސަތު ގެއްލުނީ މަންމަގެ ލޯމަތިން ޒައިދު ގެއްލެން ބޭނުން ނުވީމައެވެ. އެދުވަސްކޮޅު ހިތްހަމަނުޖެހިފައި ހުއްޓަސް ބޭންކްގެ ވަޒީފާ ލިބުމަށްފަހު މިހާރު ޒައިދުގެ މާބޮޑު ޝަކުވާތަކެއް ނެތެވެ.

''ދޮންތަ ހާދަ ހިކިއްޖެހޭ ދޯ....'' ގެއަށްދާން ޓެކްސީއަށް އަރަމުން ޒައިދު ބުނެލިއެވެ.

''ދޮންތަހެން ނުކައި ދަރިފުޅުވެސް އުޅެންފަށާބަލަ...... ނުހިކޭތޯބަލަން.........'' ހާމިދު ކާރުގެ ދޮރުލައްޕާލުމުން ޑްރައިވަރު ކާރު ދުއްވާލައިފިއެވެ. ޒާރާގެ ފޯން ވައިބްރޭޓް ވާންފެށީ، ޒައިދު އެފޯނު ބަލާލަން އަތުލި ވަގުތުއެވެ.

ފޯނުގެ ސްކްރީން އަށް އަރާފައިވާ ނަން ޒައިދަށް ކިޔާލެވުނީ ބޭނުންވި ވަރަށްވުރެ ބާރަށެވެ. ޒާރާ އަށް ބޭއިޚްތިޔާރުގައި ތެޅިގަނެވުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް