މިމަހު 23 ވަނަ ދުވަހު އައިޖީއެމްއެޗް ސަރަހައްދު މޫދުން ނެގި ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހުމަދުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން މި ހަފްތާގައި އިންޑިއާއަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ސިދުރަތުﷲ މޫދުން ނެގިއިރު އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުއްޓެވެ. އަދި އޭނާގެ އެއް ލޯ ނެތްކަމަށް ވެސް އޭނާގެ މަންމަ ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވާފަ އެވެ. އެ ހުރިހާ ކަމަކަަށް ބަލައި ސިދުރަތުﷲ މަންމަ ބުނެފައިވަނީ އޭނަގެ ދަރިފުޅަށް ބަޔަކު އަނިޔާކޮށް މަރާލީ ކަމަށެވެ. ފުލުހުން ދަނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަދި އެ މައްސަލަ ބެލުމުގައި ފުލުހުން ވަނީ އާންމުގެ އެހީއަށް އެދިފަ އެވެ. އަދި ސިދުރަތުﷲ ވާރޭ ވެހުނު ދުވަހެއްގެ މެންދުރު ރަސްފަންނު މޫދަށް ފައިބާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ އާންމު ކުރަމުން ފުލުހުން ބުނެފައިވަނީ ސިދުރަތުﷲ އާއި ދިމާވި މިހާކު ހުރިނަމަ އެކަން ފުލުހަށް އަންގައިދިނުމަށެވެ.
ފުލުހުން މިއަދު ބުނީ، ސިދުރަތުﷲގެ ހަށިގަނޑު ޕޯސްޓަމްއަށް އިންޑިއާއަށް ނުފޮނުވި ލަސްވަނީ ކޮވިޑުގެ ސަބަބުންނާއި ރާއްޖެއިން ބޭރުން އެކަން ކުރަން ޖެހޭތީ ދިމާވާ ލަސްތަކުގެ ސަބަބުން ކަމަށެވެ. އަދި މި ހަފުތާ ތެރޭގައި ހަށިގަނޑު ޕޯސްޓުޕޯޓަމަށް ފޮނުވޭނެ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
ސިދުރަތުﷲގެ ހަށިގަނޑު ބާއްވާފައި އޮތީ މޯޗަރީގަ އެވެ. އޭނާގެ ޖަނާޒާގެ ކަންތައް ކުރިއަށް ނުގެންދެވި ލަސްވާތީ އާއިލާއިން ވަނީ އެކަމުގެ ކަންބޮނޑުވުން ފައުޅުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް