ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް

ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ޑރ.އަބްދުﷲ މައުސޫމަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. ޖުމްހޫރީ ޕާޓީގެ...

10 Aug 2020 | 04:48

ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ޑރ.އަބްދުﷲ މައުސޫމަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިއަ ޖުލައި މަހުގެ ނުވަނަ ވަނަ ދުވަހު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކޮށް ހަމަ އެ ދުވަހު އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ވަގުތީ ގޮތުން މިނިސްޓްރީ ހަވާލުކޮށްފައި އޮންނަތާ މަސް ދުވަސް ފަހުންނެވެ.

ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަންކުރުމުގެ ކުރިން ޑރ.މަޢުސޫމް ހުންނެވީ ސިންގަޕޫރަށް ރައްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ މަޤާމުގައެވެ. ޑރ. ޢަބްދުﷲ މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ލިިބިފައިވާ ކަމަށާއި އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރު މައުސޫމަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވާފައިވާއިރު، ގާނޫނު އަސާސީގައި ބުނާ ގޮތުން ވަޒީރުންގެ މަޖީލިހަށް ނުވަތަ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ މިނިސްޓްރީއަކަށް މިނިސްޓަރަކު އައްޔަން ކުރުމަށް ފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް