އައިޖީއެމްއެޗާއި ދިމާލު މޫދުގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ތަހުގީގަށް އާންމުންގެ އެހީ އަށް ފުލުހުން އެދިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން ގދ. ވާދޫ، ރިމެމްބާ ޚަދާވަޑު، އުމުރުން 31 އަހަރުގެ މުހައްމަދު ޝިދުރަތުﷲ އަހްމަދެވެ.
މި ޒުވާނާ މަރުވެފައި އޮއްވައި މޫދުން ފެނުނީ އިއްޔެ ހެނދުނުއެވެ. މޫދުން މަރުވެފައި އޮއްވާ ފެނުނު އެ މީހާގެ މަރަކީ ގުދުރަތީ މަރެއްކަން ފުލުހުންނަށް އަދި ވަނީ ކަށަވަރު ނުކުރެވިއެވެ. އެހެންކަމުން މިކަން ކަށަވަރު ކިރުމަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ މީހާގެ ޕޯސްޓްމޯޓަމް އެއް ހެދުމަށް ފުލުހުން މިހާރު ވަނީ ނިންމާފައެވެ.
މި މަރާގުޅިގެން ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ނުވަޔަކާއި އާއި 12 އާއި ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، މަރުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ ފަރާތަކާ ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން އެ ގަޑީގައި ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުން ނުވަތަ އެ ހާދިސާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމެޖެންސީ ނަމްބަރު 119 ނުވަތަ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް