ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރެއްވި މައްސަލަ އަލުން ބަލާނެ ކަމަށް އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ އިދކޮޅު ކޮންގްރެސްއިން ބުނެފި އެވެ.
ބުރާސްފަތި ދުވަހުރޭ އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކޮންގްރެސް ލީޑު ކުރައްވާ ޕީއެންސީގެ ނާއިބު ރައީސް ވިދާޅުވީ، ނަޝީދު އަމުރަކަށް ސިފައިން އަބްދުﷲ ގާޒީ ހައްޔަރު ކުރެއްވި މައްސަލަ އަލުން ބައްލަވާނެ ކަމަށާއި، އެ މައްސަލައިގެ ތަހުގީގު ނިމެންދެން ނަޝީދު ހުންނަވަން ޖެހޭނީ ރާއްޖޭގައި ކަމަށެވެ. އަދި އެ މައްސަލަ ބަލަން ފެށުމުން ނަޝީދަށް ކުރިން ފަހަރު ގޮތަށް ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވާކަށް ނުކެރޭނެ ކަމަށެވެ.
"ނަޝީދަށް ދަންނަވާލަން ބޭނުންވަނީ މަނިކުފާނާ ދޭތެރޭ އަޅުގަނޑުމެން އެންމެ ފުރަތަމަ ބަލާނެ މައްސަލައަކީ އަބްދުﷲ ގާޒީ ހިފާ ހައްޔަރުކުރި މައްސަލަ. އަލުން އަޅުގަނޑުމެން އެ މައްސަލަ މުރާޖައާ ކުރާނަމޭ، މަނިކުފާނުގެ މައްސަލަ ބަލާ ނިމެދެން ހުންނަވަން ޖެހޭނީ ރާއްޖޭގައި. އަޅުގަނޑުމެން ވެރިކަމުގެ ހުވާ ކުރާތާ ފުރަތަަމަ ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓް ހިފަހައްޓާނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ނަޝީދުގެ އަމުރަކަށް ސިފައިން އަބްދުﷲ ގާޒ ހައްޔަރުކުރެއްވީ، މަނިކުފާނުގެ ޢާއިލާއާއެކު ގޭގައި އުޅުއްވަނިކޮށެވެ. އޭރުގެ ރާއްޖޭގެ ސިޔާސީ މައިދާން ހަލަބޮލިވެ އިދިކޮޅު ފަރާތްތަކުން ގެންދިޔައީ ބޮޑެތި މުޒާހަރާތަށް ކުރައްވަމުންނެވެ. އަދި އިދިކޮޅާ ދެކޮޅަށް ސަރުކާރުން ވެސް ދިޔައީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދަށް ދައުވާކޮށް 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
ރޭގެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޕާސްޕޯޓު ވެސް ހިފަހައްޓަވައި، އެ ދެ ބޭފުޅުންގެ ހިޔާނާތުގެ މައްސަލަ ވެސް ތަހުގީގު ކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް