ދުލުގެ އާފާތްތަކުން ދުރުހެލިވުމުން الله ތިބާގެ ޢައިބުތައް ފޮރުވައިދެއްވާކަން އެނގޭތަ

ދެކެވޭ ވާހަކަ ހަތަރު ބަޔަކަށް ބެހިގެންދާއިރު، އެއް ބަޔަކީ މުޅީން ހެޔޮލަފާ ވާހަކައެވެ. މިފަދަ ހެޔޮބަސްތައް ބުނުމަކީ ޘަވާބު ލިބޭކަމެކެވެ. އަނެއް ބަޔަކީ މުޅީން ގޯސް ވާހަކަތަކެވެ. އަދި ގޯސް ވާހަކަތަކުން ފ...

22 Jan 2021 | 02:53

ދެކެވޭ ވާހަކަ ހަތަރު ބަޔަކަށް ބެހިގެންދާއިރު، އެއް ބަޔަކީ މުޅީން ހެޔޮލަފާ ވާހަކައެވެ. މިފަދަ ހެޔޮބަސްތައް ބުނުމަކީ ޘަވާބު ލިބޭކަމެކެވެ. އަނެއް ބަޔަކީ މުޅީން ގޯސް ވާހަކަތަކެވެ. އަދި ގޯސް ވާހަކަތަކުން ފާފަލިބެއެވެ. މިފަދަ ވާހަކަތަކުން އެއްކިބާވުން ލާޒިމުވެގެންވެއެވެ. ތިންވަނައީ ގޯސް ވާހަކަތަކާއި ނުބައި ވާހަތަކެވެ. ނުބައިކަންކަމުން ހިމެނިފައިވާ ކޮންމެކަމަކާއި ދުރުހެލިވުން މޮޅުއިތުރުވެގެންވެއެވެ. ހަތަރުވަނައީ ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނެތް ވާހަކަތަކެވެ. މިއީ ބޭކާރު ވާހަކަތަކެވެ. ބޭކާރު ވާހަކަ ދެއްކުމަކީ ވަގުތު ނަގައިލުމެވެ.

ދުލަކީ الله ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިޢުމަތެކެވެ. އެހެން ނަމަވެސް އެ މަތިވެރި ނިޢުމަތުގެ ބޭނުން އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ހިފެނީ އޭގެ އެންމެ ފުރިހަމަ ގޮތުގައެއް ނޫނެވެ. މަދުން ނަމަވެސް އިންސާނާއަށް ދެއްވާފައިވާ ކުޑަކުޑަ ދުލަގެ މަތިވެރިކަން ދެނެތިބެ ދުލުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަމުންދާ މީހުންވެސް އުޅެއެވެ.

ދުލުން ކުރެވޭ އަޅުކަންތައް ބޮޑުވެފައި މުހިންމުވެގެންވާ ފަދައިން ދުލުން ކުރެވޭ ފާފަތައްވެސް ގިނަވެފައި ނުރައްކާތެރިއެވެ. އެގޮތުން ދުލުގެ އާފާތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކަށް ބަލައިލާނަމެވެ.

  • ނުބެހޭ ކަންކަމުގައި ވާހަކަ ދައްކައިހެދުން
  • ބާޠިލުކަންކަމުގައި ވާހަކަ ގިނަކުރުން
  • ޒުވާބުކޮށް ދެކޮޅުވެރި ބަސްތައް ބުނެހެދުން
  • ހުތުރު އެއްޗެހިގޮވައި ލަޢުނަތްދީ ފާސިޤުބަސްތައް ބުނެހެދުން
  • ފުރައްސާރަކޮށް މަލާމާތްކޮށް ވަނަން ކިޔުން
  • ލަވަޔާއި މިޔުޒިކު
  • ދޮގުހެދުން
  • ޣީބަބުނުން
  • ދެބައޮޑުވުން
  • ސިއްރުތައް ފާޅުކޮށް ބޭޒާރުކުރުން
  • ޤަޛުފުކުރުން
  • ގަސްތުގައި ދޮގުހުވާކުރުން
  • ދޮގުހެކިދިނުން

މަތީގައި އެވާ ކަންތައްތަކަކީ ދުލުގެ އާފާތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. އެ ކަންތައްތަކާމެދު ކީރިތި ޤުރުޢާނުގައްޔާއި އަދި ސުންނަތުން ދަލީލުތައް އައިސްފައި ހުރި ކަންތައްތަކެވެ.

އީމާންކަން ޘާބިތުވަނީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމުން ކަމަށްވާއިރު ކުފުރުވާ މީހުންވެސް އެންމެ ގިނައިން ކުފުރުވަނީ ދުލުގެ ޒަރީއާއިން ކަމަށްވުމީ އަހަރެމެން ވިސްނާ ފިކުރުކޮށް އިބުރަތް ޙާޞިލުކުރަންޖެހޭ ކަމެއްކަން ޔަޤީނެވެ.

އަހަރެމެންގެ މުޖުތަމަޢުގައި ދޫރައްކާތެރިކުރުމުގައި ފަރުވާކުޑަކުރާމީހުން ވަރަށްވެސް ގިނައެވެ. ދެ މީހަކު އެއްވެއްޖެނަމަ ދެއްކެނީ ކޮންމެވެސް މީހެއްގެ ނުބައި ވާހަކައެވެ. ނުވަތަ މީހަކަށް މަލާމާތް ކުރުމުގެ ވާހަކައެކެވެ. ދެބައުޑުވުމާއި ޣީބަ ބުނުންފަދަ ކަންކަމީ ކުޑަކަމެއް ކަމަށް ދެކިގެން މިހާރު ކުރެވޭ ކަންތައްތަކެވެ. ފެންނަމުން މިދަނީ ދުލުން ކުރެވޭ ފާފަތަކަށް އެއްވެސް ސަމާލުކަމެއް ނުދީ ފާފަ ކުރުމުގައި ދެމިތިބޭ މަންޒަރެވެ.

ދޫ ރައްކާތެރިކުރުމުގެ މުހިންމުކަން ބަޔާންކުރައްވާ ކީރިތި ރަސޫލާ ޞައްލަالله  ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

"މާތް الله އަށާއި ޤިޔާމަތްދުވަހަށް އީމާންވާ މީހާ ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. ނުވަތަ ހަނު ހުންނާށެވެ."  رواه البخاري ومسلم

ސަލަފުއްޞާލިޙުންގެ ބަސްތަކުގެ ތެރެއިން އަންނަނިވި ޢިބާރާތްކޮޅު ހިމެނެއެވެ. "ހަނުހުރުމަކީ ބުރަކަމެއް ނެތް އަޅުކަމެކެވެ. ގަހަނާއެއްނެތި ވޭވޭ ޒީނަތްތެރިކަމެކެވެ. ވެރިކަމުގެ ބާރެއްނެތި ލިބޭ ހައިބަވަންތަކަމެކެވެ. އެކަމުގެ ސަބަބުން ޢުޛުރުވެރިވުމުން އެއްކިބާ ކުރުވައެވެ. އަދި އެކަމުގެ ސަބަބުން ތިބާގެ ޢައިބުތައް ފޮރުވައިދެއެވެ".

މި ބަސްފުޅުން އަހަރެމެންނަށް އެނގިގެންދަނީ ބޭކާރު ވާހަކަ ދެއްކުމުގެ ބަދަލުގައި ހަނުހުރުމަކީވެސް ޒީނަތްތެރިކަމެއް ކަމުގައެވެ. އަދި ހަނުހުރުމުގެ ސަބަބުން އަހަރެމެންގެ ޢައިބުތައްވެސް ފޮރުވައިދޭކަމެވެ.

އެހެންކަމުން މި ނުބައި ޢަމަލުން އަހަރެމެންގެ ދޫތައް ސަލާމަތްކޮށް ދުލުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަސައްކަތްކުރަން އެބަޖެހެއެވެ. އެގޮތުން ދޫ ރައްކާތެރިކުރުމަށް އެހީވެދޭ ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ.

  • ދުލުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާ ކުރުން
  • ދޫ ރައްކާތެރިކުރުމުން ދުނިޔެއާއި އާޚިރަތުގައި ލިބޭ ފައިދާތައް ހަނދާންކުރުން
  • ދޫ ރައްކާތެރި ނުކުރުމުގެ ފާފައިގެ ބޮޑުކަން ހަނދާނުގައި އަބަދުވެސް ބެހެއްޓުން
  • ނަމާދުކުރުން
  • ގިނަވަގުތު ހަނުހުރުން
  • ދުޢާކުރުން
  • ކީރިތި ޤުރްއާން ގިނަގިނައިން ކިޔެވުން
  • ހެޔޮކަންކަމުގައި މަޝްޣޫލުވެ އުޅުން
  • ދޫ ރައްކާތެރިކޮށްގެން އުޅޭ އެފަދަ ފާފަތަކުން އެއްކިބާވެގެން އުޅޭ ރަޙްމަތްތެރިންނާ އެކުވެއުޅުން
  • ދުލުން ފާހިޝް ބަސްތައް ބޭނުންކުރެވިދާނެފަދަ އެންމެހައި ކަންމުން ރައްކާތެރިވެ އެފަދަ މަޖިލިސްތަކުން އެއްކިބާވުން

ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލާ މުޙައްމަދުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ.

އެމީހެއްގެ ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށް ބޭއްވޭނޭކަމުގެ ޔަޤީން ކަންދޭ މީހާ ސުވަރުގެ ވަންނާނޭކަމުގެ ޔަޤީންކަން އެކަލޭގެފާނު ދެއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް