ނޫސްވެރިޔާއަކީ ހަމައެކަނި ޚަބަރާއި މަޢުލޫޟާތު ފޯރުކޮށްދޭ މީހާ ނޫން ކަމަށާއި ނޫސްވެރިޔާއަކީ ގައުމެއްގެ ޢާންމު ޙާލަތު ތަސްވީރުކޮށްދޭ ކުރެހުންތެރިއެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އެވޯޑު ހަފުލާގައި ވާހަކަ ދައްކަވަމުން ހިދާޔަތުﷲ ވިދާޅުވީ ނޫސްވެރިޔާގެ ގަލަމަކީ ގައުމުގެ ހިމާޔަތުގައި ނުނިދާ ހޭލާ ހުންނަ ފާރަވެރިއެއް ކަމަށެވެ.
" ނޫސްވެރިޔާގެ ފިކުރަކީ މުޅި މުޖިތަމަޢުގެ ފައިދާއާ ލާބައަށް ވިސްނާ ވިސްނުމެއް. ނޫސްވެރިޔާއަކީ ވަށައިގެން ހިނގާ، ނުހިނގާ ހުރިހާ ހަގީގަތެއް ހޯދައި، ބަލާ ފޯރުކޮށްދޭ ވަސީލަތެއް. އޭނާއަކީ އޭނާ އެލިޔާ ވާހަކައާ ނުލިޔާ ވާހަކަވެސް ކިޔާ މީހާގެ ހިތަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ހުނަރުވެރިއެއް." ހިދާޔަތުﷲ ވިދާޅުވި އެވެ.
ހިދާޔަތުﷲ ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލުން އަހަރުން އަހަރަށް މަސައްކަތްކުރަމުން ގެންދަނީ އެވޯޑުގެ ފެންވަރު ރަނގަޅުކޮށް، ފުޅާކުރުމަށް ކަމަށާއި ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެމްއެމްސީ މިއަހަރު ހާސިލުކުރުމަށް ރާވާ، ނިންމާފައިވާ އެތައް މުހިންމު ކަމެއް މަޑުޖެހިގެންދިޔަކަމަށެވެ.
އޭނާ ވިދާޅުވީ މިއަހަރަށް ކުރަން ނިންމުނު ކަންކަމުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ރޭވުނު އެޑްވޮކަސީ ޕްރޮގްރާމުތަކާއި ޕްރެސް އަދި ސްކޫލު ކްލަބާއި ތަފާތު އެކި ޓްރެއިނިންގ ޕްރޮގްރާމުތައް ހިމެނޭ ކަމަށެވެ.
އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ ބިރެއްނެތި، މިނިވަންކަމާއެކު ޚިޔާލުފާޅުކޮށް ޚަބަރާއި މަޢުލޫމާތު ފޮރުކޮށްދިނުމުގެ މާހައުލެއް ނޫސްވެރިޔާއަށް އޮންނަންވާނެ ކަމަށެވެ. އަދި ނޫސްވެރިޔާ ފާޅުކުރާ ޚިޔާލަކުން ޖިނާޢީ ދަޢުވާކޮށް، ބޮޑެތި ޢަދަދުން ޖޫރިމަނާ ކުރެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް