އަންހެނާގެ ރީތިކަމާއި ޒީނަތަކީ މާތް ﷲ ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ

ދަންނާށެވެ. އަންހެނާގެ ރީތިކަމާއި ޒީނަތަކީ މާތް ދެއްވި އަގުނުކުރެވޭނެ ވަރަށް ބޮޑު ނިޢުމަތެކެވެ. އެނިޢުމަތް ދެއްވީތީ އެ ނިޢުމަތުގެ ބޭނުން މާތް ﷲ ޙަރާމްކުރެއްވި ގޮތުގައި ބޭނުންކުރުމަކީ ﷲ ދެއްވި ނިޢުމަތަ...

03 Apr 2021 | 06:56

ދަންނާށެވެ. އަންހެނާގެ ރީތިކަމާއި ޒީނަތަކީ މާތް ދެއްވި އަގުނުކުރެވޭނެ ވަރަށް ބޮޑު ނިޢުމަތެކެވެ. އެނިޢުމަތް ދެއްވީތީ އެ ނިޢުމަތުގެ ބޭނުން މާތް ﷲ ޙަރާމްކުރެއްވި ގޮތުގައި ބޭނުންކުރުމަކީ ﷲ ދެއްވި ނިޢުމަތަށް ކުފުރުވެރިވެ ބޮޑާ ވުމެވެ.

އަންހެނާވެސް އަދި ފިރިހެނާވެސް ރީތިވެ ޒީނަތްތެރިވުމަކީ ދީނުގައި މަނާކުއަވްވާފައިވާ ކަމެއް ނޫނެވެ. އާދެ، ދީން އެކަމަށް ބާރުއަޅާ ވެސް ކަމެކެވެ. ޚާއްޞަކޮށް އަންހެނާއަކީ ޒީނަތެއްކަމުގައިވާތީ އެޒީނަތް، ޒީނަތެއްގެ ގޮތުގައި ދަމަހައްޓަންޖެހެއެވެ. ނަމަވެސް އިސްލާމް ދީނުގެ ތަރަހައިގެ ތެރެއިންނެވެ. އަންހެނާގެ ރީތިކަން އެންމެންގެ ތެރޭގައި ނީލަން ކިޔުމަކާ ނުލައެވެ.

މާތް ﷲ އައްނޫރު ސޫރަތުގައި ބުރުގާގެ އާޔަތުގައި އަންހެނާގެ ޒީނަތުގެ ވާހަކަ ތަކުރާރުކޮށް ބަޔާންކޮށްފައި ވެއެވެ. އެއާޔަތް ނިންމާލައްވަމުން މިފަދައިން އަންގަވާފައި ވެއެވެ. وَلاَ يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمِ مَا يُخْفِينَ مِنْ زِينَتِهِنَّ  މާނައީ: އެކަނބަލުންގެ ޒީނަތުގެ ތެރެއިން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ފޮރުވަން ވާޖިބުވާ ތަނެއް ފާޅުވެދާފަދަ ގޮތަކަށް، އެބައިމީހުންގެ ތެރޭގައި އެކަނބަލުން ހިނގައިބިނގައި ނުހަދާށެވެ. މިއެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީތީ، މުސްލިމުން ކޮންމެކަމެއްވެސް ކުރާން އޮންނަ ރީތި ގޮތަށް އެކަމެއް ކުރުމަށް އިސްލާމު ދީން އަންގައެވެ. އެއިންކަމެއް ކުރުމުގައިވެސް ހައްދުން ބޭރުވެގެންނުވާނެއެވެ. މިގޮތުން ރީތިވުމާއި ތިމާގެ ހަށިގަނޑާއި ހަމުގެ ބުރުސޫރަ ދެމެހެއްޓުމާއި ތިމާގެ ރީތިކަން ހިފެހެއްޓުމަކީ ކުރާންއޮތް ކަމެއް ކަމުގައިވިއަސް އެކަމުގައި ހައްދުފަހަނަޅައި ދިއުމެއް އިސްލާމް ދިނަކު ނޯވެއެވެ. ދީނުގައި މަނާކުރެވިގެންވާ އެއްވެސް ކަމެއް، އެއީ ރީތިކަމެއް ކަމުގައި ބަޔަކު ދުށްކަމުގައިވިއަސް އެކަން ރީތިކަމެއްކަމުގައި ދެކިގެންނުވާނެއެވެ.

ރީތިކަން އެންމެ ބޮޑަށް ބޭނުންވަނީ އަންހެނާއަށެވެ. އަދި އެކަން ދަމަހައްޓަން މަސައްކަތްކުރަނީ ވެސް އޭނާއެވެ. ޖިންސުއްލަޠީފަކަށް ވީތީއެވެ. ޒީތަނަކަށް ވީތީއެވެ. ޖާޛިބިއްޔަތުގެ އަޞްލަށް ވީތީއެވެ. ޖޯޑެއް ފުރިހަމަވުމުގެ ޙަޤީޤީ މަންޒިލަށް އަންހެނާ ވީތީއެވެ. އެހެންނަމަވެސް ދަންނަންޖެހޭ ވަރަށް ބޮޑު ޙަޤީޤަތެއް އެބަ އޮވެއެވެ. އެއީ ޖިންސުއްލަޠީފެއްގެ ޙަޤީޤީ ރީތިކަމަކީ ކޮބައިކަމެވެ.

އަރަބި ޅެންވެރިޔަކު ބުނެފައިވަނީ މިފަދައިންނެވެ. އަންހެންކުއްޖާގެ ރިވެތިކަމަކީ އޭނާގެ ކިބައިގައި ހުންނަ އަޚްލާޤަކާއި އަދަބުވެރިކަމެކެވެ. ހަމައެކަނި އޭނާ އަޅާފައި ހުންނަ ގަހަނާއަކާއި ލިބިފައިހުންނަ ރީތިކަމެއްގެ ސަބަބަކުން ނޫނެވެ. އާދެ، އަންހެނާގެ ރީތިކަމަކީ އަޚްލާޤު ރީތިކަމެވެ. ތިމާއަށް ލިބިފައި ހުންނަ މުރާލިކަމެކެވެ. ތިމާގެ ކިބައިގައި ހުންނަ ވަފާތެރިކަމަކާއި ޢިއްފަތްތެރިކަމެކެވެ. ތިމާގެ ޠަބީޢަތް އެއަށް ހޭނިފައިވާ ކިޔަމަންގަތުމަކާއި ކިޔަމަންކުރުވުމުގެ ސިފައެކެވެ. ތިމާ ހޯދާފައިވާ ހިނިތުން މޫނެކެވެ. އެއިރުން އެފަދަ އަންހެނާއަކީ ދެދުނިޔެ ލިބިއްޖެ އަންހެނެކެވެ. ދެދުނިޔޭން ކާމިޔާބު ހޯދައިފި މީހެކެވެ. އެންމެ ރީތި ޖިންސުއްލަޠީފެވެ.

މިތާގައި ހަނދުމަކޮށްލަންޖެހޭ އެހެން ނުގުތާއެއްވެސް އޮބަ އޮވެއެވެ. އެއީ ސުވަރުގެއިން އެންމެ މަތީ މަޤާމު ޙާޞުލުކުރެވޭ މީހަކީ ކޮބައިކަން ދަތުމެވެ. އަންހެނާއަށް ސުވަރުގެއިން ލިބޭނެ އެންމެ މަތިވެރި އެއް ނިޢުމަތަކީ އޭނާއަށް ދުނިޔެމަތީގައި ބޭނުންވާ އެންމެ ބޮޑު އެއް ނިޢުމަތެވެ. އެއީ ރީތިކަމެވެ. ދަންނާށެވެ! އެ ރީތިކަމަކީ ހަމަ އެކަނި ބުރުސޫރައިގެ ރީތިކަމެއް ނޫނެވެ. ދުނިޔެމަތީގައި ޞާލިޙުގޮތުގައި، ރީތި އަޚްލާޤާއެކު އުޅޭ އަންހެނާއަށް އޭނާގެ އަޚްލާޤާ އެއްވަރަކަށް ސުވަރުގޭގައި ރީތިކަން ދެއްވާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

އާދެ، އެއީ މަތިވެރި މާތްﷲގެ ދީލަތިވަންތަ ކަމުގެ ބޮޑުކަމެވެ. އާޚިރަތް ދުވަހު ސުވަރުގެ ވެރިންގެ ގޮތުގައި ލައްވާފައިވާ އަންހެނުންނަށް މާތް ދެއްވާނެ ނިޢުމަތަކީ ޙޫރުލްޢީނުންނަށް ވުރެން އެފަދަ ޖިންސުއްލަޠީފުން ރީތިވެފައި ޖާޛިބިއްޔަތު ގަދަވުމެވެ. ﷲ އީ ހުރިހާކަމަކަށް ކުޅަދުންވަންތަ މަތިވެރި އިލާހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް