މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ ކޯވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވާހަރަ ވެއްޖެ އެވެ.
ށ. މަރޮއްޓަށް އުފަން ހުސައިން އަބްދުﷲ އަވަހާރަވީ އުމުރުފުޅުން88 އަހަރުގައި އެވެ. އެމަނިކުފާނު ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ޑިއެޗް11 ގައި ފަރުވާ ދޭން ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އަވަހާރަވިއިރު ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައި އެވެ.
ރާއްޖެއިން ކޯވިޑް-19 ގައި ފުރަތަމަ އަވަހާރަވީ ހުސައިން އަބްދުﷲގެ އަނބިކަނބަލުންނެވެ. ހުސައިން އަބްދުﷲ އަކީ މި ބަލީގައި ދުނިޔެ ދޫކުރި ހަތަރުވަނަ މީހާ އެވެ.
ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ.އ) ދިވެހި ދައުލަތުން 2011 ގައި އަރުވާފައިވާ ހުސައިން އަބްދުﷲ އަކީ ވިޔަފާރީގެ ރޮނގުންނާއި އަމިއްލަފުޅު ރަށާއި އަތޮޅަށް އަދި މުޅި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އެމަނިކުފާނު ވަނީ އަމިއްލަފުޅު ރަށުގައި ސްކޫލެއް ބިނާކުރައްވާ އޯލެވެލް ފެންވަރަށް ކިޔަވައިދޭން ފައްޓާފައި އެވެ. އަދި އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ޕާކިސްތާނަށް ފޮނުވައިގެން ޤުރުއާން ހިތުދަސް ކުރުވާފައިވެ އެވެ. ވިޔަފާރީގެ ރޮނގުން ރާއްޖޭއަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވާފައިވެ އެވެ.
ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތުގެ އިތުރުން ސަރުކާރުން ވަނީ ޖަމާއަތަށް ފައިދާ ހުރި ހާއްސަ ހިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ގައި ހުސައިން އަބްދުﷲ އަށް އާންމު ހިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައި ވެއެވެ. އޭގެ 13 އަހަރު ފަހުން، 2005 ވަނަ އަހަރު އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ވެސް އެ މަނިކުފާނަށް ސަރުކާރުން އެރުވި އެވެ.
ހުސައިން އަބްދުﷲ އަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ އުސްމާން އަބްދުﷲ ގެ އެއްބަނޑުއެއްބަފާ ބޭބޭފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް