މާތް ﷲ އިންސާނުންނަށް އެކަލާނގެ ތަނަވަސް ނިޢުމަތްތަކުން ދަރުމަވެރިވޮޑިގެން، މަތިވެރިކަމާއި މާތްކަން ދެއްވައި ދަރަޖަ މަތިވެރިކުރެއްވިއެވެ.
އަދި ﷲ ތައާލާ އުޑުތަކާއި ބިމުގައި ވާހާ ތަކެއްޗެއް އިންސާނުންނަށް ހިދުމަތްކުރައްވާ އެކަލާނގެ ނިއުމަތްތައް ފާޅުވެގެންވާ ގޮތުގައާއި، ވަންހަނާ ވެގެންވާ ގޮތުގައި އެބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވަބާފައިވެއެވެ. އަދި އެއީ އެތަކެތިން އެބައިމީހުން ހިތްހަމަ ޖެހުމާއި ފައިދާ ލިބިގަތުމަށެވެ. އަދި ހަމައެހެންމެ އެއީ އެކަލާންގެ އެބައިމީހުން ހެއްދެވި މަޤްސަދު ހާސިލުކުރުމަށްޓަކައި ވެސް މެއެވެ.
މާތް ﷲ އިންސާނާ ހެއްދެވި މަޤްސަދު ބަޔާންކުރައްވާ ކީރިތި ޤުރުއާނުހައި އަންގަވާ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "ތިމަންރަސްކަލާނގެއަށް އަޅުކަންކުރަން މެނުވީ، ތިމަންރަސްކަލާންގެ ޖިންނީންނާއި، އިންސީން ނުހައްދަވަމެވެ.
އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާންގެ ރިޒުގަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ. ހަމަކަށަވަރުން، ﷲ އީ، ރިޒުގު ދެއްވާ ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާންގެއެވެ."
ކޮނަމެއަކަސް އިސްލާމީ ޝަރީއަތުގައި އިންސާނާގެ ނަފުސުގެ ދަރަޖަ އަކީ ބަރަށް ވެސް މަތިވެރި ދަރަޖައެކެވެ. އެހެންކަމުން މި ސަބަބާއި ހެދި އިސްލާމް ދީނުގައި ނަފުސުގެ ރައްކާތެރިކަމަށް ބާރުއަޅައިފައިވެއެވެ. މިގޮތުން އިސްލާމީ ޝަރީއަތުގެ އެންމެހާ ހުކުމްތައް ބިނާވެފައިވަނީ އިންސާނާގެ މަސްލަހަތުތައް ރައްކާތެރިކޮށް، ނަފްސު ހިމާޔަތްކޮށް، ދެދުނިޔޭގެ ރައްކާތެރިކަމާއި ބާއްޖަވެރިކަމުގެ މައްޗަށެވެ.
އެހެންކަމުން ސަލާމަތުގެ ސަބަބުތަކުގައި ހިފުމުގެ މުހިންމުކަން ގުރުއާނާއި ސުންނަތުގައި ދޭހަވާން އޮތްއިރު، ސަލާމަތުގެ ސަބަބުތަކުގައި ނުހިފުމުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމައުގައި މިއަދު ހީނުކުރާހާ ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުންނެވެ.
އިންސާނީ ނަފްސުގެ މަތިވެރިކަމާ، އެނަފްސު ހިމާޔަތް ކޮށް ރައްކާތެރިކުރުމަށް އިސްލާމްދީން ބާރުއަޅައެވެ. އެހެންކަމުން ތިމާގެ އަމަލުތަކުގެ ސަބަބުން އެހެން ފަރާތްތައް ނުރައްކަލަކަށް ހުށަހެޅިގެން ދިޔަދީގެން ނުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް