ދިވެހިރާއްޖޭގައި އިންސާނުންނަށާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލްސްތައް މެނޭޖްކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑރ. ޢަބްދުﷲ ނަސީރު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ެލިމިނޭޓިންގ ޕަރސިސްޓެންޓް އޯރގަނިކް ޕޮލިއުޓެންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" އިންސެޕްޝަން ވަރކްޝޮޕް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ނަސީރު ވަނީ ދިވެހިރާއްޖެއަކީ 1994 ވަނަ އަހަރުން ފެށިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ މެމްބަރު ޤައުމެއްކަން ފާހަގަ ކުރައްވާ ޖެފްގެ ފަރާތުން ތިމާވެށީގެ އެކި ކަންތައްތައް ކުރުމަށް އެހީ ލިބެމުންދާ ކަން ފާހަގަކުރައްވާފަ އެވެ.
މި މަޝްރޫއު ހިންގުމަށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ދަށުން 3.6 މިލިއިން ޑޮލަރު ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ޔޫއެންޑީޕީ ގުޅިގެންނެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި އިންސާނުންނަށާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލްސްތައް މެނޭޖްކުރުމުގައި ދަތިތަކެއް ހުރިކަމަށާއި އެހެންކަމުން އެއީ މިހާރުން މިހާރަށްވެސް ހައްލުކުރަންޖެހޭ ކަންތައްތަކެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށާއި އަދި ތިމާވެއްޓާއި ރައްޓެހި ގޮތަށް ކެމިކަލްސް ނައްތާލުމަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންވާ ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި ކެމިކަލްސް ގެ ބާވަތެއް ކަމަށްވާ 'ޕަރސިސެޓެންޓް އޯރގަނިކް ޕޮލިއުޓެންޓްސް' (ޕޮޕްސް) މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕެލޭންގައިވާ ގޮތަށް ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ޔަޤީންކަންވެސް ސްޓޭޓް މިނިސްޓަރ ވަނީ ދެއްވާފައެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ޕްރޮޖެކްޓުގެ ދަށުން 24 ޓަނުގެ ޕީސީބީ- ކޮންޓެމިނޭޓެޑް އޮއިލް އަދި އިކުއިޕްމަންޓްތައް ރާއްޖެއިން ބޭރު ފެސިލިޓީއަކަށް ފޮނުވައިގެން ނައްތާލުން ކަމަށާއި މިކަންތައް ކުރުމަށް ބޭނުންވާ ސިސްޓަމްތައް ޤާއިމުކުރާނެކަމަށެވެ.
އެގޮތުން މި ތަކެތި ކަލެކްޓްކުރުމާއި، ލޭބަލްކުރުމާއި، ސްޓޯރ ކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމަށާއި ނައްތާލުމަށް ސިސްޓަމްތައް ޤާއިމުކުރެވިގެންދާނެކެމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ކުރެވިގެންދާނެ އެންމެ ބޮޑު ކަމަކީ ނުރައްކާތެރި ކެމިކަލްސްތައް މެނޭޖްކުރުމަށް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރުން ކަމަށްވެސް ސެޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް