އައިޖީއެމްއެޗާއި ދިމާލުން މޫދު އަޑީގައި އިއްޔެ މަރުވެފައި އޮއްވަ ފެނުނު މީހާ ފެނުނު ސަރަހައްދަށް ފުލުހުން ފީނައި އިތުރު ހެކި ފެނޭތޯ ބަލާފައިވާ ކަމަށް ބުނެފި އެވެ.
މަރުވެފައި އޮއްވަ ފެނުނީ ގދ. ވާދޫ، ރިމެމްބާ ޚަދާވަޑު، އުމުރުން 31 އަހަރުގެ މުހައްމަދު ޝިދުރަތުﷲ އަހްމަދެވެ. އޭނާ މަރުވެފައި އޮއްވަ ފެނުނީ އެ ސަރަހައްދަށް ޑައިވިނަށް ދިޔަ ބަޔަކަށެވެ.
ފުލުހުން ބުނީ ސިދްރަތުﷲ މަރުވެފައި އޮއްވަ ފެނުނު ފަހުން އެ ސަރަހައްދަށް ފީނައި އިތުރަށް ބަލާފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.
ސިދްރަތުﷲގެ މަރަކީ ގުދުރަތީ މަރެއްކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. އެހެންކަމުން މިކަން ކަށަވަރު ކުރުމަށް ބަލަންޖެހޭ ކަންކަން ބެލުމަށް އޭނާގެ ޕޯސްޓްމޯޓަމް އެއް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ.
މި މަރާއި ގުޅިގެން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށްވެސް އެދިފައި އެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00-12:00 އާއި ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، މަރުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ ފަރާތަކާ ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ އެ ގަޑީގައި ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުން ނުވަތަ އެ ހާދިސާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމެޖެންސީ ނަމްބަރު 119 ނުވަތަ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް