މާލެ އައީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ހުއްދަ ލިބިގެން: އަބްދުﷲ ރިޔާޒް

މިއަދު ފަތިހު ލޯންޗެއްގައި މާލެ އައީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ހުއްދަ ލިބިގެން ކަމުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ. މެމްބަރު ރިޔާޒް މިއަދު ހެނދުނު ...

26 Apr 2020 | 12:52

މިއަދު ފަތިހު ލޯންޗެއްގައި މާލެ އައީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ހުއްދަ ލިބިގެން ކަމުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

މެމްބަރު ރިޔާޒް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި، ލޯންޗު މަތީގައި މާސްކާއެކު އިންނެވި ފޮޓޯއަކާއެކު ވިދާޅުވެފައިވަނީ 15 ދުވަހު ތިމަރަފުށީގައި ހޭދަކުރުމަށްފަހު މިއަދުގެ ހިތްގައިމު ފަތިހު ވަގުތުގަ ރަށުން ފުރައިގެން އިރުމެދު ނުޖެހެނިސް މާލެ އާދެވިއްޖެ ކަމަށެވެ.

"ތިމަރަފުށީގަ ހޭދަކުރި 15 ދުވަހު އެކިގޮތްގޮތުން އެހީތެރިވެދެއްވި އެންމެންނަށް ޝުކުރު ދަންނަވަން." އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މި ޓްވީޓާއެކު ސޯޝަލް މީޑިއާގައި އަބްދުﷲ ރިޔާޒަށް ވަރަށްބޮޑަށް ފާޑުކިޔުން އަމާޒުވެގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި މަޖިލިސް ބައެއް މެމްބަރުންވެސް ހިމެނެއެވެ.

އެގޮތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، އަބްދުﷲ ރިޔާޒްގެ ޓްވީޓް ކުއޯޓް ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވަރަށް ގިނަ ރައްޔަތުން މާލެއިން ނުފޭބިގެން އަދި މާލެ ނޭރިގެން އެކަމުގެ މައުލޫމާތު ހޯދަން ގުޅާ ކަމަށާއި މާލެ ލޮކްޑައުން ހާލަތުގައި  އަބްދުﷲ ރިޔާޒަށް މާލެ އާދެވުނީ ކޮން ސަބަބަކާ ހުރެކަން ސާފުވާންޖެހޭ ކަމަށެވެ.

މިކަމާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވީ ހުއްދައަށް އެދި މި މަހުގެ 17ގައި އެޗްޕީއޭއަށް ރިކުއެސްޓް ފޮނުވާފައިވާނެ ކަމަށާއި އެ ހުއްދަ ފުލުހުން ދީފައިވަނީ އިއްޔެ ކަމަށެވެ.

"11 ވަނަ ދުވަހު ތިމަރަފުއްޓަށް ދިޔައީ ވައިގެމަގުން، ދެކޮޅު ޓިކެޓްވެސް ނަގައިގެން، އެނބުރި އަންނަން އޮތީ 15އިގަ، ނަމަވެސް ލޮކްޑައުން ވުމުން އެދުވަހު އާދެވޭގޮތް ނުވި" ރިޔާޒް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުއްދައަށް އެދި އެޗްޕީއޭއަށް ފޮނުވުމުން އެޗްޕީއޭއިން ރިކުއެސްޓް ފުލުހުންނަށް ފޯވާޑް ކުރުމުން ހުއްދަ ދިނީ ފުލުހުން ކަމަށެވެ. އެ ލޯންޗުގައި ތިމަރަފުއްޓަށް ނިސްބަތްވާ އިތުރު ހަތް މީހަކު ދަތުރުކުރިކަންވެސް ރިޔާޒް ފާހަގަކުރެއްވިއެވެ.

ރިޔާޒަށް ހުއްދަ ލިބި މާލެއަށް ލޯންޗެއްގައި ދަތުރުކޮށްފައިވާއިރު ރިޔާޒްގެ ޓްވީޓަށް ރައްދު ދެއްވި އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެފައިވަނީ މެމްބަރު މުޣުނީ އާއި މެމްބަރު ފިރުޝާން އަކީ މާލެ ވަޑައިގަންނަވަން ހުއްދައަށް އެދުނު ދެ މެމްބަރު ކަމަށާއި އެ ދެ މެމްބަރުންގެ ރިކުއެސްޓް ވަނީ ރިޖެކްޓް ކޮށްފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް