މީސްތަކުންނަށް އެހީތެރިވެ ހެޔޮ ފޯރުކޮށްދިނުމަކީ ގިނަ ސަވާބާއި ދަރުމަ ހުރި ކަމެކެވެ. މާތްވެގެންވާ އިސްލާމް ދީނުގައި މީސްތަކުންނަށް ހެޔޮފޯރުކޮށް ދިނުކަމީ ކިތެންމެ ގިނަ ދަރުމައާއި ސަވާބު ހުރިކަމެއް ނަމަވެސް އެކަމުން ތިބާއަށް ދަރުމައާއި ސަވާބު ލިބޭނީ ﷲ އަށް ޓަކައި ހެޔޮ ނިޔަތުގައި އެކަން ކުރުމުންނެވެ. އަދި ހެޔޮ ފޯރުކޮށްދީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެކަން ކޮށްދިން މީހާގެ ކިބައިން އެއްވެސް ބަދަލަކަށް އެދުމެއް ނުވާހާލުގައި އެކަން ކޮށްދިނުމުންނެވެ.
ހެޔޮފޯރުވައި އެހީތެރިވެ އުޅުމަކީ މުޢުމިނުންގެ ސިފައަކަށް ވީއުރު، އެކަމުން ބަދަލު ލިބެން އެދެން ޖެހޭނީ މީސްތަކުންނަށް ހެޔޮ ފޯރުވައި އެހީތެރިވެ އުޅުމަށް އަމުރުކުރައްވެވި އިލާހުގެ ޙަޟުރަތުންނެވެ.
އެކަލާންގެ މުއުމިނުންގެ ސިފަ ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا (الإنسان: 8) (މާނައީ: ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ ﷲގެ ވަޖްހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް އަދި ޝުކުރަކަށްވެސް ތިމަންމެން ނޭދެމެވެ.)
މީސްތަކުންނަށް ފޯރުވައި އެހީތެރިވެ އުޅޭނަމަ އެކަލާނގެ އެ ކަމަށް ބަދަލުދެއްވާނެކަން ކަށަވަރެވެ. އަދި އެބަދަލު ވާހުށީ، ތިބާ ކޮށްދިން ހެޔޮކަމަށްވުރެ ބޮޑު އަދި ފުރިހަމަ ބަދަލަކަށެވެ.
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَمَا تُنفِقُوا مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنْتُمْ لاَ تُظْلَمُونَ (البقرة: 272) (މާނައީ: އަދި މުދަލުން ތިޔަބައިމީހުން ހޭދަކުރާ އެއްޗެއްގެ ސަވާބާއި ދަރުމަ ފުރިހަމަޔަށް ތިޔަބައިމީހުންނަށް ލިބޭނެތެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފު ނުކުރައްވާ ހުއްޓެވެ.)
ނަމަވެސް މީހަކަށް ހެވާއި ހެޔޮކަން ރައްދުވި މީހާގެ ކިބައިން ބަދަލު ލިބޭނެކަމަށް އުއްމީދުކޮށް އެކަން ކޮށްދީފިނަމަ ފަހަރުގައި ތިބާއަށް އެކަމުން މާޔޫސްކަން ފިޔަވައި އިތުރު އެއްޗެއް ނުލިބިވެސް ހިނގައިދާނެއެވެ. ހެޔޮފޯރުކޮށްދިނުމަކީ އިލާހީ އަމުރުފުޅެކެވެ. އެކަމަށް އަޖުރު ދެއްވާނީވެސް އެއިލާހެވެ. އެކަލާނގެ ތިބާއަށް ރަގަޅު ބަދަލެއް ދެއްވާނެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ މީހަކަށް ހެޔޮކަމެއް ކޮށްދީ އެހީތެރިވެއްޖެ ނަމަ ތިބާގެ އަތުން އެއްޗެއް މަދުވެ ގެއްލުންތަކެއް ވެދާނެ ކަމުގައެވެ. ނަމަވެސް ބޭނުންޖެހިފައިވާ މީހަކަށް ހެޔޮކަމެއް ފޯރުކޮށްދީ އެހީތެރިކަމެއް ވެދިނުމަކުން ތިބާއަށް ވާނެ ގެއްލުމެއް އަދި މަދުކަމެއްް ވެސް ނެތެވެ. ވަގުތީ ގޮތުން ޖީބަށް ލުއިކަމެއް އަޔަސް ފަހުން އޭގެ ބަދަލު ލިބިގެން ދާނެއެވެ. ތިބާގެ ހިތް އުފާވެރިކަމުން ފުރިގެން ދާނެއެވެ.
ލޯމަށްޗަށް ފެންނަ ހަޤީޤަތަކީ ބައެއް މީހުން ހިތްހަމަޖެހުމާ އުފާވެރިކަން ހޯދުމަށް ކުރާ ބުރަ މަސައްކަތުން ލިބޭ މުދާވެރިކަމާއި ފައިސާއިން ފުދުންތެރިކަން ނުވާކަމެވެ. ދިރިއުޅުމުގައި ދެކޮޅު ނުޖެހި އަތްމަތި ހުސްވާތަން ފެނެއެވެ. އެހެން ކަމުން ގިނަ ބަޔަކަށް އެ އުފާވެރިކަން ޙާޞިލެއްނުވެއެވެ. ހެޔޮފޯރުކޮށްދޭށެވެ! އެހީތެރިވާށެވެ.! އަދި އެކަމަށް އަމުރުކުރެއްވި ފަރާތުގެ ކިބައިން ބަދަލު ލިބުމަށް އެދި އެކަމަށް އުއްމީދުކުރާށެވެ! ތިބާ އަށް އޭގެ ބަދަލު ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމާއި މެދަކު ޝައްކެއްވެސް ނެތެވެ.!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް