މުސީބާތްތަކާއި ކާރިސާތަކުގައި އެންމެ ވަރުގަދަ ހަތިޔާރަކީ ﷲ ތައާލާ އެއްކައުވަންތަކޮށް އެކަލާނގެ ހަޒްރަތުން ވާތްގަށް އެދި ދެންނެވުން: ޚުތުބާ

ދިމާވާ މުސީބާތްތަކާއި ކާރިސާތަކުގައިވެސް މުއުމިނު އަޅުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ﷲ ތައާލާ އެއްކައުވަންތަކޮށް، އެކަލާންގެ ހަޒްރަތުން ވާތްގަށް އެދި ދެންނެވުންކަން އަދުގެ ހުކުރު ޚުތުބާގައި ފާހަގަކޮށ...

10 Apr 2020 | 08:18

ދިމާވާ މުސީބާތްތަކާއި ކާރިސާތަކުގައިވެސް މުއުމިނު އަޅުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ﷲ ތައާލާ އެއްކައުވަންތަކޮށް، އެކަލާންގެ ހަޒްރަތުން ވާތްގަށް އެދި ދެންނެވުންކަން އަދުގެ ހުކުރު ޚުތުބާގައި ފާހަގަކޮށްފިއެވެ.

އަދި ހަމަ އެހެންމެ އެ އިލާހުގެ ހެޔޮ މިވަރާއި ނުބައި މިންވަރަށް އީމާންވެ، ކޮންމެ ހާލަތެއް މެދުވެރިވިނަމަވެސް އެ ހާލަތަކަސް ކެތްތެރިވާން ވާނެ ކަމާއި އަދި ސަބަބުތަކުގައި ހިފައި ހައްގު ގޮތުގައި ﷲ އަށް ވަކީލު ކުރަންވާނެ ކަމުގައިވެސް އަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމް ދީނުގެ އެންމެ މަތިވެރި އަސާސަކީ ﷲ ތައާލާ އެއްކައުވަންތަ ކުރުމާއި ހައްގު ގޮތުގައި އިހްލާސްތެރިކަމާއެކު، ޝިރުކުން އެއްކިބާވެ، އެކަމުން މުޅިން ބަރީއަވުންކަން ފާހަގަކޮށް އަދުގެ ހުކުރު ޚުތބާގައި ބުނެފައިވަނީ އެއީ އެ މަގްސަދަކަށްޓަކައި އިންސާނުން ދުނިޔެއަށް ފޮނުވިގެންވާ މަގްސަދު ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކީ، ގަދަ ކީރިތިވަންތަ ﷲ ތައާލާގެ އަޅަކީމެވެ. އަޅިގަނޑމެންނަށް ފެށުމެއް ވީފަދައިން، ނިމުމެއް އޮންނާނެއެވެ. އެ ނިމުމާ އަޅުގަނޑުމެންނާ ބައްދަލުވާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދިރިހުރިހައި ހިނދަކު މިވަނީ، އަމަލުކުރުމުގެ ފުރުސަތު ލިބިފައިވާ ވެއްޓެއްގައެވެ. ޚުތުބާގައި ބުނެފައިވެއެވެ.

އަދި ހަމަ އެފަދައިން އަހަރެމެން އެންމެން، މި ތިބެނީ މަރުގެ ތުންފަތް މަތީގައިވެސް ކަމާއި ދިރިހުރުމާއި މަރާ ދެމެދު، މި އޮތް ވަގުތުކޮޅުގެ ތެރގައި ބޭނުންހައި ގޮތަކަށް އުޅެގެން ނުވާނެ ކަމާއި ބޭނުންހައި މަގެއް ހިޔާރުކޮށްގެން ވެސް ނުމެ ވާނެ ކަމާއި އޭގެ ބަދަލުގައި ގަދައަޅައި މަސައްކަތް ކުރަން ޖެހޭނީ ﷲގެ ރުއްސެވުމާއި ފުއްސެވުން ހާސިލުކުރުމަށް ކަމުގައިވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

"މިއީ އިމްތިހާނުގެ ހަޔާތެއްކަން ދަނެ، އަމަލުތައް ސީދާ ކުރުމަށެވެ. އިބްތިގާދާއި، ބަހާއި، އަމަލުތައް ﷲ ތައާލާއަށް ހާލިސް ކުރުމަށެވެ. އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅަކީ، ލާ ކޮންމެ ނޭވާއަކީ ﷲ ތައާލާއެއްކަވުންތަ ކުރުން ރަމްޒުކޮށްދޭ އަމަލެއްކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހެއެވެ. އޭރުން ސަލާމަތާއި ރައްކާތެރިކަން ލިބޭނެއެވެ. އަމަން އަމާންކަން ގާއިމްވާނެއެވެ. ސިލްމާއި ސަލާތްކަން އާންމުވާނެއެވެ. ސާދާ ސީދާ ދިރިއުޅުމަކަށް މުޖްތަމައު މިސްރާބު ޖަހާނެއެވެ. ވެރިންނާއި ރައްޔިތުންގެ މެދުގައި އިތުބާރު އުފެދޭނެއެވެ. އަނބިންނާއި ފިރިންގެ މެދުގައި އުލްފަތާއި ކުލުނު އުފެދޭނެއެވެ. އަދި މައިންބަފައިންނާއި ދަރިންގެ މެދުގައި ރަހުމާއި ލޯބި އުފެދި އެންމެ އެއްބައިވަންތަކަމާއި އެއްބައިވަންތަކުމުގެ ކަމަރުން ބަނދެވިގެންދާނެއެވެ." ހުކުރު ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހައްގު ގޮތުގައި ﷲ ތައާލާ އެއްކައުވަންތަ ކުރުމަކީ ރަކައިން މިންޖުވެ ސުވަރުގެ ހާސިލުވާނޭ ސަބަބުކަން ފާހަގަކޮށް ހުކުރު ޚުތުބާގައި ގޮވާލާފައިވަނީ ތިޔަބައިމީހުން މާތް ﷲ އަށް ތަގްވާވެރިވުމަށެވެ. އެހެނީ ތަގްވާވެރި ވުމަކީ ގިޔާމަތް ދުވަހަށްޓަކައި ރައްކާކުރެވޭ އެންމެ ހެޔޮ އަމަލުކަމުގައި ތިޔަބައިމީހުން ދަންނަންވާނެކަމުގައި ބުނެފައިވެއެވެ. ޝިރްކުގައި އެންމެހައި ކަންކަމުން ދުރުހެލިވުމަކީ ދުނިޔޭގައިވެސް އަދި އާހިރަތުގައިވެސް އަމާންކަން ލިބުމުގެ ނާރެސް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް