މެރަތަން ރަނަރސްގެ ރައީސްގެ މަގާމަށް ޝިފާ ނަސީމް އަދި އައިލެންޑް ރަނަރސްގެ ރައީސްގެ މަގާމަށް ޢަބްދުﷲ އާދަމް އިންތިޚާބު ކޮށްފި އެވެ.
އިއްޔެ ބޭއްވި މި ދެ ކުލަބުގެ އިންތިޚާބުގައި މެރަތަން ރަނަރސްގެ ނައިބު ރައީސް ގެ މަޤާމަށް ހޮވުނީ މުޙައްމަދު ނައުފް ނަސްރު އެވެ. ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މުޙައްމަދު އަފްރާޙް ހޮވުނު އިރު، ޓްރެޜަރަރ ގެ މަޤާމަށް ހޮވުނީ ނައުފާ ނަސްރު އެވެ.
މި ކުލަބުގެ އިތުރު މެމްބަރުންގެ ގޮތުގައި ކުރިއަށް އޮތް 4 އަހަރަށް އިންތިޚާބުކޮށްފައިވަނީ ޢަބްދުﷲ އާދަމް އާއި ރިޒާން ރަޝީދު އެވެ.
އައިލެންޑް ރަނަރސްގެ ނައިބު ރައީސްގެ މަޤާމަށް މުޙައްމަދު ނައުފް ނަސްރު ހޮވުނު އިރު، ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް ހޮވުނީ ޝިފާ ނަސީމު އެވެ. އަދި ޓްރެޜަރަރގެ މަޤާމަށް ނައުފާ ނަސްރު އިންތިޚާބުވި އިރު، އިތުރު މެމްބަރުންގެ ގޮތުގައި އިންތިޚާބުވެފައިވަނީ އަހްމަދު އަޝްހަދު އަދި ޢައިޝަތު ރިޝްމީ އެވެ.
މި ކުލަބުގެ މެމްބަރުން ވެސް އިންތިޚާބުކޮށްފައިވަނީ ކުރިއަށް އޮތް 4 އަހަރަށެވެ.
ކޯވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި އިންތިޚާބު ބާއްވާފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށެވެ.
އެގޮތުން އިންތިޚާބަށް ވޯޓުލާން ދިޔަ އެންމެން ވޯޓުލާ ސަރަހައްދަށް ވެއްދީ ޓެމްޕްރޭޗަރ ބެލުމަށް ފަހު އެވެ. އަދި ވޯޓުލާ ސަރަހައްދުގައި ވަނީ އިޖުތިމާޢީ ގައިދުރުކަން ވެސް ބަހައްޓާފަ އެވެ.
މި ދެ ކުލަބަކީ ވެސް ރާއްޖޭގައި ލޯންގް ޑިސްޓެންސް ނުވަތަ ދިގު ދުވުންތަކަށް މީހުން ތަމްރީނު ކުރުމަށް އުފައްދާފައިވާ ދެ ކުލަބެވެ.
އެގޮތުން މި ދެ ކުލަބުން މިހާތަނަށް ވަނީ ގިނަ ދުވުންތެރިންތަކަށް ތަމްރީނުދީފަ އެވެ. އަދި މިހާރުވެސް އަންނަނީ ދެމުން ނެވެ.
ޚާއްސަކޮށް މެރަތަން ރަނަރސް ވަނީ ރާއްޖޭގެ އެތްލެޓިކްސް މުބާރާތުގައި ދެވަނަ މަގާމު ހާސިލު ކޮށްފައެވެ. އަދި ރާއްޖޭގައި މިވަގުތު ހުރި އެންމެ ގިނަ މެރަތަން ދުވި ނަސްރުﷲ އަހްމަދު (ނަސްރު) އާއި 5000 މީޓަރުގެ ރާއްޖޭގެ ރެކޯޑް ހޯލްޑަރ މުޙައްމަދު ރަޝީދު (މޯޑު) އަދި އަންހެން ދުވުންތެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ދެވަނައަށް ހުރި އެންމެބާރު ދުވުންތެރިޔާ ޢައިޝަތު ރިޝްމީ (އިއްތި) ވެސް ނިސްބަތްވަނީ މެރަތަން ރަނަރސް އަށެވެ.
މީގެ އިތުރުން މި ދެކުލަބުގެ ދުވުންތެރިން އަތޮޅު ތެރޭގައިވެސް އެބް ތިއްބެވެ. އެގޮތުން ފުވައްމުލައް ސިޓީ އަދި ޅ. ހިންނަވަރުގައި މި ދެކުލަބަށް ނިސްބަތްވާ އަދި ތަމްރީނު ހަދަމުން އަންނަ ދުވުންތެރިން އެބަ ތިއްބެވެ.
މި ދެ ކުލަބުގެ އިންތިޚާބު ބޭއްވުމުގައި ބީބީ ރަނަރސްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން މެރަތަން ރަނަރސް އަދި އައިލެންޑް ރަނަރސް އިން ފާހަގަ ކުރެއެވެ.
އެގޮތުން އިންތިޚާބު ބޭއްވުމަށް ހޯލު ހަމަޖައްސައިދީފައިވަނީ ބީބީ ރަނަރސްގެ ފަރާތުން ކަމަށް އެ ދެ ކުލަބުން ބުނެއެވެ.
ބީބީ ރަނަރސް އަކީ، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތާއި ދުވުން ޚާއްސަކޮށް ޢުމުރުން ދުވަސްވީ މީހުން ދުޅްހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް މަަސައްކަތް ކުރަމުން އަންނަ ކުލަބެކެވެ. ޚާއްސަކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބާއްވާ ދިގު ދުވުންތަކުގައި އެ ކުލަބުންވެސް ބައިވެރިވެ، އަންނަނީ އެދެވޭ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް