އެމްއެމްޕީއާރުސީން ދައުލަތަށް ލިބެން ޖެހޭ ބައިލައްކަ ޑޮލަރު އަނބުރާ ދެއްކުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
މިއީ އެމްއެމްޕީއާރުސީ ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏެއް ކަމަށްވާ އެމްއެޗްއެމްއައި ގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ފައިސާ އެވެ.
2014 ވަނަ އަހަރު އދ. ފުށިދިއްގާ އެމްއެމްޕީއާރުސީ މެދުވެރިކޮށް، އެމްއެޗްއެމްއައި އަށް ކުއްޔަށް ދޫކުރުމުން، އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ތިން މިލިއަން ޑޮލަރުގެ ތެރެއިން، ބައިލައްކަ ޑޮލަރު އެމްއެމްޕީއާރުސީއަށް ދެއްކި ޗެކު ޖަމާކޮށްފައިވަނީ އެމްއެޗްއެމްއާރުގެ އެކައުންޓަށެވެ.
އެހެންނަމަވެސް އެ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓުގައި ދައުވާކުރުމުން، އެ ކޯޓުން ހުކުމް ކޮށްފައިވަނީ އެ ފައިސާ ނަގައިދެވެން ނެތްކަމަށެވެ.
ސިވިލް ކޯޓުން އެގޮތަށް ނިންމުމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީއަށް ފައިސާ ލިބިފައިވާ ކަމަށް ބުނެ، ޒިޔަތު ސޮއިކޮށް ލިޔުން ދޫކޮށްފައި އޮތަސް، އެ ޗެކު ޖަމާވީ އެމްއެޗްއެމްއާރުގެ އެކައުންޓަށް ކަން ބޭންކް ސްޓޭޓްމެންޓްތަކުން އެނގެން އެބައޮތް ކަމަށެވެ.
އެކުންފުންޏަކީ ޒިޔަތާ އާއިލީގޮތުން ގުޅުން އޮތް މީހެއްގެ ކުންފުންޏެއް ކަމަށް ބުނެފައިވާތީ ދައުލަތުން އެ ބުނާ ބުނުމުގެ ތެދުކަން ހާމަވާ ކަމަށާއި އެހެންކަމުން، އެމްއެޗްއެމްއައި އިން ޗެކް ދޫކުރީ އެމްއެމްޕީއާރުސީއަށް ކަމަށްވެފައި، އެ ޗެކުގެ ފައިސާ އެމްއެޗްއެމްއާރު ކުންފުނީގެ އެކައުންޓަށް ޖަމާވެފައިވުމުން، އެ ފައިސާ ދައުލަތަށް ލިބެންޖެހޭނެ ކަމަށް ސާބިތުވެފައިވާތީ، އިއްޔެއިން ފެށިގެން މަސްދުވަހުގެ ތެރޭ އެ ފައިސާ ދައްކަން އަންގާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.
ހައިކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަލީ ސަމީރެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ތިއްބެވީ ގޭ ބަންދުގަ އެވެ. އޭގެ ތެރެއިން، ޔާމީން ވަނީ އޭނާއަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް