ބަރަކާތްތެރި ރަމަޟާން މަހަކީ ހެޔޮކަމުން ފުރިގެންވާ މައްސަރެކެވެ. އެއީ ކީރިތި ޤުރްއާނު އެ މައްސަރެއްގައި ބާވައިލެއްވުމުގެ ސަބަބުން މާތް ކުރެއްވިގެންވާ މަހެކެވެ. ޤުރްއާނަކީ ﷲގެ ޚަލްޤުތަކުންނަށް ހިދާޔަތު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ދުސްތޫރެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ)) މާނައީ : رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. އެ قرآن ބާވައިލެއްވީ، މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. "
ކޮންމެ އަހަރެއްގެ ރަމަޟާން މަސް މުސްލިމުންގެ ގާތަށް އަންނަނީ ހެޔޮ ޢަމަލުތައް އިތުރު ކޮށްދިނުމަށެވެ. ނުބައި ޢަމަލުތައް މަދުކޮށްދިނުމަށެވެ. އެމަހުގައި ހެޔޮކަމުގެ ދޮރުތައް ވަނީ ހުޅުވިފައެވެ. ސުވަރުގެ ވަނީ އެތާނގެ ދޮރުތައް ހުޅުވައިލައިފައެވެ. ނަރަކަ ވަނީ އެތާނގެ ދޮރުތައް ބަންދުކޮށްފައެވެ. ޝައިޠާނުން ވަނީ ކަސްތޮޅު އެޅުވި ބަންދު ކުރެވިފައެވެ. މި ފުރްޞަތުގެ ބޭނުން ކުރި މީހާގެ ބާއްޖަވެރިކަމާއެވެ! މި ފުރްޞަތު ނަގައިލިމީހާގެ އަބާއްޖަވެރިކަމާއެވެ! މިހެންވެ ކީރިތި ރަސޫލާ r ޙަދީޘް ކުރައްވަނީ ރަމަޟާން މަހުގެ ފުރަތަމަ ރޭ ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. ((يَا بَاغِيَ الْخَيْرِ أَقْبِلْ ، وَيَا بَاغِيَ الشَّرِّ أَقْصِرْ)) މާނައީ : އޭ ހެޔޮ ކަންތަކަށް އެދޭ މީހާއެވެ! ކުރިމަތިލާށެވެ! އޭ ނުބައި ކަންތަކަށް އެދޭ މީހާއެވެ! ފުރަގަސްދޭށެވެ! "
ތިބާގެ ކުރިމަތީގައި މި އޮތީ ފުރްޞަތެވެ. އެގާރަ މަސް ދުވަސް ޣާފިލުކަން މަތީގައި ތިބާ ހޭދަކޮށްފީމުއެވެ. އަވަހަށް ކުރިމަތިލާށެވެ! މި މަހުގައި ހެޔޮ ކަންތައްތަކުގެ ސަވާބު އެތައްއެތައް ގުނައަކަށް އިތުރުވެގެންދާނެތެވެ. ތިބާގެ އަތް ﷲގެ ޙަޟްރަތާ ގުޅާލާށެވެ! ރަނގަޅަށް ރޯދަ ހިފައިގެން، ރަނގަޅަށް ރޭ އަޅުކަންކޮށްގެން، ހެޔޮ ޢަމަލުތައް އިތުރުކޮށްގެން ﷲގެ ދަރުބާރަށް ވަންނާށެވެ. ﷲގެ ރަޙްމަތަށް އެދޭށެވެ!
ބަރަކާތްތެރި ރަމަމާންމަހުގައި އަޅުގަނޑުމެން މި ހިފާ ރޯދައަކީ ހަމައެކަނި ބަނޑުންނާއި ޝަހަވާތްތަކުން ހިފާ ރޯދައަކަށް ނަހަދަމާތޯއެވެ! ދުލުގެ ސަބަބުން ވެސް ރޯދަ ގެއްލިދާނެއެވެ. ދެ ލޮލުގެސަބަބުން ވެސް ރޯދަ ގެއްލިދާނެއެވެ. ދެ ކަންފަތުގެ ސަބަބުން ވެސް ރޯދަ ގެއްލި ދާނެއެވެ. ގުނަވަންތަކުގެ ސަބަބުން ވެސް ރޯދަ ގެއްލިދާނެއެވެ. ތިބާގެ ލޮލުން ޙަރާން އެއްޗެއްސަށް ބަލައި ނަމަ ރޯދަގެއްލިދާނެއެވެ. ތިބާގެ ދުލުން ދޮގު ހަދާނަމަ، ނެތިމޮށޭ ނަމަ، ދެބައޮޑުވާ ނަމަ،ހަޖޫ ކިޔާ ނަމަ، ފުރައްސާރަ ކުރާ ނަމަ ، ބާޠިލު ވާހަކަތައް ދައްކާނަމަ ރޯދަ ގެއްލިދާނެއެވެ. ތިބާގެ ކަންފަތުން ބާޠިލު ވާހަކަތައް އަޑުއަހައި ނަމަ ރޯދަ ގެއްލި ދާނެއެވެ.
ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ((مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ )) މާނައީ : ދޮގުހެދުމާއި ދޮގުވެރި ޢަމަލުތައް ހުއްޓާނުލައި، ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުމުގެ އެއްވެސް ބޭނުމެއް ﷲގެ ޙަޟްރަތުގައި ނުވެއެވެ." އަދިވެސް ޙަދީޘް ކުރެއްވިއެވެ. (( لَيْسَ الصِّيَامُ مِنَ الأَكْلِ وَالشَّرْبِ فَقَطْ. إِنَّمَا الصِّيَامُ مِنَ اللَّغْوِ وَالرَّفَثِ. فَإِنْ سَابَّكَ أَحَدٌ أَوْ جَهِلَ عَلَيْكَ فَقَلْ : إِنِّى صَائِمٌ )) މާނައީ : ރޯދަހިފުމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއްނޫނެވެ. އެކަމަކު ރޯދަހިފުމަކީ ހަޑިހުތުރު ބަސްތަކުންނާއި ހަޑިހުތުރު ފާޙިޝް ޢަމަލުތަކާ ދުރުހެލިވެ ހުރުމެވެ. ފަހެ،މީހަކު ތިބާއާ އަރާރުންވާން އުޅެފިނަމަ ، ނުވަތަ ތިބާއަށް ފުރައްސާރަކޮށްފިނަމަ ބުނާށެވެ! ހަމަކަށަވަރުން އަހުރެން މި ހުރީ ރޯދައަށެވެ. ކީރިތިރަސޫލާގެ މިބަސްފުޅުތަކުން އެގޭގޮތުގައި ރޯދަޔަށް އަދަބުތަކެއް ލިބިގެންވެއެވެ. މި އަދަބުތަކުން އަދަބުވެރި ނުވެ ރޯދަހިފުމުގެ ބޭނުމެއް ފަހެކޮބައިތޯއެވެ.؟
ނޯޓް: މިލިޔުމަށް މައުލޫމާތު ނަގާފައިވަނީ ޝައިޚް އިބުރާހީމް ރަޝީދު މޫސާ ރަމަޟާން މަހާއި ގުޅޭގޮތުން ލިޔުއްވަވާފައިވާ ލިޔުމަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް