މުހުސިން ދައުލަތަށް 67،000 ރުފިޔާ ދައްކަން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސި (އެމްއެމްސީ) ގެ ކުރީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ލިވިން އެލަވަންސްގެ ގޮތުގައި މާލިއްޔަތު ގާނޫނާއި ހިލާފަށް ނަގާފައިވާ 67،000 ރުފިޔާ އަނބުރާ ދައުލަތަށް ދެއްކުމަށް ...

31 Dec 2020 | 11:52

މޯލްޑިވްސް މީޑިއާ ކައުންސި (އެމްއެމްސީ) ގެ ކުރީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ލިވިން އެލަވަންސްގެ ގޮތުގައި މާލިއްޔަތު ގާނޫނާއި ހިލާފަށް ނަގާފައިވާ 67،000 ރުފިޔާ އަނބުރާ ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި އެވެ.

މި ފައިސާ މުހުސިންގެ އިތުރުން އޭރު އެމްއެމްސީގައި ތިއްބެވި އެހެން މެމްބަރުންވެސް ނަގާފައިވެ އެވެ. އެ މައްސަލައިގަ އެ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީން 2017 ވަނަ އަހަރު ދައުވާ ކުރުމުން ސިވިލް ކޯޓުން 2018 ވަަނަ އަހަރު ހުކުމްކުރީ މުހުސިންއާއި އެމްއެމްސީގެ އެހެން މެމްބަރުން އެ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

މަހަކު 7،500 ރުފިޔާގެ މަގުން ނުވަ މަސް ދުވަހަށް 67،000 ރުފިޔާ ނެގީ 2011 ވަނަ އަހަރު އޮގަސްޓު މަހު ގަނޑުކޮށެވެ. ސިވިލް ކޯޓުގެ ހުކުމާއި ގުޅިގެން މުހުސިން ފިޔަވާ އެހެން މެމްބަރުން އެ ފައިސާ ވަނީ އަނބުރާ ދައުލަތަށް ދައްކާފައި އެވެ. އެކަމަކު މުހުސިން ނިންމެވީ އެއީ އަނބުރާ ދައްކަން ޖެހޭ ފައިސާ ނޫންކަމަށްވާތީ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމަށެވެ.

މިއަދު އެ މައްސަލައިގަ ހައި ކޯޓުން ކުރި ހުކުމުގައި ބުނީ މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ލިވިން އެލަވަންސް ދިނުން މާލިއްޔަތު ގާނޫނާއި ހިލާފު ކަމަށް ފިނޭންސުން ހުށަހެޅި މައްސަލައިން އެނގޭ ކަމަށެވެ. ހައިކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި އެމްއެމްސީގެ މުސާރަ އަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ވާއިރު އެ ކައުންސިލްގެ މެމްބަރުންގެ ލިވިން އެލަވަންސް ދިނުމަށް މަޖިލީހުން ނިންމާފައި ނުވާ ކަމަށެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ދައުތަލަށް ފައިސާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް