ކޯވިޑް ވެކްސިން ހޯދަން ސިންގަޕޫރު ކުންފުންޏަކާއި އެކު ސޮއި ކުރަނީ

ކޯވިޑް-19 ގެ ވެކްސިން ހޯދަން ދިވެހި ސަރުކާރުން ސިންގަޕޫރު ކުންފުންޏަކާއި އެކު ސޮއި ކުރަން ނިންމައިފި އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ ކޯވިޑް ވެކްސިން ހ...

31 Dec 2020 | 11:13

ކޯވިޑް-19 ގެ ވެކްސިން ހޯދަން ދިވެހި ސަރުކާރުން ސިންގަޕޫރު ކުންފުންޏަކާއި އެކު ސޮއި ކުރަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ ކޯވިޑް ވެކްސިން ހޯދަން ހަވާޅު ކުރަން ނިންމާފައިވަނީ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާ ކަމަށެވެ. މި ގަރާރުގައި އަމީރު ވިދާޅުވީ ކޯވިޑުގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށް ވެސް ބޭނުންޖެހިފައިވާ ވެކްސިނަކަށް ވުމުން ވަކި ބައެއްގެ ފަރާތުން ނޫނީ މި ވަގުތު އެ ލިބެން ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ކުންފުންޏާއި އެކު ސޮއި ކުރުމަށް މާލިއްޔަތުގެ ގަވާއިދުގެ 1.02.1 ވަނަ މާއްދާއިން ފިނޭންސް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، މި އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ކޯވިޑުން ދިވެހިން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށް އެ އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާތީ ކަމަށް ވިދާޅުވެފައިވެ އެވެ.

މި އެއްބަސްވުމުގައޮ ސޮއި ކުރަން މާލިއްޔަރު ގަވައިދުގައި ބަޔާންކޮށްފައިވާ މާއްދާތަކުގެ ތެރެއިން އަމަލު ނުކުރަން ނިންމާފައިވާ މާއްދާތަކަކީ، 10.43 ވަނަ މާއްދާ އާއި 10.52 ވަނަ މާއްދާ އާއި 10.67 ވަނަ މާއްދާ އަދި 10.71 ވަނަ މާއްދާ އެވެ. މި މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައިވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އެސްޓްރާޒެނެކާއާއެކު ސޮއިކުރާ އެއްބަސްވުމުގެ މުއްދަތަށެވެ.

އެސްޓްރާޒެނެކާއާއެކު ހަދާ އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާނެ އެވެ. އަދި އެ ހަރަދުތައް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް އަންގާފައި ވެ އެވެ.

އެ ކުންފުންޏާއި އެކު ސޮއި ކުރަން ނިންމިކަން ހާމަ ކުރުމުގެ އިތުރުން އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް