އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ 13.5 ޕަސެންޓުން ކުރިއަރާނެ: އެމްއެމްއޭ

އަންނަ 2021 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 13.5 ޕަސެންޓުން ކުރިއަރާނެކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "އިކޮނޮމިކް އަޕްޑޭޓް" ރިޕޯޓުގައި ލަފާ...

31 Dec 2020 | 09:46

އަންނަ 2021 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 13.5 ޕަސެންޓުން ކުރިއަރާނެކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "އިކޮނޮމިކް އަޕްޑޭޓް" ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި މޮޑަރޭޓް ހާލަތުގައި މިއަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 29.3 ޕަސެންޓުން ދަށްވާނެ ކަމަށެވެ.

މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފަތުރުވެރިކަމާއި ހޯލްސޭލް، ރީޓެއިލް އަދި އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް އަދި ޓްރާންސްޕޯޓާއި ކޮމިއުނިކޭޝަންގެ ދާއިރާތަކަށް ބޮޑު ހީނަރުކަމެއް އައުމެވެ.

މީގެ އިތުރުން ވަކިވަކި ސިނާއަތްތަކުގެ ތެރެއިން ފަތުރުވެރިކަމަށް ބަލާއިރު، މިއަހަރުގެ ނޮވެމްބަރާ ހަމައަށް ފަތުރުވެރިން އައި އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 70 ޕަސެންޓު ވަނީ ދަށްވެފައިވާ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އެހެން ނަމަވެސް ބޯޑަރު ހުޅުވާލުމަށްފަހު ފަތުރުވެރިކަން މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައި ވެއެވެ.

އޮކްޓޫބަރު މަހުގެ ނިޔަލަށް ހިލޭ އެހީ ނުހިމަނައި މިއަހަރު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 45 ޕަސެންޓު ނުވަތަ 647.8 މިލިއަން ރުފިޔާ ދަށްވެފައިވާ އިރު، މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު މިއަހަރު ދައުލަތުގެ ޚަރަދުވެސް ވަނީ 26 ޕަސެންޓު ނުވަތަ 733.8 މިލިއަން ރުފިޔާ ދަށްވެފަ އެވެ.

މިއަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒަރވުގައި 638.1 މިލިއަން ޑޮލަރު ހުރި އިރު، ނޮވެމްބަރު މަސް ނިމުނުއިރު އެ އަދަދު ވަނީ 629.9 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

އޮކްޓޫބަރު މަހު ރިޒަރވުގައި ހުރި އަދަދާ އަޅާބަލާއިރު ނޮވެމްބަރު މަހު ރިޒަރވް އެއްޕަސެންޓު ދަށްވި ނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރިޒަރވް ވަނީ ހަތަރު ޕަސެންޓު އިތުރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް